Support Us

އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ނިއު ޔޯކްގެ މޭޔަރު ކަމަށް ވާދަކުރާ ޕްރައިމަރީ ކާމިޔާބު ކުރި، އިންޑިއާ ނަސްލަށް ނިސްބަތްވާ، އުމުރުން 33 އަހަރުގެ މުސްލިމް ކެންޑިޑޭޓް ޒުހްރާން މަމްދާނީ

ސޯޝަލިސްޓް ސިޔާސަތުން ނިއު ޔޯކްގެ ހުރިހާ ރަށްވެހިންނަށް ފައިދާކުރާނެ: ޒުހްރާން މަމްދާނީ

އެމެރިކާގެ ރައްޔިތުން އަޅުކަން ކުރާ ދަރަޖައަށް ވެއްޓިފައިވާ "އެ މީހަކާ އެ މީހެއް" އޮންނަ ކެޕިޓަލިޒަމް ނިޒާމަށް ގޮންޖަހައި، ސޯޝަލިސްޓް އެޖެންޑާއެއް ހިޔާރު ކުރީ އެމެރިކާގެ ނިއު ޔޯކްގެ ހުރިހާ ރައްޔިތުންގެ ލާބައަށް ކަމަށް، ނިއު ޔޯކްގެ މޭޔަރު ކަމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރި މުސްލިމް ކެންޑިޑޭޓް ޒުހްރާން މަމްދާނީ ބުނެފިއެވެ.

ފާޑުކިޔުންތަކުގެ ވިލާގަނޑެއްގެ ދަށުން ނަމަވެސް، މި ދިޔަ މަހު 24 ގައި، އިންޑިއާ ނަސްލަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ޒުހްރާން ޕްރައިމަރީ ކާމިޔާބު ކުރީ، ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯގެ މައްޗަށް 56 ޕަސެންޓްގެ ވޯޓު ހޯދައިގެންނެވެ.

ޝްރީ ލަންކާގެ ރައީސްކަމަށް ސޯޝަލިސްޓް އެޖެންޑާއެއްގައި މިދިޔަ އަހަރު އިންތިހާބުވެ ވަޑައިގަތް އަނުރަ ޑިސަނަޔަކަ ފަދައިން ޒުހްރާން ވެސް ބުނީ ވަކި ހަމައެއް ނެތި ކެޕިޓަލިޒަމް ތަންފީޒު ކުރުމުން ރައްޔިތުން އިނދަޖެހޭތީ އެ ކަމުން ނިއު ޔޯކްގެ ހުރިހާ ރައްޔިތުން ސަލާމަތްކޮށްދޭނެ ކަމަށެވެ.

"މި ސަހަރަށް އަހަރެންގެ ތަސައްވުރަކީ ނިއު ޔޯކްގެ ކޮންމެ ރަށްވެއްސަކަށް ވެސް އަހަރެން ފޯރުކޮށްދޭނެ ތަސައްވުރު. އެއީ ވިޔަފާރިވެރިން ވެސް އެކުލެވޭ ގޮތަށް،" އެމެރިކާގެ ބޮޑެތި ނޫސްތަކުން އޭނާއަކީ ކޮމިއުނިސްޓެއް ކަމަށް ސިފަކޮށް، ފާޑުކިޔަން ފަށައިފައިވަނިކޮށް، ޖެހިލުންކުޑަ ގޮތަކަށް ޒުހްރާން ބުންޏެވެ.

ޒުހްރާން މަމްދާނީ (މ) މަންމަ މީރާ ނައިރު (ވ) އަދި އަނބިމީހާ ރާމާ ދުވާޖީއާއެކު ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކެމްޕޭންގައި

އޭނާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ބަސް ދަތުރު ކުރެވުމާއި ކުލި ފްރީޒް ކުރުމާއި ތަރުކާރީ އާއި މޭވާ އާއި ތުއްތު ކުދިންގެ ކާނާ އާއި ޒާތީ އަދި ގޭތެރޭގެ ސާފުތާހިރުކަމަށް ބޭނުންކުރާ މުދާ ވިއްކާ ގްރޯސަރީތައް ސަރުކާރުން ހިންގުމާއި އަދި މިލިއަނަރުން ފަދަ މަހުޖަނުން އަތުން ޓެކްސް ނަގައިގެން ސަހަރު ހިންގުމަށް ހުށަހެޅި ސިޔާސަތަށް ވަރުގަދައަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ ޒުހްރާންގެ ސޯޝަލިސްޓް އެޖެންޑާއަކީ "ފްރީ މާކެޓް" ނުވަތަ އެއްވެސް ހިފެހެއްޓުމެއް ނެތި ވިޔަފާރިވެރިންގެ އަތްމައްޗަށް މުޖުތަމައުގެ ހުރިހާ ދާއިރާތަކެއް ދޫކޮށްލައިފައިވާ ކެޕިޓަލިޒަމް ނިޒާމަށް އޮތް "ބިރެއް" ކަމަށެވެ.

"ނިއު ޔޯކްގެ މޭޔަރު ގޮނޑީގައި އިށީންނަން އެ އުޅެނީ ކޮމިއުނިސްޓެއް،" ކަނާތުފިޔައިގެ ކޮންސަވެޓިވް ނަޒަރިއްޔާތުގެ ނޫހެއްގައި ލިޔެފައިވެއެވެ.

ޒުހްރާންގެ މަންމައަކީ އިނގިރޭސި ފިލްމަށް އެމެރިކާއިން ދޭ އެންމެ ޝަރަފުވެރި އޮސްކާ އިނާމަށް "މަދާ އިންޑިއާ"އަށް ފަހު ދެވަނަ އަށް ނޮމިނޭޓްވި "ސަލާމް ބޮމްބޭ!" އާއި އިންޑިއާ އާއި ބައިނަލްއަގުވާމީ އެހެނިހެން އެވޯޑު ވެސް ހޯދައި ނޮމިނޭޓްވެފައިވާ "މަންސޫން ވެޑިން"، "ދަ ނޭމްސޭކް"، "މިސިސިޕީ މަސާލާ" އަދި ޓީވީ ސީރީސްތައް ކަމަށްވާ "ކުއީން އޮފް ކަޓްވެ" އަދި "އަ ސޫޓަބްލް ބޯއި"ގެ ބައެއް އެޕިސޯޑްތައް ވެސް ޑިރެކްޓްކުރި، އަދި އެތައް އެވޯޑެއް ލިބިފައިވާ، ބައިނަލްއަގުވާމީ ގޮތުން ވެސް މަޝްހޫރުކަން ބޮޑު އިންޑިއާގެ މަގުބޫލު ފިލްމް ޑިރެކްޓަރު އަދި ހިންދީ ދީނުގެ މީރާ ނައިރުއެވެ.

އެމެރިކާގެ ފިލްމީ ސިނާއަތް ކަމަށްވާ ހޮލީވުޑްގެ ޑިސްނީ ސްޓޫޑިއޯއިން އުފެއްދި ޓީވީ ސީރީސް "ކްއީން އޮފް ކަޓްވެ"ގެ ލޯންޗިންގައި ޒުހްރާން މަމްދާނީ (ކ)، އެ ސީރީސްގެ ބައެއް އެޕިސޯޑު ޑިރެކްޓްކުރި އޭނާގެ މަންމަ ކަމަށްވާ އިންޑިއާގެ މަގުބޫލު ފިލްމް ޑިރެކްޓަރު މީރާ ނައިރުއާއެކު

ޒުހްރާންގެ ބައްޕަ މަހްމޫދު މަމްދާނީއަކީ ނިއު ޔޯކްގެ ކޮލަމްބިއާ ޔުނިވާސިޓީގެ ޕްރޮފެސަރެކެވެ. އޭނާ ދިރާސާކުރާ ދާއިރާތަކުގެ ތެރޭގައި ދުނިޔޭގައި އިސްތިއުމާރީ ވެރިކަން ނިމުމާއި ދައުލަތުގެ ބާރާއި އިސްތިއުމާރީ ނުފޫޒުގެ ސަބަބުން ދުނިޔޭގެ ގައުމުތަކަށް ކޮށްފައިވާ އަސަރުތައް ހިމެނެއެވެ. މަހްމޫދަކީ ގުޖްރާތުގެ މުސްލިމް އާއިލާއަކަށް އުފަން މުސްލިމެކެވެ. އޭނާ ބޮޑުވީ އެފްރިކާ ބައްރުގެ ޔުގެންޑާގައި ދިރިއުޅޭ، އިސްލާމް ދީނަށް ވަދެފައިވާ ގުޖްރާތުގެ ކުރިން ޔަހޫދީ ދީނުގެ އާއިލާއެއްގެ ގާތުގައެވެ.

ޒުހްރާންގެ އަނބިމީހާއަކީ ސޫރިޔާ ނަސްލުގެ ކުރެހުންތެރިއެއް އަދި މުސްލިމެއް ކަމަށްވާ ރާމާ ދުވާޖީއެވެ.

ޒުހްރާނަށް ޕްރައިމަރީ ކާމިޔާބުވުމާއެކުހެން ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ތާއީދުކުރާ މީހުން ޒުހްރާނަށް ފާޑުކިޔަން ފަށައިފައެވެ. ސަބަބަކީ އިންޑިއާގެ ގުޖްރާތު ސްޓޭޓްގައި 2002 ގައި 2،000 އެއްހާ މުސްލިމުން ގަތުލުއާއްމެއްގައި މަރައިލުމަށް ވިލަރެސްކޮށްދިނީ އެއިރު ގުޖްރާތުގެ ޗީފް މިނިސްޓަރުކަމުގައި ހުންނެވި މޯދީ ކަމަށް ޒުހްރާން ތުހުމަތު ކުރުމުންނެވެ.

މިހެންވެ، މޯދީއަކީ "ވޯ ކްރިމިނަލް" ނުވަތަ "ހަނގުރާމައިގެ ކުށްވެރިއެއް" ކަމަށް ޒުހްރާން ބުނުމުން، ޒުހްރާނަކީ ހިންދީ ދީނާ އިދިކޮޅު މީހެއް ކަމަށް ބުނެ، އިންޑިއާ އާއި އެމެރިކާގައި ދިރިއުޅޭ އިންޑިއާ މީހުން އޭނާއާ ދެކޮޅަށް ދަނީ ކެމްޕޭން ކުރަމުންނެވެ.

އެ ގޮތުން ޒުހްރާނަކީ "ހައްދުފަހަނަޅައިފައިވާ މުސްލިމެއް" ކަމަށް ބުނެ، އެމެރިކާގެ ނިއު ޖާޒީ ސްޓޭޓްގައި ހުންނަ އިންޑިއާ އާއި އެމެރިކާއަށް ނިސްބަތްވާ ގްރޫޕަކުން ވަނީ "ދުނިޔޭގެ އިންތިފާދާއަކުން ނިއު ޔޯކް ސަލާމަތްކޮށްދީ" ލިޔެގެން ބެނާއެއް ނިއު ޔޯކް މަތީގައި އުދުއްސައިފައެވެ.

ކ-ވ: މަހްމޫދު މަމްދާނީ، ރާމާ ދުވާޖީ، ޒުހްރާން މަމްދާނީ އަދި މީރާ ނައިރު

ނިއު ޔޯކަށް މޭޔަރަކު ހޮވާ އިންތިހާބު ބާއްވަނީ އަންނަ ނޮވެމްބަރު މަހު ހަތަރެއްގައެވެ. ޒުހްރާންގެ އިތުރުން އިންތިހާބަށް ކުރިމަތިލައިފައިވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރުގެ ނިއު ޔޯކްގެ މޭޔަރު އެރިކް އެޑަމްސް އާއި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީން ކާޓިސް ސްލައިވާ އަދި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި، ޕްރައިމަރީން ދެވަނައަށް ދިޔަ އެންޑްރޫއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *