ހޮނިހިރު ދުވަހު ފަތިހު ގެއްލުނު އިންޑޮނޭޝިއާ އެއާ ޓްރާންސްޕޯޓް (އައި.އޭ.ޓީ)ގެ އޭ.ޓީ.އާރް 42-500 މަރުކާގެ މަތިންދާބޯޓު ބުލުސަރައުންގް ފަރުބަދަމަތިން ފެނުނުއިރު، ފުރަތަމަ އެއް ހަށިގަނޑު ފެނިފައި އޭގެ ފަހުން އިތުރު ހަށިގަނޑުތައް ވެސް ފެނިފައިވާކަމަށް އޮފިޝަލުން ބުނެފިއެވެ. ނަމަވެސް އިތުރަށް ފެނުނީ ކިތައް ހަށިގަނޑުކަމެއް ނުބުނެއެވެ.
މީހުން ހޯދައި ސަލާމަތްކުރުމާ ބެހޭ އިދާރާ ބަސަރްނަސްއިން އިއްޔެ ބުނީ މަތިންދާބޯޓާއި ހަށިގަނޑުތައް އޮތީ ކައްސައި ކަހަލަ ވަރަށް ފުން ވާދީ ސަރަހައްދެއްގައި ކަމަށެވެ.
"ނެގުނީ އަދި އެއް ހަށިގަނޑު. ކައްސައި ކަހަލަ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާތީ އާއި ދުންފިންޏާއި ގަދަ ވައިގެ ސަބަބުން ދެން ފެނުނު ހަށިގަނޑުތައް ނެގޭނެ އިރެއް ބުނާކަށް ނޭނގޭ. ނަމަވެސް ޓީމުތަކުން އެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތައިގެން ކުރިއަށްދާނެ،" އޮފިޝަލަކު ބުންޏެވެ.
މީހުންގެ ހަށިގަނޑުތައް ނެގުމަށް ފޮނުވި ޓީމުތަކުން ރޭގަނޑުވުމުން މަސައްކަތް ހުއްޓައިލައިފައި މިއަދު އަލުން މަސައްކަތް ކުރިއަށްގެންދާނެކަމަށް އޭނާ ބުންޏެވެ. މި މަސައްކަތްކުރަނީ އެއްގަމު މަގުންނާއި ވައިގެ މަގުން ހެލިކޮޕްޓަރު ބޭނުންކޮށްގެންނެވެ.
ޔޮގްޔަކާޓާ ސިޓީން މަކައްސަރު ސިޓީއަށް ދަތުރުކުރަމުންދިޔަ ފްލައިޓްގައި 11 މީހުން ތިއްބެވެ. އެއީ އަށް ފަޅުވެރިންނާއި ތިން ފަސިންޖަރުންނެވެ. މިއީ އިންޑޮނޭޝިއާގެ ކަނޑުތަކާއި މަސްވެރިކަމާ ބެހޭ މިނިސްޓްރީން ކަނޑުމަތީގެ ކަންތައްތަކެއް ބަލަން ހިންގި މިޝަނެއްކަމަށް އޮފިޝަލުން ބުންޏެވެ.



advertisment