ސްރީ ލަންކާއަށް މި ދިޔަ ހަފުތާގައި ކުރިމަތިވި "ދީތުވާ" ތޫފާންގައި މަރުވި މީހުންގެ އަދަދު މިހާތަނަށް ބެލިބެލުމުން 618 އަށް އަރައިފައިވާ ކަމަށާއި މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބިންގަނޑު ކަނޑައިގެންދިއުމުގެ ކާރިސާތައް ކުރިމަތިވެދާނެ ކަމަށް ރަސްމީ އިދާރާތަކުން މިއަދު އިންޒާރު ދީފިއެވެ.
"މޫސުމީ ތޫފާންތަކުގައި ބޯކޮށް ވާރޭ ވެހުން އިތުރުވެ، ފަރުބަދަތަކުގެ ފަސްގަނޑު ދަނީ ކައްސަމުން،" އޮފިޝަލަކު ބުންޏެވެ.
ކިސަޑު ފޭބުމުގެ ސަބަބުން އެކަހެރިވެފައިވާ ހިސާބުތަކުގައި ތާށިވެފައިވާ މީހުންނަށް ހެލިކޮޕްޓަރާއި ވައިގެ އުޅަނދުތައް ބޭނުންކޮށްގެން އަދިވެސް ދަނީ އެހީ ފޯރުކޮށްދެމުންނެވެ.
ލަންކާގައި ކާރިސާތައް ބަލަހައްޓާ ޑިސާސްޓާ މެނޭޖްމެންޓް ސެންޓާ (ޑީ.އެމް.ސީ)އިން ބުނީ އާބާދީގެ 10 ޕަސެންޓް ނުވަތަ 2 މިލިއަން މީހުންނަށް ދީތުވާގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށެވެ.

ދީތުވާގައި 75،000 އަށްވުރެ ގިނަ ގެދޮރަށް އެކި ވަރުގެ ގެއްލުންތައް ލިބި، 5،000 އެއްހާ ގެދޮރު އެއްކޮށް ހަލާކުވެގެން ގޮސްފައިވެއެވެ.
ވިއްސާރައާ ކުރިމަތިވެފައިވަނިކޮށް، ލަންކާއަށް މިހާރު ވަނީ ގައުމު އަލުން އާރާސްތު ކުރުމުގެ ބޮޑު މަޝްރޫއަކާ ވެސް ކުރިމަތިލާން ޖެހިފައެވެ.
"އާރާސްތުކުރުމުގެ މަޝްރޫއަށް ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރު (107 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ބެލެވޭ،" އޮފިޝަލަކު ބުންޏެވެ.



advertisment