މިއަދު ފަތިހު ގެއްލުނު އިންޑޮނޭޝިއާ އެއާ ޓްރާންސްޕޯޓް (އައި.އޭ.ޓީ)ގެ އޭ.ޓީ.އާރް 42-500 މަރުކާގެ މަތިންދާބޯޓު އަދިވެސް ނުފެންނަކަމަށް އޮފިޝަލުން ބުނެފިއެވެ.
ޔޮގްޔަކާޓާ ސިޓީން މަކައްސަރު ސިޓީއަށް ދަތުރުކުރަމުންދިޔަ ފްލައިޓްގައި 11 މީހުން ތިއްބެވެ. އެއީ އަށް ފަޅުވެރިންނާއި ތިން ފަސިންޖަރުންނެވެ.
މުވާސަލާތީ ގުޅުން ކެނޑުނީ ސައުތު ސުލަވެސީ ޕްރޮވިންސްގެ މަރޮސް ޑިސްޓްރިކްޓްއާ ހިސާބުންނެވެ.
މީހުން ހޯދައި ސަލާމަތްކުރުމާ ބެހޭ އިދާރާ ބަސަރްނަސްއިން ބުނީ ޓޫރިސްޓުން ޒިޔާރަތްކުރާ އެ ގުދުރަތީ ރީތިކަން ހިމެނޭ ލިއަންގް-ލިއަންގް އަދި ބަންޓިމުރުންގް ސަރަހައްދަށް މަތިންދާބޯޓު ހޯދަން ވަގުތުން ޓީމުތައް ފޮނުވިކަމަށެވެ.

މަތިންދާބޯޓު ދަތުރުކުރަމުންދިޔައީ ނުބައި މަގުންކަމަށްވާތީ މަކައްސަރުގެ އެއާޕޯޓުގެ ރަންވޭއާ ދިމާވާ ގޮތަށް މަގު ރަނގަޅުކޮށްލަން އެއާ ޓްރެފިކް ކޮންޓްރޯލުން އެންގިކަމަށް އޮފިޝަލުން ބުންޏެވެ.
"މަގު ރަނގަޅުކުރަން އެންމެ ފަހުގެ އިރުޝާދު ދިންތަނާ ފްލައިޓާ ގުޅުން ކެނޑުނީ،" ދަތުރުފަތުރާ ބެހޭ ވުޒާރާގެ މަދަނީ އުދުހުންތަކާ ބެހޭ ޑިރެކްޓަރު ޖެނެރަލް ލުގްމާން ލައިސާ ބުންޏެވެ.



advertisment