ޒުހްރާން މަމްދާނީ މިހާރު ވަނީ ތާރީހުގެ ތެރެއަށް ވަދެފައެވެ. އެއީ ދެ ގޮތަކަށެވެ.
އެއް ކަމަކީ އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރު ކަމަށް އިއްޔެ އޭނާ ވުމުންނެވެ.
އަނެއް ގޮތަކީ އުމުރުން 34 އަހަރުގެ މަމްދާނީއަކީ ހަތިމުގައި އަތްލައިގެން ހުވާ ކުރި ފުރަތަމަ ނިއު ޔޯކް މޭޔަރު ކަމަށްވުމެވެ.
ކަނާތު ފިޔައިގެ ހަރަކާތްތައް އެމެރިކާ އާއި ހުޅަނގުގައި އުތުރިއަރަމުންދާ ދަނޑިވަޅެއްގައި މުސްލިމެއް ކަމަށްވާ އިންޑިއާ ނަސްލުގެ މަމްދާނީ، އާބާދީގެ ގޮތުން ބަލާއިރު އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކްގެ މޭޔަރު ކަމަށް އިންތިހާބުުވުމަކީ ހެޔޮ ފާލެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ. ހާއްސަކޮށް އެމެރިކާއަށް ހިޖުރަކުރާ ގިނަ ބަޔަކާއި ތަފާތު ހިޔާލުތަކުގެ އެތައް ބަޔަކު ދިރިއުޅޭ 8.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއު ޔޯކަކީ ތަފާތު ދާއިރާތަކަށް ބަލާއިރު އެމެރިކާގެ އެންމެ މުހިންމު ސިޓީކަމަށް ބެލެވޭތީއެވެ. ވާތު ފިޔައިގެ ސިޔާސަތުތައް ތަންފީޒު ކުރާނެ ކަމަށް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވެސް މަމްދާނީ ވަނީ ވައުދުވެފައެވެ.

މުސްލިމް ބައްޕައަކާއި ހިންދީ މަންމައެއްގެ ދަރިއެއް ކަމަށްވާ މަމްދާނީ ނިއު ޔޯކްގެ 112 ވަނަ މޭޔަރުކަމުގެ ހުވާ ކުރުމުގެ ދެ ހަފުލާ އޮތެވެ.
ފުރަތަމަ ހަފުލާއަކީ އަމިއްލަ އިވެންޓެކެވެ. އެއީ މުސްކުޅި ސިޓީ ހޯލްގައި ބޭއްވި ހުވާ ކުރުމެކެވެ. ހުވާ ލައިދެއްވީ ނިއު ޔޯކްގެ ބަންޑާރަ ނައިބު ލެޓިޝާ ޖޭމްސްއެވެ. އެ ހަފުލާގައި މަމްދާނީ އަތްލި ހަތިމަކީ ނިއު ޔޯކް ސަރުކާރު ކުތުބުހާނާގައި އޮތް 200 އަހަރުވީ މުސްހަފެކެވެ.
ދެވަނަ ހަފުލާއަކީ ރަސްމީ ހަފުލާއެވެ. އަމިއްލަ ހަފުލާގެ ފަހުން ބޭއްވި މި ރަސްމިއްޔާތު އޮތީ މިހާރުގެ ސިޓީ ހޯލްގައެވެ. ހުވާ ލައިދިނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ކަމަށްވާ ސެނޭޓްގެ މެންބަރު ބާނީ ސަންޑާސްއެވެ. މި ހަފުލާގައި މަމްދާނީ ދެ ހަތިމެއް ބޭނުން ކުރިއެވެ. އެއީ އޭނާގެ ނިޔާވެފައިވާ ކާފައަކާއި ނިޔާވެފައިވާ މާމައެއްގެ ދެ މުސްހަފެވެ.
މި ބަލައިލަނީ އެމެރިކާގައި ހަތިމުގައި އަތްލައިގެން ހުވާކޮށް، ތާރީހުގެ ތެރެއަށް ވަދެފައިވާ އޮފިޝަލުންނަށެވެ:
- ކީތު އެލިސަން (2007): ކީތުއަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ ނުވަތަ ކޮންގްރެސްއަށް އިންތިހާބުވި ފުރަތަމަ މުސްލިމް މެމްބަރެވެ. އޭނާ ހުވާކުރީ އެމެރިކާގެ ތިންވަނަ ރައީސް ޓޯމަސް ޖެފާސަންގެ 1764 ގައި އިނގިރޭސި ބަހަށް ތަރުޖަމާކުރެވުނު ހަތިމެކެވެ.
- އަންޑްރޭ ކާސަން (2008): ކޮންގްރެސްއަށް އިންތިހާބުވި ދެވަނަ މުސްލިމް މެމްބަރު.
- އިލްހާން އުމަރު އަދި ރަޝީދާ ތަލައިބު (2019): އިލްހާން އާއި ރަޝީދާއަކީ ކޮންގްރެސްއަށް އިންތިހާބުވި ފުރަތަމަ މުސްލިމް ދެ އަންހެން މެންބަރުންނެވެ. އިލްހާން ބޭނުންކުރީ އޭނާގެ ކާފައެއްގެ ހަތިމެކެވެ. ރަޝީދާ ބޭނުންކުރީ އޭނާގެ އަމިއްލަ މުސްހަފެކެވެ.



advertisment