މި އަހަރުގެ އެންމެ ހިނގާ ބަހަކަށް "ރޭޖް ބެއިޓް" އިނގިރޭސި ވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޔުނިވާސިޓީން ހޮވައިފިއެވެ.
"ރޭޖް ބެއިޓް" ހޮވީ މި އަހަރު އޮންލައިންކޮށް އެންމެ ގިނައިން ކުރާ ޕޯސްޓްތަކާއި ސުރުހީތަކާއި ވީޑިއޯތަކުގެ މަގުސަދަކީ މީހުން "ކޮންޓްރޯލުން ނެެއްޓޭ ވަރަށް ރުޅިއަރުވައިލުން" ނުވަތަ މީހުންގައި "ރޭޖް" އުފެއްދުން ކަމަށްވާތީއެވެ.
"ބެއިޓް" ނުވަތަ ލަފުޒީ މާނައިން ނަމަ "އެން" މި ބަސް ބޭނުންކޮށްފައިވަނީ މި ފަދަ އޮންލައިން މައުލޫމާތު ނުވަތަ ކޮންޓެންޓުން މީހުންގެ ސަމާލުކަން، އެން ހަރުކޮށްފައިވާ ކަންވާރެއްގައި މަހެއް ބުޅީގައި ބާނައިލައިގޮތަށް "ބާނައިލައިތީ" ކަމަށް އޮކްސްފޯޑުން ބުންޏެވެ.
"މިއީ ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކަށް ރަނގަޅު އިންޒާރަކަށްވާނެ ކަމަށް އުއްމީދުކުރަން،" އެ ޔުނިވާސިޓީން ބުންޏެވެ.
"ރޭޖް ބެއިޓް"އަށް ފިޓުވާ ކޮންޓެންޓަކީ ސީދާސާދާކޮށް މައުލޫމާތު ފެތުރުމުގެ ބަދަލުއި މީހުންގައި ނޭދެވޭ ޖަޒުބާތުތައް އުފައްދައި، އެ ފަދަ ޕޯސްޓްތަކަށް ކްލިކް ކުރަން ހިތްވަރު ލިބޭ ގޮތަށް ޕޯސްޓްތައް ބައްޓަންކޮށްފައިވާ ކޮންޓެންޓެވެ.
"’ރޭޖް ބެއިޓް' މި ބަސް މި އަހަރު ގިނަ އަދަދަކަށް މީހުން ބޭނުންކުރާތީ އެނގެނީ، މި ކަހަލަ، މީހުން ކައްކައިލައި ޕޯސްޓްތައް އިންޓަނެޓްގައި ގިނަވެފައި، މި ފަދަ ކޮންޓެންޓަށް 'ރޭޖް ބެއިޓް' މީހުން މި ބަސް ދީފައިވާކަން،" އޮކްސްފޯޑުން ބުންޏެވެ.
އެ ޔުނިވާސިޓީން ބުނީ އޮންލައިން ސަގާފަތް މިހާރު ބަދަލުވެފައިވާ ކަމަށެވެ.
"ކުރިން އޮންލައިންއަށް ލަނީ މީހުން ކަންބަލާހިތްވާ ކަންތައްތައް. ނަމަވެސް މި އަހަރު ގިނަ ފަރާތްތަކެއްގެ މަގުސަދު ކަމަށްވެފައިވަނީ އަހަރެމެން ނަފުސާނީ ގޮތުން ހައިޖެކްކޮށް، އަހަރެމެންގެ ޖަޒުބާތުތަކާ ކުޅެ، އަހަރެމެންގެ ރުޅިގަނޑު ކައްކުވައިލައި ކަހަލަ ކޮންޓެންޓް އިންޓަނެޓަށް ލުން،" އޮކްސްފޯޑުން ބުންޏެވެ.
އެ ޔުނިވާސިޓީން މި ދިޔަ އަހަރު ހޮވި ބަހަކީ "ބްރެއިން ރޮޓް"އެވެ. "ބްރެއިން"އަކީ "ސިކުނޑިއެވެ". "ރޮޓް" އަކީ "ކުނިވުމެ"ވެ. އެ ފަހަރު އޮކްސްފޯޑުން ބުނީ "ބްރެއިން ރޮޓް" ހޮވީ އޮއްޓަރު ހުރި މައުލޫމާތުގެ ބަދަލުގައި ތާކުންތާކު ނުޖެހޭ މައުލޫމާތު އިންޓަނެޓުގައި ގިނަވުމާއި މީހުންގެ ސިކުނޑިއަށް ނުކަތާ ވަރަށް ގިނަ ބަޔަކު މައުލޫމާތު ހޯދާތީ ކަމަށެވެ.



advertisment