ތިބާގެ ދިރިއުޅުން ކާމިޔާބު ކުރެވޭނީ ތިބާގެ ސިކުނޑި އަބަދުވެސް ހަމަޖެހިފައި ހުރުމުންނެވެ. އިންސާނުން ކަމަށްވީތީ ތިބާއަށް ވެސް އުޅެން ޖެހިފައިވަނީ އެހެން މީހުންނާއެކުއެވެ. އަދި މީގެ ތެރެއިން ބައެއް މީހުންނަކީ ތިބާގެ ސިކުނޑިއަށް "ސުލްހަ" ގެނައުމުގެ ބަދަލުގައި ތިބާގެ ސިކުނޑީގެ ހަމަޖެހުން "ވިހަ"ކޮށްލާނެ ޒާތުގެ މީހުންނެވެ. އޭގެ ތެރެއިން ހަ ބާވަތެއްގެ މީހުން ފާހަގަކޮށްލާނަމެވެ. އެއީ:
- ތިބާއަށް ނަފުސާނީ އަދި ޖަޒުބާތީ ހާސްކަން ގެންނަ މީހުންނެވެ. އެއްވެސް ސަބަބަކާ ނުލައި ވެސް ތިބާ ދަށްކޮށްލަފާނެއެވެ. އެހެން މީހުންގެ ރަނގަޅު ނަސީބު ބަލައެއް ނުގަންނާނެއެވެ.
- ތިބާއަށް އިހްލާސްތެރި ނޫން ގޮތްގޮތަށް ހުޝާމަދު ކުރާ މީހުންނެވެ. ހަމްދަރުދީއެއް ނުވާނެއެވެ. ތިބާ ހިތްހަމަ ނުޖެހޭނެ މާހައުލުތަކަށް ހުށަހަޅައިނެއެވެ.
- ތިބާ ދަށްކޮށްލާ ޒާތްޒާތަށް ވާހަކަ ދައްކާނެ މީހުންނެވެ. އެ މީހުންނަށް އެ މީހުން ވަރެއް ނޯންނާނެއެވެ. ތިބާ ދެކޭ ހުވަފެންތައް ހަގީގަތަކަށް ވިޔަ ނުދިނުމަށް ތިބާއަށް ވަސްވާސްލާނެއެވެ.
- ތިބާގެ ނިންމުންތަކަށް ތަރުހީބު ނުދޭ މީހުންނެވެ. ތިބާ އަޅާ ކޮންމެ ފިޔަވަޅަކަށް ފާޑުކިޔާނެއެވެ. ތިބާއަށް ރަނގަޅަށް ކުރެވޭ އެއްވެސް ކަމެއް ނެތްކަން ތިބާއަށް އިހްސާސް ކުރެވޭ ގޮތަށް އެ މީހުންގެ ބަސްމަގާއި އަމަލުތައް ބަހައްޓާނެއެވެ.
- ހުރިހާ ކަމެއް އެ މީހުންގެ ބާރުގެ ދަށަށް ގެންދަން މަސައްކަތް ކުރާ މީހުންނެވެ. އެ މީހުންނަށް ތިބާ އާއި އެހެނިހެން މީހުން ވެސް ކަމުދާ ކަމަށް ހެދިގެން އުޅޭނެއެވެ. ތިބާ އާއި އެހެން މީހުންގެ މައްޗަށް ވެސް ނިންމުންތައް ނިންމަން ބޭނުންވާނެއެވެ.
- އެ މީހުންނަށް ކުރިމަތިވާ ކޮންމެ ބަދުނަސީބު ކަމެއްގެ އިލްޒާމް އެހެން މީހުންގެ ބޮލުގައި އަޅުވާ މީހުންނެވެ. އެހެން މީހުންގެ ސަމާލުކަން ހޯދަން އަބަދުމެ އުޅޭނެއެވެ. އެ މީހުން ފޭލި ވާ ކަންތައްތަކަށް ކޮންމެވެސް ކަހަލަ ބަހަނާއަކާއި އުޒުރު ދެއްކުމުގައި އަބަދު އުޅޭނެއެވެ.
މި ފަދަ މީހުން އެ މީހުންގެ އަމިއްލަ ނަފުސު ހަމަ މަގަށް އެޅުވުމުން ނޫނީ ތިބާ އެ މީހުންނާ ގުޅުން ބޭއްވުމުން އާހިރުގައި ތިބާގެ ސިކުނޑިއަށް ނުތަނަވަސްކަމާއި ހަމަނުޖެހުން ލިބި، ބަރުބާދުވެގެން ދާނީ ތިބާގެ ވެސް ދިރިއުޅުމެވެ. އެހެންކަމުން މައުނަވީ ގޮތަކުން ބަލާއިރު ހަޔާތުގެ ދަތުރުގައި މި ފަދަ "ވިހަ" މީހުންނާއެކު އެއް އުޅަނދަކުން ދަތުރު ނުކުރުމަކީ އެންމެ މުހިންމު އަދި ބުއްދިވެރި ގޮތެވެ.
