Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އިހްތިރާމް ލިބިގެންވާ މީހަކަށްވުމުގެ 6 ގޮތަކީ މިއީ

ހަގީގީ ލީޑަޝިޕް ނުވަތަ މީހުންނަށް މަގު ދައްކައިދިނުމަކީ އެހެން މީހުންގެ މައްޗަށް އާރާބާރު ފޯރުވައި ކަންތައްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމެއް ނޫނެވެ. އެއީ ތިބާގެ ޝަހުސިއްޔަތް ރަނގަޅު ކުރުމާއި ޒިންމާ ނެގުމާއި އަދި ކޮންމެ ހާލަތެއްގައި ވެސް އަނެކާއާމެދު ރަނގަޅަށް ކަންތައްތައް ކުރުމެވެ. ތިބާ އިހްތިރާމް ލިބިގެންވާ މީހަކަށް ވާނީ އެ ގޮތުގެ މަތިންނެވެ.

މި ބަލައިލަނީ ތިބާ އިހްތިރާމް ލިބިގެންވާ މީހަކަށް އެންމެ ފަސޭހައިން ވެވޭނެ ހަ ގޮތަށެވެ.

އެއީ:

1. ޝަކުވާ ނުކުރާށެވެ.

ތިބާ ކަންބޮޑުވާ ކަންތައްތައް ތިބާގެ ސިއްރެއްގެ ގޮތުގައި ބާއްވާށެވެ. އަބަދުވެސް ރަނގަޅު މަގުން ވިސްނައި "ޕޮޒިޓިވް" މީހެއްގެ ގޮތުގައި ހުންނާށެވެ. ތިބާ އަމަލު ކުރަން ޖެހޭ ގޮތަށް އަމަލުކުރާނީ ހިނިތުންވެ ހުރެއެވެ.

2. އަމިއްލަ ނަފުސަށް އިތުބާރު ކުރާށެވެ.

ކަންތައްތައް ކުރެވޭނެ ކަމަށް ޔަގީން ކުރާށެވެ. އެއީ އެ ކަންތައްތައް ނުކުރެވޭނެ ކަމަށް އެހެން މީހުން ބުނި ނަމަވެސް މެއެވެ. އެހެން މީހުން ކުރާ ނުރަނގަޅު ނުވަތަ "ނެގެޓިވް" ކޮމެންޓްތަކާމެދު އަޅާނުލާށެވެ. ތިބާ ތިބާގެ ގޮތުގައި ކުރިއަށް ދާށެވެ.

3. ނުބައިކޮށް ކަމެއް ކުރެވިއްޖެ ނަމަ މާފަށް އެދޭށެވެ.

ތިބާއަށް ހުރިހާ ކަމެއް އެނގުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ތިބާއަށް ގޯހެއް ހެދިއްޖެ ނަމަ ވަގުތުން އެ ކަމަށް އިއުތިރާފު ވާށެވެ. މި ގޮތަށް އަމަލު ކުރުމުން ކަންތައްތައް އަވަހަށް ދަސްވާނެއެވެ.

4. ފަށާ ކަންތައްތަން ނިންމާށެވެ.

ކަމެއް ކުރާނަމޭ ބުނެފި ނަމަ، އެ ކަމެއް ކުރާށެވެ. ތިބާގެ ދުލުން ބޭރު ކުރާ ބަހަކީ މުހިންމު އެއްޗެކެވެ.

5. ހަމަޖެހިލައިގެން ހުންނާށެވެ.

ތިބާއަށް ކުރެވޭ އިހްސާސްތަކަކީ ތިބާ ހިޔާރު ކުރާ ކަންތައްތަކަށް އަސަރު ކުރާނެ ޖަޒުބާތުތަކެކެވެ. ތިބާ ދައްކައިދޭ މަގަށް މީހުން ބަލާނެއެވެ. އެހެންކަމުން ސާފު އަދި ވިސްނުންތެރި ނިންމުންތައް ނިންމާށެވެ.

6. އެހެން މީހުންނަށް އެހީތެރިވާށެވެ.

ގިނަ މީހުންނަކީ ދާނެ ނުދާނެ ތަނެއް ނޭނގިފައި ތިބޭ ބައެކެވެ. އެ މީހުންނަށް ބޭނުންވަނީ ކޮން ކަމެއްތޯ ފަހުމް ވާން މަސައްކަތް ކުރާށެވެ. އަދި އިތުރަށް ރަނގަޅު ވާނެ މަގުތަކަށް ދިއުމަށް އެ މީހުންނަށް އިރުޝާދު ދޭށެވެ.

ތިބާގެ ލީޑަޝިޕް ދައްކައިދެނީ ތެދުވެރިކަމާއި ހަމަޖެހިލައިގެން ހުރެ އަދި ހަމްދަރުދީއާއެކު ނަމަ، ތިބާއަށް ލިބޭނީ ހަމައެކަނި އިހްތިރާމެއް ނޫނެވެ. އެހެން މީހުންނަށް އެ މީހުންގެ ނަފުސު އިތުރަށް ރަނގަޅު ކުރުމަށް އެ މީހުންނަށް ހިތްވަރު ލިބޭނެއެވެ.