Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަގީގީ ލޯތްބަކީ ހަމައެކަނި އިންސާނުން ދެކެ ވާ އެއްޗެއް ނޫން

އޮސްޓްރޭލިއާގައި ނިކޯލް ގްރެހެމް ނަމަކަށް ކިޔާ އަންހެނަކަށް އެއް ދުވަހު މެންދުރު ފަހު ކުރިމަތިވީ އަސް ގެންގުޅޭ ކޮންމެ މީހަކަށް ވެސް ކުރިމަތިވާނެ އެންމެ ދެރަ އެއް ކަންތަކެވެ.

ނިކޯލް ވަރަށް ލޯބިން ގެންގުޅޭ، އެސްޓްރޯގެ ނަން ދީފައިވާ އުމުރުން 18 އަހަރުގެ ފިރިހެން އަހެއް ކިސަޑުގަނޑަކަށް ގަނބައިގަތެވެ.

ގާތްގަނޑަކަށް 500 ކިލޯ ނުވަތަ ބައި ޓަނުގެ ބަރުދަން ހުރި އެސްޓްރޯ ގެނބެން ފެށީ ނުހަނު ހަލުވިކޮށެވެ. އެ ސޮރުގެ ކަރާ ހަމައަށް ގަނބައިގަތެވެ. އަދި އެއިރު ބޮޑު ދިޔައިގެ އަސަރު އެ ހިސާބަށް ފޯރަން ފެށިއެވެ.

ނިކޯލްއަށް އެ ތަން ދޫކޮށްފައި ދެވުނީހެވެ. އަމިއްލަ ނަފުސު ސަލާމަތް ކުރުމަށެވެ. ނަމަވެސް އޭނާ ކަންތައް ކުރީ އެ ގޮތަކަށް ނޫނެވެ.

ނިކޯލް އެސްޓްރޯގެ ގާތުގައި މަޑުކުރިއެވެ.

ނިކޯލްގެ އަރިކަށްޓާ ހަމައަށް އެރި، ފިނި ކިސަޑު ތެރޭގައި، އެސްޓްރޯއަށް ނޭވާ ނުލެވިދާނެތީ އެ ސޮރުގެ ބޯ، ކިސަޑުގަނޑުގެ މައްޗަށް ހިއްލައިލަދީގެން ތިން ގަޑިއިރު ނިކޯލް މަޑުކުރިއެވެ.

ނިކޯލް އެސްޓްރޯއާ މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ރުޔެވެ. ނަމަވެސް ފުރާނަ ސަލާމަތް ވުމުގެ ހިތްވަރު ދޫކޮށްލުމަށް ނިކޯލް އެސްޓްރޯއަށް ފުރުސަތެއް ނުދިނެވެ.

ކަނޑުގެ ލޮނުގަނޑު ކައިރިވި ވަރަކަށް، ސަލާމަތީ އެހީ ފޯރުކޮށްދޭން އައި ޓީމުތަކުން އެ މީހުންގެ މަސައްކަތް އަވަސްކުރިއެވެ.

ހައިވާނުންގެ ޑޮކްޓަރު ނުވަތަ ވެޓްއެއް ކަމަށްވާ ސްޓޭސީ ސަލިވަން، އެސްޓްރޯ ހަމަޖައްސައިލަން ބޭހެއް ދިނެވެ.

ދެން، ޓްރެކްޓަރެއްގެ އެހީގައި މަޑުމަޑުން އެސްޓްރޯ ކިސަޑުގަނޑުގެ ތެރެއިން ނެރުނެވެ.

އެސްޓްރޯ ހުރީ ވަރުބަލިވެފައެވެ. ތުރުތުރުލައެވެ. ނަމަވެސް ފުރާނަ ހުއްޓެވެ.

އެއޮއް ހުރިހާ އިރު ވެސް ނިކޯލް އެސްޓްރޯ ދުލެއް ނުކުރެއެވެ. ސަބަބަކީ ހަގީގީ ލޯތްބަކީ ހާލަތު ދަތިވިޔަސް ދޫކޮށްލައިފައި ދާ އެއްޗެއް ނޫނެވެ.