ވޭތުވެދިޔަ ހަފުތާގައި އަވަށްޓެރި ސްރީ ލަންކާއަށް އެރި ތޫފާން "ދީތުވާ"ގެ ސަބަބުން ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރު ކަމެއް އަންނާނެ ކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.
ޓޫރިޒަމަކީ ލަންކާގެ އުފެއްދުންތެރިކަމުގައި ތިން ވަނައަށް އަންނަ ސިނާއަތެވެ. އެއީ ގައުމުން ބޭރުގައި ވަޒީފާ އަދާކުރާ މީހުން ފޮނުވައި ފައިސާ އާއި އަންނައުނު އުފެއްދުމުގެ ސިނާއަތާ ޖެހިގެންނެވެ. މި ދިޔަ އަހަރު ޓޫރިޒަމުން ލަންކާއަށް ތިން ބިލިއަން ޑޮލަރު (46 ބިލިއަން ރުފިޔާ) ލިބިފައިވެއެވެ.
ނޮވެމްބަރުން ޖަނަވަރީއަކީ ގައުމުގެ ޓޫރިޒަމްގެ ޕީކް ސީޒަން ކަމަށްވާއިރު މި ވަގުތު ބުކިންތައް ކެންސަލްވެފައިވަނީ އަދި އެއް ޕަސެންޓުން ކަމަށް ވިޔަސް، ލަންކާ ޓޫރިޒަމްގެ މައިބަދަ ކަމަށްވާ ގެސްޓްހައުސް އާއި ހޯމްސްޓޭ ވިޔަފާރިއަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
އައްސޭރިފަށުގައި ހުރި ހޮޓާތައް އަދިވެސް އޮޕަރޭޓް ކުރަމުންދާ ނަމަވެސް އަވަސް މުއްދަތެއްގައި ޓޫރިޒަމްގެ ކުދި ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ލަންކާގެ ހޮޓާ ވިޔަފާރި ޖަމިއްޔާ، ހޮޓެލްސް އެސޯސިއޭޝަން އޮފް ސްރީ ލަންކާއިން ބުންޏެވެ.

އުމުރުން 37 އަހަރުގެ، ހޯމްސްޓޭ ވިޔަފާރިއެއް ހިންގައި ހީރަތު ގެދަރަ ރޮހާން އަނިލް ކުމަރަ ބުނީ މިހާރު ވެސް ބުކިންތައް ލިބޭ ކަމަށާއި ނަމަވެސް އެ ބުކިންތައް ބަލައިގަނެވެން ނެތް ކަމަށެވެ.
"އެއްގޮތަކަށް ވެސް ބުނާކަށް ނޭނގޭ އަލުން އާރާސްތުކޮށް ވިޔަފާރި ފަށައިގަނެވޭނެ އިރެއް،" ހީރަތު ބުންޏެވެ.
ތިން ކޮޓަރި ރެއަކަށް އޭނާ ވިއްކަމުން ދިޔައީ 30 ޑޮލަރު (462ރ.)ގެ މަގުންނެވެ.
ދީތުވާގައި 600 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެތައް ހާސް ގެދޮރާއި މަގުތައް ހަލާކުވެ، ކަރަންޓާއި މުވާސަލާތީ ހިދުމަތްތަކަށް ވަނީ ބުރޫއަރައިފައެވެ.



advertisment