ހޮނިހިރު ދުވަހު ފަތިހު އިންޑޮނޭޝިއާގެ ދެކުނު ސުލަވަސީ ޕްރޮވިންސްގެ ބުލުސަރައުންގް ފަރުބަދަ މައްޗަށް ވެއްޓުނު އިންޑޮނޭޝިއާ އެއާ ޓްރާންސްޕޯޓް (އައި.އޭ.ޓީ)ގެ މަތިންދާބޯޓުން އެއްވެސް މީހަކު ސަލާމަތްވިކަމަކަށް ނުބެލެވޭކަމަށް އޮފިޝަލުން ބުނެފިއެވެ.
އޭ.ޓީ.އާރް 42-500 މަރުކާގެ މަތިންދާބޯޓުން ދަތުރުކުރި 10 މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑު ފެނި، އޭގެ ތެރެއިން ފިރިހެނެއްގެ ހަށިގަނޑު ނަގައިފައިވާއިރު އަންހެނެއްގެ ހަށިގަނޑު މިހާރު ނަގައިގެން ގެންދާކަމަށް މީހުން ސަލާމަތްކުރުމާ ބެހޭ އިދާރާ ބަސަރްނަސްއިން އިއްޔެ ބުންޏެވެ.
"ހަގީގަތަށް ބަލާއިރު އެއްވެސް މީހަކު ސަލާމަތްވިކަމަކަށް ނުބެލެވުނަސް މުއުޖިޒާތަކަށް އަހަރެމެން އުއްމީދުކުރަން،" އެ އިދާރާގެ ވެރިއަކަށް ހުރި ވައިގެ ސިފައިންގެ އޮފިސަރު މުހައްމަދު ޝާފިއީ ބުންޏެވެ.
ކަނޑުމަތީގެ ކަންތައްތަކެއް ބެލުމަށް ކަނޑުތަކާއި މަސްވެރިކަމާ ބެހޭ ވުޒާރާއިން ހިންގި މިޝަނެއްގައި ދަތުރުކުރި މަތިންދާބޯޓު ވެއްޓިފައި އޮތް ސަރަހައްދުން ހަތް ފަޅުވެރިންނާއި ތިން ފަސިންޖަރުން ދިރިހުއްޓާ ދެން ނުފެންނާނެ ކަމަށް ބުންޏަސް 1،000 އަށްވުރެ ގިނަ މީހުންގެ ޓީމަކުން ދަނީ އެ މީހުން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. ބޯ ދުންފިނީގެ ތެރޭގައި އެ ޓީމުން މަސައްކަތް ކުރަމުންދަނީ ފަރުބަދަމަތިން ކައްސައިލައިގެން ވެއްޓޭ ކަހަލަ ހިސާބެއްގައެވެ. އަންހެންމީހާގެ ހަށިގަނޑު ނެގުމުގެ މަސައްކަތް އިއްޔެ ފެށީ 350 މީޓަރު ފުން ވާދީއަކުންނެވެ.
"މި ފަރުބަދަމަތި ފާހަގަކުރެވޭ މިންވަރަކަށް ނުރައްކާ. މީހުން ސަލާމަތްކުރުމުގެ ކަވި އޮޕަރޭޝަނަށް ވަގުތު ދޭންޖެހޭ،" މަކައްސަރު ސިޓީގެ މީހުން ސަލާމަތްކުރާ ޓީމުގެ ވެރިޔާ މުހައްމަދު އާރިފު އަންވަރު ބުންޏެވެ. ސާވޭލަންސް މިޝަންގައި ފްލައިޓް ޖައްސަން އޮތީ މަކައްސަރު އެއާޕޯޓަށެވެ.
މުހައްމަދު ބުނީ އަންހެންމީހާގެ ހަށިގަނޑު ވެހިކަލްއަކާ ހިސާބަށް ނުގެންދެވިގެން އުޅެނީ ބޯ ދުންފިންޏާހެދި ދުރު ނުފެންނާތީކަމަށެވެ.
ޝާފިއީ ބުނީ ވޮލެޓާއި ސްމާޓް ގަޑި ފަދަ ތަކެތި ފެނިފައިވާތީ ހަށިގަނޑުތައް ހޯދުމަށް ބޮޑު އެހީއެއް ލިބިފައިވާކަމަށެވެ.
"މީގެން ދައްކައިދެނީ މީހުން ހޯދާ ޓީމުގެ ބުރަ މަސައްކަތާއި އެ ޓީމުން އެއްބާރުލައިގެން މަސައްކަތްކުރާކަން،" އޭނާ ބުންޏެވެ.
މޫސުން ގޯސް ނަމަވެސް އަދި ފަރުބަދައެއް މަތި ކަމަށްވިޔަސް އަނެއް އަށް މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ބަސަރްނަސްއިން ބުންޏެވެ.



advertisment