Support Us

700 ބިލިއަން ޑޮލަރާއެކު އީލޮން މަސްކުގެ މުއްސަނދިކަން ތާރީހުގެ ތެރެއަށް

އެންމެ ފުރަތަމަ ފަހަރަށް 700 ބިލިއަން ޑޮލަރު (10،815 ބިލިއަން ރުފިޔާ) ފަހަނައެޅި މުއްސަނދިކަމެއް ލިބިގެން އީލޮން މަސްކު ދުނިޔޭގެ ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ.

އުމުރުން 54 އަހަރުގެ، ދެކުނު އެފްރިކާއަށް އުފަން މަސްކު (ފޮޓޯ)އަށް ހުކުރު ދުވަހު ވަނީ 749 ބިލިއަން ޑޮލަރު (11،572 ބިލިއަން ރުފިޔާ)ގެ މިލްކިއްޔާތެއް ލިބިފައެވެ.

މިހެންވެ، މިއީ އެއް ޓްރިލިއަން ޑޮލަރު (15،450 ބިލިއަން ރުފިޔާ ނުވަތަ 15.45 ޓްރިލިއަން ރުފިޔާ)ގެ މިލްކިއްޔާތެއް ލިބި، ފުރަތަމަ ފަހަރަށް ޓްރިލިއަނަޔަރަކަށް މީހަކު ވުމުގެ ފުރުސަތު މަސްކަށް ފަހިވުން ކަމަށް އެކި ފަރާތްތަކުން ވަނީ ބުނަން ފަށައިފައެވެ.

މަސްކަށް ލިބުނު ބޮޑު މާލީ ކުރިއެރުމަކީ މިހާރު ދެވަނައަށް އެންމެ މުއްސަނދި މަހުޖަނު ކަމަށްވާ ގޫގުލްގެ ކޯ-ފައުންޑަރު ލެރީ ޕޭޖްގެ މިލްކިއްޔާތު ކަމަށްވާ 265 ބިލިއަން ޑޮލަރު (4،094 ބިލިއަން ރުފިޔާ)އާ އަޅާބަލާއިރު ބޮޑުތަނުން ވެސް މަތީ އަދަދެކެވެ.

މަސްކުގެ މިލްކިއްޔާތު ބޮޑު ތަނުން އިތުރުވީ އެމެރިކާގެ ޑެލަވެއާ ސްޓޭޓްގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު ނިންމި ނިންމުމަކާ ގުޅިގެން 139 ބިލިއަން ޑޮލަރު (2،147 ބިލިއަން ރުފިޔާ)ގެ ޓެސްލާ ކުންފުނީގެ ސްޓޮކް މަސްކަށް އަލުން ލިބުމުންނެވެ.

ކަރަންޓުން ދުއްވާ ކާރު އުފައްދާ ޓެސްލާ އާއި ޖައްވީ އުޅަނދުފަހަރާ ގުޅޭ ވިޔަފާރި ސްޕޭސް-އެކްސް އާއި މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ދާއިރާގެ ގްރޮކް ހިދުމަތާއި އެކްސް ކަމަށްވާ ސޯޝަލް މީޑިއާ އަދި ސިކުނޑި އާއި މެޝިން ގުޅުވައިދޭ ނިއުރޯޓެކްނޮލޮޖީއަކީ މަސްކުގެ މައިގަނޑު ވިޔަފާރިތަކެވެ.

"ޓެސްލާ އާއި ސްޕޭސް-އެކްސްގައި މަސައްކަތްކުރާ ވިސްނުންތޫނު ޓީމުތަކަށް ޝުކުރުވެރިވަން. މިއީ އަހަރެމެން އެންމެންނަށް ލިބުނު ގުޅިފައިވާ ކާމިޔާބީއެއް،" ސޯޝަލް މީޑިއާގައި މަސްކު ބުންޏެވެ.

"މިއީ ދުރު ކުރިމަގެއްގެ ތަސައްވުރަކާއި ސަމާލުކަމާއެކު މަސައްކަތް ކުރުމުން ލިބޭ ކާމިޔާބު ދައްކުވައިދޭ ކަމެއް،" އޭނާ އިތުރަށް ބުންޏެވެ.

މަސްކު މި އަހަރު ވަނީ ކުރު މުއްދަތެއްގައި އެމެރިކާގައި ވަޒީރު ފެންވަރުގެ މަގާމެއް އަދާކޮށްފައެވެ. އެއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގައި އެމެރިކާގެ ދައުލަތުގެ ހަރަދުތައް ކުޑަކުރުން ބެލެހެއްޓުމުގެ މަގާމެކެވެ. ނަމަވެސް މަސްކުގެ ހިޔާލުތަކާ ދެކޮޅަށް އެކި ދާއިރާތަކަށް ޓްރަމްޕް ހަރަދުކުރެއްވުން އިތުރު ކުރައްވަން ފެއްޓެވުމުން މަސްކު ވަނީ މި ދިޔަ މޭ މަހު އެމެރިކާ ސަރުކާރާ ފެއަށް ޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *