Support Us

ޓްރަމްޕް ކައިރިން މަސްކު "ވަރިވެއްޖެ"

އެއް އިރެއްގައި ވަކި ނުކުރެވޭނެ ފަދަ ގުޅުމެއް އޮތް ދެ މީހުން ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޯން މަސްކު "ވަރިވެއްޖެ"އެވެ.

ރޭގެ ވަގުތެއްގައި މަސްކު ވަނީ އެމެރިކާ ސަރުކާރު ދޫކޮށް، ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއާ ފެއަށްޖެހިފައެވެ.

"ޓްރަމްޕް މަސްކު ދުރުކުރައްވަމުން ގެންދެވީ މަޑުމަޑުން. އޭނާގެ މަގާމަކީ ވަގުތީ އެއްޗެއް. އެހެންކަމުން މިއީ ހީނުކޮށް ހުއްޓައިވީ ކަމެއް ނޫން. ނަމަވެސް މި ކަމެއް މި ދިމާވީ ޓްރަމްޕްގެ އެންމެ މުހިންމު ގާނޫނީ އެޖެންޑާއަށް އޭނާ ފާޑުކިއިތާ އެއް ދުވަސް ފަހުން،" ބީބީސީން މިއަދު ރިޕޯޓުކުރިއެވެ.

އެމެރިކާ ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށް ޓްރަމްޕްގެ ދެވަނަ ރިޔާސީ ދައުރުގެ ހުވާ ކުރެއްވި މި ދިޔަ ޖަނަވަރީ 20 ގައި ގާއިމުކުރެއްވި ޑިޕާޓްމަންޓް އޮފް ގަވަންމަންޓް އެފިޝެންސީ (ޑީ.އޯ.ޖީ.އީ)ގެ ވެރިޔާ އާއި "ސަރުކާރުގެ ހާއްސަ މުވައްޒަފު"ގެ މަގާމުން މަސްކު ވަކި ކުރެއްވީ ޓްރަމްޕްގެ އެންމެ މުހިންމު ސިޔާސަތް ކަމަށްވާ ބަޖެޓް ބިލަށް ފާޑުކިޔައި، އެއާ ދެކޮޅުހެދުމުންނެވެ. އެއީ އެތައް ޓްރިލިއަން ޑޮލަރެއްގެ ޓެކްސް ލުއިތައް ދެއްވުމަށާއި ދިފާއީ ދާއިރާއަށް އިތުރަށް ހަރަދުކުރައްވަން ޓްރަމްޕް ނިންމެވުމުން އެ ކަމާމެދު "ހިތާމަކުރާ" ކަމަށް ބުނުމުންނެވެ.

މުޒާހަރާކުރި މީހުން މަސްކުގެ ޓެސްލާ ކުންފުނިން އުފައްދާ ކަރަންޓުން ދުއްވާ ކާރުތަކެއް އަންދައިލައިފައި

މަސްކު އެމެރިކާ ސަރުކާރާ ގުޅުނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ މަސައްކަތްތަކެއް ކުރުމަށެވެ. އޭނާގެ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންގެ ނުރުހުން އަމާޒުވާވަރަށް މުޅި ގައުމުގައި އެތައް ބައެއްގެ ވަޒީފާ ގެއްލުނެވެ.

މަސްކު ބުނީ ޓްރަމްޕްގެ ބަޖެޓް ބިލްގެ ސަބަބުން ޑީ.އޯ.ޖީ.އީގެ "މަސައްކަތުގެ ބޭނުން ކެނޑިއްޖެ" ކަމަށެވެ.

ބީބީސީއަށް ދިން އިންޓަވިޔުއެއްގައި މަސްކު ބުނީ އެ ބިލަކީ "ބޮޑު، ރީތި ބިލެއް" ކަމަށް ޓްރަމްޕް ވިދާޅުވިއަސް، އޭގެ ސަބަބުން ސަރުކާރުގެ ދަރަނި އިތުރުވާނެ ކަމަށެވެ.

"އަހަރެންނަށް ހީވަނީ ބިލެއް ބޮޑު ވެދާނެ ނުވަތަ އޭތި ރީތި ވެދާނެ. އެކަމަކު ދެ ސިފައެއްގައި އެއް ފަހަރާ ހުރެވޭނެ ކަމެއް އަހަރެންނަކަށް ނޭނގޭ،" މަސްކު ބުންޏެވެ.

ޓެސްލާގެ ކާރުތަކާއި އޮފީހަށް ގެއްލުންދިނުމުން ފުލުހުން ސަރަހައްދު ބަންދުކޮށްފައި

މަސްކު ވަނީ ޓްރަމްޕްގެ ކެބިނެޓް ފެންވަރުގެ އޮފިޝަލުންނާ ސިއްރިޔާތުގައި ބައްދަލުކޮށް، އެ މީހުންނަށް ވެސް ފާޑުކިޔައިފައެވެ. އޭނާ ފުރަތަމަ ވައުދުވީ ސަރުކާރު ބަޖެޓުން އެންމެ މަދުވެގެން ދެ ޓްރިލިއަން ޑޮލަރު (30 ޓްރިލިއަން ރުފިޔާ) ކަނޑައިލާނެ ކަމަށެވެ. ނަމަވެސް ދެން މި އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކޮށް، އެއަށް ފަހު 150 ބިލިއަން ޑޮލަރު (2،318 ބިލިއަން ރުފިޔާ)އަށް ދަށްކުރިއެވެ.

ޑީ.އޯ.ޖީ.އީ އިނިޝިއެޓިވްގެ ސަބަބުން މުޅި ގައުމުގައި ގާތްގަނޑަކަށް 260،000 ސަރުކާރު ވަޒީފާ ނެތިގެންދިޔައެވެ. ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ޑީލްތަކަށް އެ މުވައްޒަފުން އެއްބަސްވާންޖެހުނެވެ. މި ކަމުގެ ސަބަބުން މުޒާހަރާތައް ބާއްވައި، ގާނޫނީ ގޮތުން ވެސް ގޮންޖެހުންތައް ކުރިމަތިވިއެވެ. އެ ގޮތުން، އެތައް މުވައްޒަފުން އެކުއެކީހެން ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް، ބައެއް ހާލަތްތަކުގައި ފަނޑިޔާރުން ހުރަސްއަޅުއްވައި، ވަކިކުރި މުވައްޒަފުންނަށް އަލުން އަނބުރާ އެ މީހުންގެ ވަޒީފާ ދޭން އަމުރުކުރެއްވިއެވެ. ކުއްލިކުއްލިއަށް ވަޒީފާއިން ކަނޑަމުން ދިއުމުން މަސައްކަތްތެރިންގެ ތެރެއިން ބައެއް މުވައްޒަފުން އޮޅިގެން ވެސް ކަނޑައިލިއެވެ. މީގެ ތެރޭގައި ނިއުކްލިއަ މަޝްރޫއުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނުނެވެ.

މަސްކު ބުނީ ރިޔާސީ ގަނޑުވަރާ ދުރަށް ދިޔަސް ޑީ.އޯ.ޖީ.އީ ކުރިއަށްދާނެ ކަމަށެވެ.

ޓްވިޓާގެ ނަމުން ކުރިން ހިންގި ސޯޝަލް މީޑިއާ ޕްލެޓްފޯމް މަސްކު 44 ބިލިއަން ޑޮލަރު (680 ބިލިއަން ރުފިޔާ)އަށް ގަނެފައި އެކްސްގެ ނަމަށް ބަދަލުކުރި އެ ޕްލެޓްފޯމްގައި ލިޔުނު ޕޯސްޓެއްގައި މަސްކު ބުނީ "އެމެރިކާ ސަރުކާރުގެ ހާއްސަ މުވައްޒަފެއް" ގޮތަށް މަސައްކަތްކުރުމަށް "ކަނޑައަޅައިފައިވާ ވަގުތު ހަމަވުމާއެކު، ބޭކާރު ހަރަދު ކުރުން މަދުކުރުމަށް ދެއްވި ފުރުސަތަށް ޓްރަމްޕަށް ޝުކުރު އަދާކުރާ" ކަމަށެވެ.

އޭނާ ބުނީ ޑީ.އޯ.ޖީ.އީގެ މަސައްކަތް "ވަގުތު ދާ ވަރަކަށް އަންނާނީ ވަރުގަދަވަމުން" ކަމަށާއި ސަބަބަކީ އެ ކަން ވެގެން އަންނާނީ "މުޅި ސަރުކާރުގެ ހަޔާތުގެ މަގު" ކަމަށެވެ.

މި ދިޔަ މަހު ފަހުކޮޅު މަސްކު ބުނީ އޭނާގެ ކުންފުނިތައް ހިންގަން އަލުން ފަށައިގަތުމަށް ސަރުކާރުން ވަކިވާނެ ކަމަށެވެ. ސަބަބަކީ އެމެރިކާ "ކައްކައިލަން" ޓްރަމްޕް ކުރައްވަމުން ގެންދެވި "ހުރިހާ ކަމެއްގެ އިލްޒާމް މަސްކުގެ ބޮލުގައި އެޅުމުން"ނެވެ.

"އެހެން އިދާރާތަކުގެ ހުރިހާ ކަމެއް ގޯސްވުމުން އެ ކަމުގެ އަދަބު ލިބޭ ތަނަކަށް މި ވަނީ ޑީ.އޯ.ޖީ.އީ. ކޮންމެވެސް ތަނެއްގައި ކޮންމެވެސް ގޯސް ކަމެއް ހިނގާނެ އަދި އޭގެ އިލްޒާމް އެޅޭނީ އަހަރެމެންގެ ބޮލުގައި،" މަސްކުގެ ޖައްވީ އުޅަނދު އުފައްދާ ކުންފުނި ސްޕޭސް-އެކްސްގެ ޖައްވީ އުޅަނދެއް އަންގާރަ ދުވަހު އުދުއްސައިލުމުގެ ކުރިން މަސްކު ދަ ވޮޝިންޓަން ޕޯސްޓްއަށް ބުންޏެވެ.

ރަހްމަތްތެރިކަން ރަނގަޅު ޒަމާނުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީލޯން މަސްކުގެ ކޮނޑަށް އަތްޕުޅު ވައްޓަވައިލައްވައިގެން

"ސަރުކާރުގެ ހާއްސަ މުވައްޒަފެއް"ގެ ގޮތުން ޓްރަމްޕްގެ ހަތަރު އަހަރުގެ ދެވަނަ ރިޔާސީ ދައުރުގައި މަސްކަށް މަސައްކަތް ކުރަން ޖެހިފައި އޮތީ އަހަރަކު 130 ދުވަހުއެވެ.

މަސްކު ބުނީ ދެން އޭނާ އެނބުރޭނީ އޭނާގެ ދެ ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ކަރަންޓުން ދުއްވާ ކާރު އުފައްދާ ޓެސްލާ އާއި ޖައްވަށް އުޅަނދު ފޮނުވާ ސްޕޭސް-އެކްސްގެ މަސައްކަތަށް ކަމަށެވެ.

އޭނާގެ ސިޔާސީ މަސައްކަތްތަކާހުރެ ގައުމުގައި ހިނގި މުޒާހަރާތަކުގެ ސަބަބުން ވޭތުވެދިޔަ ފަސް މަސް ތެރޭގައި ދެ ކުންފުނީގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް އަޑިއަޅައިލައިފައެވެ. އެ ގޮތުން މި މުއްދަތުގެ ތެރޭގައި މާކެޓަށް އައި ބަދަލުތަކާއި ޓެސްލާގެ ހިއްސާގެ އަގު ވެއްޓުމުން މަސްކުގެ މިލްކިއްޔާތު ވަނީ 424 ބިލިއަން ޑޮލަރު (6،555 ބިލިއަން ރުފިޔާ)އިން 386 ބިލިއަން ޑޮލަރު (5،966 ބިލިއަން ރުފިޔާ)އަށް ބޮޑު ތަނުން ދަށަށް ގޮސްފައެވެ.

ސަރުކާރުގައި މަސްކު ހޭދަކުރި ވަގުތުގައި ޓެސްލާގެ ކާރު ވިކުން ދަށްވިއެވެ. އެ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ޓެސްލާގެ ސޭލްތައް 13 ޕަސެންޓް ދަށަށް ދިޔައެވެ. މިއީ ޓެސްލާ ކުންފުނީގެ މުޅި 21 އަހަރުގެ ތެރޭގައި އެ ތަނުން ކާރު އެންމެ މަދުން ވިކުނު މުއްދަތެވެ.

ކުންފުނީގެ ހިއްސާގެ އަގު ވެސް 45 ޕަސެންޓް ދަށަށް ދިޔައެވެ. ނަމަވެސް އަދިވެސް ދަށް ނަމަވެސް، މިހާރު މި އަދަދު ހުރީ 10 ޕަސެންޓްގައެވެ.

ދާދި ފަހުން ޓެސްލާއިން އިންވެސްޓަރުންނަށް އިންޒާރު ދިނީ އެ ކުންފުނީގެ "މާލީ ވޭންތައް" ކުރިއަށްދާނެ ކަމަށެވެ. އަދި ކުންފުނީގެ ކުރިއެރުމާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ނުދެއެވެ. ނަމަވެސް ބުނީ "ސިޔާސީ ދާއިރާއާމެދު މީހުން ދެކޭ ގޮތެއްގެ ސަބަބުން ޓެސްލާގެ ކާރަށް އޮތް ޑިމާންޑަށް މައުނަވީ ގޮތެއްގައި ނުރަނގަޅު އަސަރުކޮށްފާނެ" ކަމަށެވެ.

ޓެސްލާގެ ފައިދާއާ ބެހޭ ގޮތުން އިންވެސްޓަރުންނާއި އެނަލިސްޓުންނާއި އަދި ހިއްސާދާރުންނާއެކު މި ދިޔަ މަހު ބޭއްވި ޓެލެކޮންފަރެންސެއްގައި މަސްކު ބުނީ ޑީ.އޯ.ޖީ.އީއަށް އޭނާ ދޭ ވަގުތު "ފާހަގަ ކުރެވޭ މިންވަރަކަށް ދަށްވާނެ" ކަމަށާއި "ޓެސްލާއަށް އަހަރެން ދޭ ވަގުތު މިހާތަނުން މާ ގިނަވާނެ" ކަމަށެވެ.

ޓެސްލާ ބޮއިކޮޓްކޮށް އެ ކުންފުނީގެ ކާރު ނުގަންނަން އެކްޓިވިސްޓުން ވަނީ ގޮވައިލައިފައެވެ. ޓެސްލާ ކާރު ވިއްކާ ފިހާރަތައް ކުރިމަތީ މުޒާހަރާކޮށް، ކާރުތަކާއި ކާރުތައް ޗާޖުކުރާ ސްޓޭޝަންތައް ހަލާކުކޮށްފައެވެ.

މަސްކުގެ ސިޔާސީ ފިޔަވަޅުތަކުގެ ސަބަބުން ޓެސްލާއަށް ކުރިމަތިވި ނޭދެވޭ އަސަރުތައް މުޅި ގައުމުގައި ފެތުރި، އަނިޔާވެރިކަމަކާ ހިސާބަށް ދިއުމުން، ޓެސްލާގެ މުދަލަށް ގެއްލުން ދިނުމަކީ "ދާހިލީ ޓެރަރިޒަމް" ކަމަށް ކަނޑައަޅުއްވާނެކަމުގެ އިންޒާރު ބަންޑާރަ ނައިބު ޕޭމް ބޮންޑައި ދެއްވިއެވެ.

ގަތަރުގެ ވެރިރަށް ދޫހާގައި ބުދަ ދުވަހު އޮތް އިގުތިސާދާ ބެހޭ ފޯރަމެއްގައި މަސްކު ބުނީ ކުރިއަށް އޮތް ފަސް އަހަރު ޓެސްލާގެ ވެރިޔާގެ ގޮތުގައި ދެމިހުންނާނެ ކަމަށެވެ.

މި މަހު ކުރީކޮޅު މަސްކު ބުނީ ސިޔާސީ ފަރާތްތަކާއި ސިޔާސީ ކަންތައްތަކަށް އޭނާ ހަރަދުކުރާ މިންވަރު މަދުކޮށްލާނެ ކަމަށެވެ. އޭނާ ވަނީ މި ދިޔަ އަހަރު ޓްރަމްޕްގެ ރިޔާސީ ކެމްޕޭނަށާއި އެހެނިހެން ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ކެމްޕޭންތަކަށް ވެސް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ހަރަދުކޮށްފައެވެ.

ދެކުނު އެފްރިކާއަށް އުފަން އުމުރުން 53 އަހަރުގެ މަސްކަކީ ފުރަތަމަ ފަހަރަށް 400 ބިލިއަން ޑޮލަރު (6،184 ބިލިއަން ރުފިޔާ) ހޯދައި، ދުނިޔޭގެ މިހާރުގެ އެންމެ މުއްސަނދި މަހުޖަނުގެ މަގާމަށް އައި މީހާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *