މި ދިޔަ ހަފުތާގައި އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއެލާއަށް އަރައި އެ ގައުމުގެ ރައީސްގެ ދެކަނބަލުން ހައްޔަރުކޮށްގެން ޝަރީއަތް ކުރުމަށް އެމެރިކާއަށް ގެންދިއުމަކީ މި ފަދަ ފިޔަވަޅުތައް އެޅުމުގެ ތާރީހެއް އޮތް އެމެރިކާއިން ކުދި ގައުމުތަކަށް ވެސް ދިން ބިރުވެރި މެސެޖެއް ކަމަށް ސިންގަޕޫރުން ބުނެފިއެވެ.
ސިންގަޕޫރު ފަދައިން ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތައް ކަމަށްވާ އިންޑޮނޭޝިއާ އާއި މެލޭޝިއާގެ އިތުރުން ދެކުނު އޭޝިއާއިން އިންޑިއާ އަދި ދުރު އިރުމަތިން ޗައިނާއިން ވެސް މިހާރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސިންގަޕޫރުގައި ދެ ދަހަރު ބޮޑު ވަޒީރުކަން ކުރައްވައި، 2024 ގައި ދައުލަތުގެ އިސް ވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގަތް ލީ ޝިޔަން ލޫންގް (ފޮޓޯ) ބުރާސްފަތި ދުވަހު އޮތް ފޯރަމެއްގައި ވިދާޅުވީ ވެނެޒުއެލާގެ ދާހިލީ ކަންތައްތަކަށް އަސްކަރީ ފިޔަވަޅު އެޅުމަށް އަމިއްލައަށް ނިންމައި، އަދި ހުއްދަ ހޯދުމެއް ނެތި، އެ ގައުމުގެ ކަންތައްތަކާ އެހެން އެއްވެސް ގައުމަކުން ބެހިގެން ނުވާނެ ކަމަށެވެ.
"ކުޑަ ގައުމެއްގެ ނަޒަރުން ބަލާއިރު މިއީ ދުނިޔޭގައި ކަންތައްތައް ހުންނަ ގޮތް ކަމަށްވާނަމަ އެއީ މައްސަލައެއް،" ލީ ވިދާޅުވިއެވެ.
ހިޔާލުތަފާތުވުން އުފެދިފައިވާ، އެމެރިކާއިން ވެނެޒުއެލާއަށް ޖެހި "ރެއިޑު"ގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތަކާއި ބާރުގަދަ ގައުމުތަކުގެ ދައުރާމެދު ބަހުސެއް ވަނީ އުފެދިފައެވެ. އެ ގޮތުން އެމެރިކާއިން ވެނެޒުއެލާއަށް އެރުމުން ބައިނަލްއަގުވާމީ ގާނޫނުގެ ހައިސިއްޔަތާއި ދުނިޔޭގެ މަސްލަހަތު ގެއްލިދާނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ސަބަބަކީ އެމެރިކާގެ ނުފޫޒާމެދު ދުނިޔޭގައި ބައިބައިވުން އުފެދި ދުނިޔޭގެ އަމާންކަން ގެއްލިދާނެތީއެވެ.



advertisment