Support Us

ގްރީންލޭންޑް ނުހިފާނަން: އެމެރިކާ

މިދިޔަ ހޮނިހިރު ދުވަހު އަސްކަރީ ބާރާއެކު ވެނެޒުއެލާއަށް އެރި ފަދައިން ގްރީންލޭންޑަށް އަރައި އެ ގައުމު ނުހިފާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ހާރިޒީ ވަޒީރު މާކޯ ރުބިއޯ (ފޮޓޯ) ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވިދާޅުވީ ގްރީންލޭންޑަށް ނުފޫޒު ފޯރުވަން "ބާރުގެ ބޭނުމެއް ނުކުރާނެ" ކަމަށެވެ.

"ގްރީންލޭންޑެއް ނުހިފާނަން. ގްރީންލޭންޑާ އެމެރިކާއާ ދެމެދު އޮތް ގުޅުމަށް ބަދަލެއް ގެންނާނީ ވާހަކަ ދައްކައިގެން،" އޭނާ ވިދާޅުވިއެވެ.

ރުބިއޯ ވިދާޅުވީ އެމެރިކާއިން ބޭނުން ވަނީ ގްރީންލޭންޑް "ގަތުމަށް" ކަމަށެވެ. ނަމަވެސް ގްރީންލޭންޑްގެ ވެރިފަރާތް ޑެންމާކުން މިހާތަނަށް ވެސް ބުނަމުން އަންނަނީ އެ ކަން ނިންމާނީ ގްރީންލޭންޑުން ކަމަށެވެ. ސަބަބަކީ ގްރީންލޭންޑް ރައްޔިތުން އަމިއްލަ ވެރިކަމެއް ކުރާތީއެވެ.

ގްރީންލޭންޑް ރައްޔިތުން އެމެރިކާގެ އަތްދަށަށް ދާން ބޭނުމެއް ނުވެއެވެ. މިހެންވެ ރުބިއޯ ވިދާޅުވީ އެމެރިކާއިން މިހާރު ބޭނުންވަނީ ގްރީންލޭންޑާއެކު "ގުޅުންތައް ގާނޫނީ ގޮތުން ވަރުގަދަ ކުރަން" ކަމަށެވެ. ގްރީންލޭންޑުން ވަނީ މި ކަމަށް މަރުހަބާ ކިޔައިފައެވެ.

މި ދިޔަ މަހު 22 ގައި ގްރީންލޭންޑަށް އެމެރިކާއިން ހާއްސަ މަންދޫބެއް ކަނޑައެޅުމުން ޑެންމާކާއި ގްރީންލޭންޑުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނާޖާއިޒު ގޮތަކަށް ގްރީންލޭންޑްގެ މައްޗަށް އެމެރިކާއިން ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ބަލައިފައެވެ.

އެމެރިކާގެ ރިޔާސަތަށް ދެވަނަ ދައުރަކަށް ވަޑައިގަތުމަށްފަހު ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށެވެ. އެއީ ރަޝިޔާ އާއި ޗައިނާއިން އެމެރިކާގެ ސަލާމަތަށް ނުރައްކާ ކުރާތީ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *