ދެކުނު އެމެރިކާ ބައްރުގެ ގައުމެއް ކަމަށްވާ ވެނެޒުއެލާއަށް އެއްގަމާއި ވައިގެ މަގުން މިއަދު ހަމަލާދީފައި ރައީސް ނިކޮލަސް މަދުރޯ އާއި އަނބިކަނބަލުން ސިލިއާ ފްލޮރެސް ހައްޔަރުކޮށްގެން އެމެރިކާއަށް ގެންގޮސް މަދުރޯއާ ދެކޮޅަށް މަސްތުވާތަކެތީގެ ވިޔަފާރި އާއި ޓެރަރިޒަމްގެ ދައުވާކޮށްފިއެވެ.
އެތައް ހަފުތާއެއް ވަންދެން ވެނެޒުއެލާއަށް ބިރުދެއްކުމަށްފަހު ދިން އެމެރިކާގެ ހަމަލާތައް ދެކުނު އެމެރިކާ ބައްރުގެ ހުރިހާ ގައުމަކުންހެން ކުށްވެރި ކުރިއިރު އެމެރިކާއާ ރަހްމަތްތެރި ހުޅަނގުގެ ގިނަ ގައުމުތަކުން ބުނެފައިވަނީ މައްސަލަ އިތުރަށް ގޯސް ނުވާނެ ކަމަށް އުއްމީދުކުރާ ކަމަށާއި މަސްރަހު ދިރާސާ ކުރަމުންދާ ކަމަށެވެ.
"މިއީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ.
"އެމެރިކާގެ ބިމުގައި އެމެރިކާގެ ކޯޓުތަކުގައި އެމެރިކާގެ ފުރިހަމަ އިންސާފާ މަދުރޯ ކުރިމަތިލާން ޖެހޭނެ،" އެމެރިކާގެ ބަންޑާރަ ނައިބު ޕޭމް ބޮންޑައި ވިދާޅުވިއެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ ވެނެޒުއެލާއާ ދެކޮޅަށް ދެން އިތުރު ފިޔަވަޅެއް ނާޅާނެ ކަމަށެވެ.
ވެނެޒުއެލާއިން ބުނީ މިއީ "އަސްކަރީ ހަނގުރާމައެއް" ކަމަށެވެ.
"މަދުރޯގެ ދެކަނބަލުން ދިރިހުރިކަމުގެ ސާބިތު ހެކި ބޭނުން،" ވެނެޒުއެލާގެ ނައިބު ރައީސް ދެލްސީ ރޮޑްރިގުއެޒް ވިދާޅުވިއެވެ.
ވެނެޒުއެލާގައި މިހާރުވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.
އެމެރިކާއަކީ އެހެން ގައުމުތަކަށް ވަދެ ނުވަތަ މަސްލަހަތާ ބެހި، ވެރިން ދުރުކުރުމުގެ ދިގު ތާރީހެއް އޮތް ގައުމެކެވެ. މި ބަލައިލަނީ އެ ތާރީހަށެވެ:
- 1989 ގައި ޕެނަމާއަށް އަރައި މެނުއެލް ނޮރިއޭގާ އަތުލައިގަނެގެން އެމެރިކާއަށް ގެންގޮސް މަސްތުވާތަކެތީގެ ވިޔަފާރީގެ ދައުވާކުރިއެވެ.
- 2003 ގައި، ރަހްމަތްތެރި ގައުމުތަކާ ގުޅިގެން އިރާގަށް އަރައި ސައްދާމް ހުސައިން ހައްޔަރު ކުރުމަށްފަހު އިރާގުގެ ކޯޓަކާ ހަވާލުކުރިއެވެ. ޝަރީއަތް ކުރުމަށް ފަހު 2006 ގައި އޭނާއަށްވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފައެވެ.
- 2011 ގައި، ހުޅަނގުގެ ގައުމުތަކުން އުފައްދައިފައިވާ އަސްކަރީ ޖަމިއްޔާ ނޭޓޯގައި އިސްވެހުރެ ލީބިޔާއަށް ވައިގެ މަގުން ހަމަލާދީ މުއައްމަރު ގައްޒާފީ ވެރިކަމުން ދުރުކުރުމަށް އެހީވިއެވެ. ލީބިޔާގެ ހަނގުރާމަވެރިން ފަހުން ވަނީ އޭނާ ހައްޔަރުކޮށްފައި އެ އަހަރު އަވަހާރަކޮށްލައިފައެވެ.
- 2000 – 2001 އާ ދޭތެރޭ ކުރީގެ ޔުގޮސްލާވިއާގެ ސާބިއާއަށް އެމެރިކާ އާއި ނޭޓޯއިން ބޮން އަޅައި، ސްލޮބޯޑަން މިލޮސެވިޗްގެ ވެރިކަން ނިކަމެތިކޮށްލިއެވެ. ސާބިއާގެ ކަމާ ބެހޭ އިދާރާތަކުން ފަހުން ވަނީ އޭނާ ހައްޔަރުކޮށް އެމެރިކާއާ ހަވާލުކޮށްފައެވެ. ބޮސްނިޔާ-ހާޒެގޮވީނާގެ މުސްލިމުންގެ ނަސްލު ނައްތައިލުމުގެ ކުށުގައި ޝަރީއަތް ކުރިއަށް ދަނިކޮށް އދ.ގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ހުއްޓައި އޭނާ ވަނީ ހިތް ހުއްޓިގެން މަރުވެފައެވެ.
- 1991 ގައި ޖީން-ބާޓްރަންޑް އަރިސްޓައިޑް ބަޣާވާތަކުން ވެރިކަމުން ދުރުކުރުމުން 1994 ގައި އެމެރިކާއިން ހައިޓީއަށް ވަދެ އޭނާ އަލުން ވެރިކަމަށް ގެނައެވެ. ނަމަވެސް ފަހުން ދެ ގައުމުގެ ގުޅުން ގޯސްވެ 2004 ގައި އެމެރިކާއިން އޭނާ ސެންޓްރަލް އެފްރިކަން ރިޕަބްލިކަށް ގެންދިޔައެވެ. އޭނާ ވިދާޅުވީ އޭނާ ކިޑްނެޕް ކުރީ ނުވަތަ ވަގަށް ނެގީ ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނީ އޭނާ އަމިއްލައަށް އިސްތިއުފާދެއްވީ ކަމަށެވެ.
- 1989 އިން 1992 އާ ދޭތެރޭ މުޖާހިދުންނަށް އެމެރިކާއިން އެހީވުމުން، މުހައްމަދު ނަޖީބުﷲ އަފްޣާނިސްތާންގެ ވެރިކަމުން ވެއްޓުނެވެ. ތޯލިބާން ޖަމާއަތުން އޭނާ ވަނީ 1996 ގައި އަވަހާރަކޮށްލައިފައެވެ.



advertisment