Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ނުބައި ސުވާލަށް ކަތި ނަޒަރެއް

ނޯޓް: ކުރީގެ އަދަދާ ގުޅޭ

އޮޑިއަށް އެރުމާއެކު އެ ބަނގްލަދޭޝް ޒުވާނާ އަހަރެން ގެންދިޔައީ ސީދާ އޭނާގެ ކޮޓަރި ނުވަތަ ކަނޑުމަތީގައި ކިޔާ ގޮތުން ނަމަ އޭނާގެ "ކެބިން"އަށެވެ. އަހަރެން ލައިގެން ހުރީ ކުރުތާ ފާޑެއްގެ ޓޮޕެއް ކަމަށް ވާތީ އެހެން ފަޅުވެރިންގެ ލޯ މަތިން އަހަރެންގެ ނިވާކުޑަކަން ފޮރުވުމަށް ކަމަށް އަހަރެންނަށް ގަބޫލު ކުރެވުނެވެ.

ހާދަ ރަނގަޅު ޒުވާނެކޭ، އަހަރެންގެ ހިތަށް އެރިއެވެ. އަދި ބަނގްލަދޭޝް މީހުންނަށް "ބަންގާޅީން" ކިޔައިގެން އެ މީހުން ދަށްކޮށްލުމަކީ ދިވެހިންގެ ގައިގައި ހިފައިފައި ހުރި ކަމު ނުދާ "ޒެނޮފޯބިއާ"ގެ ސިފައެއް ކަމަށް އަހަރެންނަށް ގަބޫލު ކުރެވުނެވެ.

އާނއެކެވެ. ޒެނޮފޯބިއާއެވެ. ތިމާ މީހާގެ ގްރޫޕާ ހިލާފު ގޮތްތައް ހުންނަ މީހުންނާ ދެކޮޅަށް އޮންނަ ތައައްސުބެވެ. އެއީ ބިދޭސީންނަކީ ތިބާގެ ގްރޫޕުން ބޭރު މީހުންނަށް ވެފައި އެ މީހުންގެ ހިޔާލުތަކާއި އެހެނިހެން ތަކެއްޗާއި ކަންކަން ވެސް ނުދަންނާތީއެވެ.

އެ ފަދަ "ބިދޭސީ" ސިފައެއް ޖެހެނީ، އެއްޗެއްސާއި ކަންކަމާއި އަދި މީހުންނަކީ ތިބާގެ ގްރޫޕުން ބޭރުގައި ހިމެނޭ، އެހެން ގައުމުތަކާއި ސަގާފަތްތަކާއި ނަސްލާއި "ރޭސް"އަށް ނިސްބަތްވުމުންނެވެ. ރޭސްއޭ މި ބުނީ ޖިސްމާނީ ގޮތުން ހުންނަ ތަފާތުތަކަށެވެ. އަދި މިއީ ވެސް އިންސާނުން އަމިއްލައަކަށް ހަދައިގެން އުޅޭ ނަސްލު ނުވަތަ ”އެތްނިސިޓީ" ފަދަ އެއްޗެކެވެ. އެތްނިސިޓީއޭ މި ބުނީ ވަކި ގްރޫޕެއްގެ ބަޔަކު އެ މީހުންގެ ކާބަފައިންނާއި ތަރިކަ އާއި ސަގާފަތަށް ނިސްބަތްވާތީއެވެ. އެހެންކަމުން، ރޭސް އާއި އެތްނިސިޓީ މިއީ ގުދުރަތީ ގޮތުން އިންސާނާ އުފެދިފައިވާ ގޮތް ނުވަތަ "ބަޔޮލޮޖީ"އާ ގުޅުން ހުރި ކަމެއް ނޫނެވެ.

ހަމަ އެ ގޮތަށް ވަކި ދީނަކަށް ނިސްބަތްވާތީ މީހުން އެކަހެރިކޮށްލުމަކީ ވެސް ޒެނޮފޯބިއާގެ ބާވަތެކެވެ. ޚުދު ބަނގްލަދޭޝް މީހުންނަށް ބަލާއިރު އެ މީހުން މުސްލިމުން ކަމަށްވާތީ އެއް އުއްމަތެއްގެ ބަޔެއްގެ ގޮތުގައި ދެކި، ދިވެހިން އެ މީހުންނާ ގާތް ގުޅުމެއް ބާއްވަން ޖެހޭނެ ނޫން ހެއްޔެވެ؟

ނަމަވެސް އަހަރެންނަށް ފެންނަނީ އެހެން މަންޒަރެކެވެ. އުމުރުން 18 އަހަރު ވެސް ނުވާ ދިވެހި ކުއްޖަކު ބަނގްލަދޭޝް މީހަކާ ދިމާއަށް ދުވާރު ގާބުރިއެއް އެއްލި މަންޒަރު ދުށް ވާހަކަ، އެ ކުއްޖާގެ، ހަމަ 18 އަހަރު ނުވާ އެކުވެރިއަކު އަހަރެންގެ ގާތުގައި ބުންޏެވެ.

"ގަބޫލު ވެސް ކުރަން ދަތި އެކަމަކު މިއީ އަހަރެންގެ އެކުވެރިޔަކު ހަމަ ކުރި ކަމެއް،" އެ ކުއްޖާ އަހަރެންގެ ގާތުގައި ބުންޏެވެ.

އަދި އަހަރެންގެ ރަހްމަތެރިއެއްގެ ގެ ސާފުކުރަން ގެންނަނީ ބަނގްލަދޭޝް ފިރިހެނަކަށް ވާއިރު އެ މީހާއާ މެދު ވެސް އެ ގޭ ވެރިން ވެސް ދެކެނީ ކަތި ނަޒަރަކުންނެވެ.

"ހުރިހާ ބަނގްލަދޭޝް މީހުންނަކީ ސޭކުން،" އެ ގޭގެ ވެރިޔާ އެ ބަނގްލަދޭޝްގެ ހައުސްކީޕަރާމެދު ބުނި ކަމަށް ގޭގެ ވެރިޔާގެ ދަރިފުޅު އަހަރެންގެ ގާތުގައި ބުންޏެވެ.

އެހެންވީއިރު އެ ފަދަ މީހުންނަށް ވަޒީފާ ދެނީ ކީއްވެ ބާވައެވެ؟ އަހަރެންނަށް އަޑު އިވިފައިވާ ގޮތުގައި 200 ޑޮލަރުން ފެށިގެން 600 ޑޮލަރު ވެސް އެ މީހުންނަށް ވަނީ ބޮޑު އެއްޗަކަށެވެ.

ތެދެކެވެ. އަހަރެންގެ ގޭދޮށުގައި އުޅޭ، ސިފަ ވެސް ރީތި ޒުވާން ބަނގްލަދޭޝްގެ މީހަކު އެއީ ވެމްކޯގެ ކުނި ނަގާ މީހެކެވެ. އޭނާ ބުނީ އޭނާއަށް މަހަކު 9،000 ރުފިޔާ ލިބުމުން، ފޮރިން އެކްސްޗޭންޖް ރޭޓު ހުންނަ ގޮތުން އޭނާއަކީ ބަނގްލަދޭޝްގައި ”މަހުޖަނެއް" ކަމަށެވެ.

"އަހަރެން ތިން ފިހާރަ ހުޅުވައިފިން. ބަނގްލަދޭޝްގައި އަހަރެން މިއީ 'ކިންގް’އެއް،" ވަރަށް ފަހުރުވެރިވެފައިވާ ރާގެއްގައި އެއް ރެއަކު އަހަރެންގެ ގެއިން ކުނި ނެރެމުން އޭނާއަކީ އޭނާގެ ގައުމުގައި "ރަސްކަލެއް" ކަމަށް ދޭހަވާ ގޮތަށް ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގައި ކުނި ނެގުމަކުން އޭނާގެ "ޝަރަފު" ނުގެއްލޭ ކަމަށެވެ. ސަބަބަކީ އެ މަންޒަރު ދެކެން އޭނާގެ ގާތް މީހަކު ރާއްޖޭގައި ނޫޅޭތީއެވެ. އެހެންކަމުން "ކުނި އުކައި ރަސްގެފާނެ"އް އުޅޭކަން އެނގޭނީ ކާކަށް ދޯއެވެ.

ހަގީގަތުގައި އަހަރެންގެ ނަޒަރުގައި އޭނާއަކީ ވަރަށް ހިތްތިރި "ކިންގެ"ކެވެ.

މިހެން މި ބުނީ އެއް ރެއަކު އަހަރެން ގެއަށް ވަންނަން ޒިބްރާ ކްރޮސް ހުރަސްކުރަމުން ދަނިކޮށް އަހަރެންގެ ނަޒަރު ހުއްޓުން އެރީ ވެމްކޯ ޓައްޕެއް ދަމަމުން އަހަރެންނާ އަރާ ހަމަވެފައި އޭނާ މަޑުކޮށްލުމުންނެވެ.

ބަރު ކުނި ޓައްޕެއް ދަމަމުން ދާ މީހަކަށް ކުއްލިއަކަށް ހުއްޓެން ޖެހުމުން ވާނެ އުނދަގޫ ހިތަށް އަރައިފައި އަހަރެން ޒިބްރާ ކްރޮސްގެ މަތީގައި ހުއްޓުނީމެވެ. އަދި ޒިބްރާ ކްރޮސް ހުރަސް ކުރަން ފުރަތަމަ އޭނާއަށް ފުރުސަތު ދޭކަން ހާމަ ކުރުމުގެ ގޮތުން އަހަރެން އަތުން އިޝާރާތް ކޮށްލީމެވެ.

ނަމަވެސް އޭނާ ހުއްޓުނެވެ. އަދި އަހަރެން ފުރަތަމަ ހުރަސްކުރަން އެދި އޭނާގެ އަތުން ހަމަ އެ އިޝާރާތްކޮށްލިއެވެ.

އަހަރެން ހިތުގައި ޖެހުނެވެ. ވަރަށް އަސަރު ކުރިއެވެ. އަދި ގޮތް ދޫ ނުކުރަންވެގެން ކަމަށް ހެދިފައި އޭނާ ފުރަތަމަ ހުރަސް ކުރުމަށް އެދި އަހަރެން އަލުން އަތުން އިޝާރާތް ކުރީމެވެ.

ނަމަވެސް އޭނާ ވެސް ގޮތް ދުލެއް ނުކުރިއެވެ. މި ފަހަރު އޭނާ އަހަރެން "އިމޯޝަނަލް ބްލެކްމޭލް" ކުރީއެވެ. އާއެނކެވެ. ޒާތެއްގެ ޖަޒުބާތީ ބްލެކްމޭލްއެކެވެ. ގަސްދުގައި ނޫންކަން އަހަރެންނަށް އެނގުނީ އޭނާގެ މޫނުމަތިން އިހްލާސްތެރި ފާޑު ޖަހައި ލޯތްބެއް އަހަރެންނަށް އަމާޒުވެފައިވާކަން އޭނާގެ މޫނުމަތިން ފާޅުވެފައި ހުރީމައެވެ. އަހަރެންނާ ދިމާއަށް ފުންކޮށް ބަލައިލައިފައި، ހިތް މަޑުވައި ފަދަ ހިތްތިރި ހިނިތުންވުމެއް އަހަރެންނަށް ދިނީތީއެވެ.

އޭނާ "ސައި ކިޔުމުން" އަހަރެންނަށް ހަދާނެ އެއްޗެއް ނޭނގިފައި، ޓްރެފިކް ބާރު ބޮޑު ވެދާނެތީ އަހަރެން ދެން އަވަސް އަވަހަށް މަގު ހުރަސްކޮށްލައިފައި ގޭތެރެއަށް ވަންނަން މަޖުބޫރުވީއެވެ.

މިހާ ހިސާބުން ކުނި ނަގާ އެ ބަނގްލަދޭޝް މީހާގެ ވާހަކަ އަދި ނިމުނީކީ ނޫނެވެ.

އަހަރެން ފެން ވަރައިލައި، ގައި ހިއްކައިލައިފައި، އޮޑީގެ ފަޅުވެރިޔަކަށް އުޅޭ ބަނގްލަދޭޝް މީހާ ދިން، ޑެނިމް ފޮތީގެ ހޫނުކަން ހިފެހެއްޓޭ ޓޮޕެއް އަހަރެން ލައިގެން، އޭނާގެ ކެބިންގައި އިންދާ، ދޮރުގައި ޓަކި ޖެހި އަޑު އިވުމުން އަހަރެން ދޮރު ހުޅުވީމެވެ.

އެ ޒުވާނާ ހުރީ، އާވި އަރައަރައި ހުރި ކަޅު ސައިތަށްޓެއް އަހަރެންނާ ދިމާއަށް ދިއްކޮށްލައިގެން، ހެވިފައެވެ. އަނެއްކާ ވެސް އަހަރެންގެ ހަށިގަނޑު ވިރުވައިލައި ކަހަލަ ނާޒުކު، ނިޔަނެތި، ހިނިތުންވުމެކެވެ.

ސައިތަށީގައި އަހަރެން ހިފީމެވެ.

އޭނާ ވެސް ހުރީ އޭނާއަށް ސައިތައްޓެއް ހިފައިގެންނެވެ.

އަހަރެން އިށީނީ އޭނާގެ އެނދުގެ އެއްކޮޅުގައެވެ.

އޭނާ އައިސް އަހަރެންގެ ފަލަމަސްގަނޑުގައި އޭނާގެ ފަލަމަސްގަނޑު ޖެހޭ ގޮތަށް އިނދެ، އަހަރެންނާ ވާހަކަ ދައްކަން ފެށިއެވެ.