އެމެރިކާގެ އެންމެ ބޮޑު އަދި އެތައް ގޮތަކުން އެންމެ މުހިންމު ސިޓީކަމަށްވާ ނިއު ޔޯކްގެ މޭޔަރުކަމުގެ ހުވާ ކުރުމަށްފަހު ފުރަތަމައިން ވެސް އިސްރާއީލާ އެއްކޮޅަށްހުރި ސިޓީ ކައުންސިލްގެ ނިންމުންތައް އަނބުރާގެންދިއުމުން ޒުހްރާން މަމްދާނީއަށް ފަލަސްތީނަށް ތާއީދުކުރާ މީހުން ތައުރީފުކޮށްފިއެވެ.
އުމުރުން 34 އަހަރުގެ މަމްދާނީ ނިއު ޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރުކަމާއި ހަތިމުގައި އަތްލައިގެން މަގާމުގެ ހުވާކުރި ފުރަތަމަ ނިއު ޔޯކް މޭޔަރު ކަމަށްވުމާއެކުހެން ބުރާސްފަތި ދުވަހު އޭނާ ވަނީ ފަލަސްތީންގެ ހައްގުތަކަށް ގޮވައިލުމާއި ފަލަސްތީންގެ ރައްޔިތުންގެ ޝަރަފު ރައްކާތެރި ކުރުމަކީ ރަނގަޅު ގޮތްކަމަށް ބުނެފައެވެ.
މަމްދާނީ މަގާމާ ހަވާލުވުމުގެ ކުރިން ނިއު ޔޯކްގައި ހުރީ އިސްރާއީލުގެ ކަންތައްތައް ބޮއިކޮޓް ކުރުމަށް ހުރަސްއަޅާ ގަވައިދުތަކެވެ. އަދި އިސްރާއީލަށް ފާޑުކިޔުމަށް ހުރަސްއަޅާ ގަވައިދުތައް ވެސް ހުއްޓެވެ.
ފަލަސްތީންގެ ހައްގުތަކަށް މަސައްކަތްކުރާ ފަލަސްތީން ޔޫތު މޫވްމަންޓްގެ ނަސްރީން އީސާ ބުނީ މަމްދާނީ އެޅި ފިޔަވަޅުތައް ރަނގަޅު ކަމަށެވެ.
"(އިސްރާއީލު ކޮޅަށް ބުރަވާ ގޮތަށް ހުރި ގަވައިދުތަކާ) މަމްދާނީ ދެކޮޅުހެދުމަކީ ނިއު ޔޯކް ރަށްވެހިންގެ ހައްގުތަކާއި ފަލަސްތީން ރައްޔިތުންގެ ޝަރަފު ރައްކާތެރި ކުރުމަށް އެޅި ރަނގަޅު ފިޔަވަޅެއް،" އޭނާ ބުންޏެވެ.
އެހެން ޖަމާއަތެއް ކަމަށްވާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީ.އޭ.އައި.އާރް)ގެ ނިޔު ޔޯކް ގޮފީގެ މެންބަރެއް ކަމަށްވާ އަފާފު ނަޝަރު ވެސް ބުނީ މަމްދާނީގެ ނިންމުންތަކަށް ތަރުހީބު ދޭ ކަމަށެވެ.
"ކުރީގެ ގަވައިދުތަކަކީ ގާނޫނުއަސާސީއާ ހިލާފު، އިސްރާއީލު ކޮޅަށް ހަދައިފައިވާ ގަވައިދުތަކެއް،" އޭނާ ބުންޏެވެ.
މަމްދާނީގެ ނިންމުންތަކަށް އިސްރާއީލު ސަރުކާރުންވަނީ ހަރުކަށިކޮށް ފާޑުކިޔައިފައެވެ.
"މިއީ ގެއްލުންހުރި އަދި ބައިބައިވުން އުފެދޭނެ ނިންމުންތަކެއް،" އިސްރާއީލުގެ އޮފިޝަލަކު ބުންޏެވެ.



advertisment