މުޅި ދުނިޔޭގައި ވެސް އަލަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ގާނޫނެއް އޮސްޓްރޭލިއާގައި ތަންފީޒު ކުރުމުން އެ ކަމާ ދެކޮޅަށް، މެސެޖުން މުއާމަލާތްކުރާ ވެބްސައިޓް، ރެޑިޓްއިން ހައި ކޯޓްގައި މައްސަލަ ޖައްސައިފިއެވެ.
"އަހަރެމެން ބޭނުންވަނީ މި ގާނޫނަކީ ދުސްތޫރީ ގާނޫނުތަކާ ފުށުއަރާ ގާނޫނެއް ކަމަށް ކަނޑައަޅައިދިނުން،" ރެޑިޓުން ހުކުރު ދުވަހު ބުންޏެވެ.
ގާނޫނުގެ ދަށުން ރެޑިޓު ވެސް މަނާކުރި މި ގާނޫނަކީ މިނިވަންކަމާއެކު ސިޔާސީ ވާހަކަދެއްކުން މަނާކުރާ ގާނޫނެއްކަމަށް ރެޑިޓުން ބުންޏެވެ.
"ޒާތީ ކަންތައްތަކާއި ސިޔާސީ ހިޔާލު ފާޅުކުރުން މި ގާނޫނުގެ ދަށުން އިންޓަނެޓް ބޭނުންކުރާ ހުރިހާ އެންމެނަށްމެ މަނާކުރޭ،" ކޯޓުގައި ފައިލް ކުރި މައްސަލައިގައި ރެޑިޓުން ބުނެފައިވެއެވެ.
އެ ފޯރަމް ހިންގާ ފަރާތްތަކުން ބުނީ ސިޔާސީ ހިޔާލުތައް ހިއްސާކޮށް، އެ ކަމާ ބަހުސްކުރުން މި ގާނޫނުން މަނާވާތީ މި ގާނޫނަކީ "ގާނޫނީ ހައިސިއްޔަތެއް ނެތް" ގާނޫނެއްކަމަށެވެ.
މި މަހު 10 ގައި ތަންފީޒުކުރި ގާނޫނުގެ ދަށުން 16 އަހަރުނުވާ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރިއަސް އެ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ކުށްވެރިއެއް ނުވެއެވެ. ނަމަވެސް 16 އަހަރުނުވާ ކުދިންނަށް ސޯޝަލް މީޑިއާ ލިބޭ ގޮތަށް ހުރަސްނައިޅައި ހުރި ނަމަ އެ ފަދަ މަންސަތައް ހިންގާ ފަރާތްތައް ގިނަވެގެން 49 އޮސްޓްރޭލިއާ ޑޮލަރު ނުވަތަ 32 މިލިއަން އެމެރިކާ ޑޮލަރު (505 މިލިއަން ރުފިޔާ)އިން ޖޫރިމަނާކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އަދި ކުޑަކުދިން ރައްކާތެރިކުރަން ވަކާލާތުކުރާ ފަރާތްތައްވަނީ މި ގާނޫނަށް މަރުހަބާ ކިޔައިފައެވެ. އެއީ "ޑޫމް-ސްކްރޯލިން"، "ސައިބާ-ބުލީން" އަދި ނުރައްކާތެރި މައުލޫމާތަށް ކުޑަކުދިން ހުށަހެޅުން ހުއްޓުވޭނެތީއެވެ. ޑޫމް-ސްކްރޯލިންއަކީ ނުބައި ޖަޒުބާތުތައް އުފެދޭ މައުލޫމާތު ހޯދުމަށް ދެވިހިފުމެވެ. ސައިބާ-ބުލީންއަކީ އޮންލައިންކޮށް ހަނގާކުރުމެވެ.
ފުރާވަރުގެ ބައެއް ކުދިންވަނީ މި ގާނޫނާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެއީ، މިސާލަކަށް، ކަންތައްތައް ދަސްކޮށްދޭ ޔޫޓިއުބް ވީޑިއޯތައް ދެން ނުލިބޭނެތީއެވެ. އެ ކުދިން ބުނަމުންދަނީ މި ގާނޫނުގެ ދަށުން އެ ފަދަ ހާއްސަ މައުލޫމާތު ހޯދުމަށް ހުރަސްއެޅުމާއި ގައުމުގައި އަޣްލަބިއްޔަތު ނެތް މުޖުތަމައުތައް އެކަހެރި ބަޔަކަށް ވެގެންދާނެކަމަށެވެ.
ގާނޫނުގެ ދަށުން ހުރަސްއަޅައިފައިވާ ސޯޝަލް މީޑިއާގެ ތެރޭގައި މަގުބޫލު ފޭސްބުކް، ޓިކްޓޮކް، އިންސްޓަގްރާމް އަދި އެކްސް ވެސް ހިމެނެއެވެ.



advertisment