އަހަރެން އިނީ އޭނާ ދިން ސޯޓެއް ލައިގެންނެވެ. އޭނާ ވެސް ހުރީ ސޯޓެއް ލައިގެންނެވެ. އެހެންކަމުން ދެ މީހުންގެ ފަލަމަސްގަނޑު، އެކަކު އަނެކަކުގެ ފަލަމަސްގަނޑުގައި ޖެހުމުން، އެއީ އަދި އެއްވެސް ހުރަހެއް ނެތި ކަމަށް ވިޔަސް، އަހަރެންނަށް ކުރެވުނީ ކޮން އިހްސާސެއް ހެއްޔެވެ؟
މި ސުވާލަށް ދޭން ޖެހޭނީ ހީނުކުރާ ކަހަލަ ޖަވާބެކެވެ: އާނއެކެވެ. އަހަރެންނަށް އެއްވެސް އިހްސާސެއް ނުކުރެވުނެވެ. އަހަރެންގެ ކޮމްޕިއުޓަރު މޭޒުގައި ޖަހައިފައިވާ ފޯމިކާ ފަށަލައެކޭ، އެ ބަންގާޅު ސޮރުގެ ހަމާ ތަފާތެއް ނެތެވެ.
އަނެއްކާ މި ބުނެވުނީ ކީކޭ ބާވައެވެ؟
އަހަރެންގެ ހަނދާނަށް ދެން އައީ އަހަރެން ވަރަށް ޅަ އިރު ނަފުސާނީ އިލްމްވެރިއެއްގެ ގާތަށް ދިޔަ ހަނދާނެވެ. އަހަރެންގެ ހަމުގައި ފިރިހެނަކު ޖެހުމުން އަހަރެންނަށް އެއްވެސް އިހްސާސެއް ނުކުރެވޭ ވާހަކަ ބުނާށެވެ.
އެއީ އަންހެން ޑޮކްޓަރެކެވެ. އޭނާ ލައިގެން ހުރީ އަތްކުރު ހެދުމެކެވެ.
އަހަރެންގެ އަތްތިލައިގައި ހިފައި އޭނާގެ އަތުގެ ހަމުގައި އަހަރެންގެ އިނގިލިތައް ޖައްސައިލިއެވެ. އަދި ބުންޏެވެ: "ހަން ވާނީ ހަމަ"ށެވެ.
އެ ބުނި އެއްޗެއް އަހަރެންނަކަށް ނުވިސްނުނެވެ. އެހެންވީއިރު ޖިންސީ ގޮތުން ހިތް ނުކިޔާ މީހުންނާއެކު ޖިންސީ ގުޅުން ބައެއް މީހުން ހިންގަނީ ކީއްވެ ހެއްޔެވެ؟
އޮޑީގައި އިން ބަނގްލަދޭޝް ޒުވާނާއާ އަހަރެންނަށް ކުރެވުނީ ވެސް އެ ފަދަ އިހްސާސްއެކެވެ. އޭނާގެ ފަލަމަސްގަނޑުގެ ހަން، އަހަރެންގެ ފަލަމަސްގަނޑުގެ ހަމުގައި ޖެހުމުން، އާދައިގެ ކާޕެންޓްރީއަކަށް ގޮސްފައި، އެ ތަނުގައި އެ ކީހާ ލަކުޑިގަނޑެއް އަހަރެންގެ، ހުރަހެއް ނެތް ހަމުގައި ޖެހުމާ، އެ ބަނގްލަދޭޝް ސޮރުގެ ފަލަމަސްގަނޑުގެ ހަން، އަހަރެންގެ ފަލަމަސްގަނޑުގެ ހަމުގައި ޖެހުމުން ކުރެވުނު އިހްސާސް އެއްވެސް ތަފާތެއް ނެތެވެ.
ޖަޒުބާތީ ގޮތުން ވެސް އަހަރެންގެ ނަފުސަށް އެއްވެސް އިހްސާސްތަކެއް ނުކުރެވުނެވެ. އެހެންކަމުން، އަހަރެން މިއީ އަދި އަންހެނަކަށްވީތީ، ނަފުސާނީ ގޮތުން ކުރާނެ އަސަރެއް ވެސް ނޯންނާނެތާއެވެ.
އެންމެ ގާތް ކުރާ ޖަވާބަކަށް އަހަރެންނަށް ބުނެވޭނެ ބަހަކީ، އެ ބަނގްލަދޭޝް ސޮރަކީ ހިލޭ ފިރިހެނަކަށް ވިޔަސް، އަހަރެންގެ އަންހެން ރަހްމަތްތެރިންގެ ހަމުގައި އަހަރެން ބީހުމުން އަހަރެންނަށް އެ ކުރެވޭ، ޝަހުވާނީ ކަމެއް ނެތް އިހްސާސްތަކާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
މިހެން ހިތަށް އަރައިފައި އަހަރެންގެ ސިކުނޑި ދިޔައީ މާޒީއަށެވެ. އެއްކަލަ ނަފުސާނީ އިލްމްވެރިޔާ، މިސާލު ދައްކަމުން އަހަރެންނާ ދިމާއަށް ބުނި ވާހަކައަށެވެ.
އަދި މިހާ ހިސާބުން އުފެދުނު އެންމެ މުހިންމު ސުވާލަކީ، ހަގީގަތުގައި، އިންސާނާގެ ހަމަކީ ކޮން އެއްޗެއް ހެއްޔެވެ؟ އެއީ ހަމައެކަނި އަހަރެމެންގެ މަހާއި ލޭ "ކަވަރަ"ކަށްލައި ބަންދުކޮށްލައި ވަސީލަތެއް، އިމެއް އެކަނި ހެއްޔެވެ؟
އަހަރެން އަލުން ސްކޫލަށް ގޮސް ބަޔޮލޮޖީ މާއްދާ ކިޔަވަން ވީ ހެއްޔެވެ؟
އެ ވަގުތު ބަނގްލަދޭޝް ފަޅުވެރިޔާ އަހަރެންނާ ދިމާއަށް ބަލައިލިއެވެ. އަހަރެންގެ ސިކުނޑިއަށް އަރަމުންދާ ވިސްނުންތަކުގެ އިހްސާސެއް އޭނާއަށް ކުރެވުނީ ބާވައެވެ؟
