ބޮލީވުޑް ފިލްމެއްގައި ނަމަ ފަހަރުގައި އެ ބަނގްލަދޭޝް ޒުވާނާއަށް އަހަރެން އެ އޮޑިއަށް އެރުވުނީސް ކަންނޭނގެއެވެ. ނަމަވެސް އަހަރެންނަށް ދިމާވީ ހޮލީވުޑް "ކަމެކެވެ". މި ބުނީ، އަހަރެން ފަޅުތެރެއަށް ވެއްޓުނު ވާހަކައެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން، ދޫނުކޮށްލަން އެ ސޮރު ހިފައިފައިވާތީ، ބަނގްލަދޭޝް ސޮރު ވެސް މޫދަށް ވެއްޓުނު ވާހަކައެވެ.
ދެން ދިމާވީ އާދަޔާ ހިލާފު ކަމެކެވެ. އަހަރެންނަށް ފަތަން ނޭނގިދާނެތީ ކަމަށް ބަލައި، އޮޑީގެ ވާތަކުގައި އަބަދުމެ ދަމައި، ވަރުގަދަވެފައިވާ އޭނާގެ ގޮއްލަރު ދެ އަތްތިލައިން އަހަރެންގެ މޫނުގެ ދެ ފަރާތުގައި، އަހަރެންގެ މަޑު ދެ ކޯތާފަތުގައި ހިފަހައްޓައިލައި، އޭނާއާ ހަތަރުކަޅި ހަމަކުރަން މަޖުބޫރުކުރީއެވެ. ފަޅުތެރެއިން ލާފައި ވެސް އޭނާ އަހަރެން ސަލާމަތްކޮށް، އެ އޮޑިއަށް އަހަރެން އަރުވާނެ ގޮތް ކިޔައިދޭން ފެށީއެވެ.
މަތިންދާބޯޓުތަކުގައި، ނާދިރު ގޮތަކަށް ނަމަވެސް، ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ، ފަސިންޖަރުންނަށް، އެ މީހުން ސަލާމަތްވާނެ ގޮތް ކިޔައިދޭ ބީދައިންނެވެ. ނަމަވެސް، އަހަރެންގެ ގާތަށް، ބަނޑަށް ކުޑަކޮށް ހިނިގަނޑެއް އަރައިގެން ދިޔައީ، އެއޮއް ފަދަ ނާޒުކު ދަނޑިވަޅުގައި ވެސް، އަހަރެންގެ ހިތަށް އެރި ތާކުންތާކު ނުޖެހޭ އެއްޗަކުންނެވެ؛ އެއީ އަހަރެންނަކީ އަދި އެ ސޮރުގެ ފަސިންޖަރެއް ނޫން ކަމެވެ. ނަމަވެސް ދެ މީހުން އެއްކޮށް ފަޅުތެރެއަށް ވެއްޓުމުން، އޭނާ އަހަރެންގެ ފަޅުވެރިއަކަށްވެ، އަދި އަހަރެން އޭނާގެ ފަސިންޖަރަކަށް ވީތާއެވެ. އޮޑިއަށް ނުވެސް އެރެނިކޮށެވެ.
އޭނާ އަހަރެންނަށް ދެމުން ދިޔަ އިރުޝާދުތަކަކަށް އެއްގޮތަކަށް ވެސް ސަމާލުކަން ނުދެވުނު އަސްލު ސަބަބަށް ދެން ބަލައިލައިނަމެވެ. އާއެނކެވެ؛ އަހަރެންގެ ހުރިހާ ސަމާލުކަމެއް ހުއްޓުނީ، އަހަރެން އަދި އިއްދައިން ކެނޑެން ކައިރި ވެސް ނުވާތީ، އޭނާގެ މަޑު މުށި ކުލައިގެ ދެ ކަޅިއަށެވެ.
ބައެއް މީހުން ބުނެތެވެ؛ ފުން ކަނޑަކަށް ގެނބި ނެތިގެން ދާނީ އޮނިކްސް ހިލަ އަދި "ބްލެކް ކޮރަލް" ނުވަތަ ކަޅު އެންދެރިހާ އަނދިރި ކަޅިއެއްގެ ވެރިއެއްގެ ލޮލަށް ބަލައިލުމުންނެވެ. ނަމަވެސް އަހަރެންނަށް މި ފަހަރު ދިމާވީ އެހެނެއް ނޫނެވެ. ބަނގްލަދޭޝްގެ ކުލަ އަލި ފިރިހެނެއްގެ މަޑު މުށި ކުލައިގެ ދެ ކަޅިއަށް ބަލައިލުމުން ވެސް ހުރާގެ ފަޅުތެރެއަށް ޣަރަގު ވާން އުޅުނު ކަހަލައެވެ.
މަރުގެ ތުންފަތްމައްޗަށް ހުށަހެޅޭ މީހުންގެ މުޅި ހަޔާތް އެ ހިނދުކޮޅު، ފިލްމެއްހެން ސިކުނޑީގައި ކުޅެލައި ވާހަކަ އަހަރެން އަޑު އަހަމުއެވެ. ނަމަވެސް އަހަރެންގެ ހިތުގައި އެ ވަގުތު ކުޅެވުނީ ލަވައެކެވެ. މީގެ 12 އަހަރު ކުރިން ޖަސްޓިން ޓިމްބަލޭކް އޭނާގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި ހިއްސާކުރި، އަދި މިހާތަނަށް 1.3 ބިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާ ލަވަ "މިރާސް"އެވެ. ލަފުޒީ މާނައިން ނަމަ "މޫނު ބަލައި ލޯގަނޑުތަކެ"ވެ.
އެ ލަވައިގައި ޖަސްޓިން ބުނާ ބަސްތަކުގެ ލަފުޒީ މާނައީ:
އެހެންވެ އަހަރެންނަށް ތިބާ މިހާރު ގެއްލޭކަށް ނޭދެވެއެވެ.
އަހަރެން މި ވަގުތު ސީދާ ބަލަމުން މި ދަނީ އަހަރެންގެ ނަފުސުގެ އަނެއް ފަޅިއާ ދިމާއަށެވެ.
އަހަރެންގެ ހިތުގައިވާ "ހުސް ކޮޓަރީ"ގެ ޖާގަ މި ވަގުތު ފުރައިލައިފައިވަނީ ތިބާއެވެ.
ހިނދުން ހިނދަށް ކުރަން ޖެހޭ ހަނގުރާމަ އަހަރެންނަށް ދަސްކޮށްދޭށެވެ.
އަދި އަހަރެން ބުނާނަމޭ، މަގޭ ލޯބިވާއޭ، އެއީ ފަސޭހަ ކަމެކެވެ.
އަހަރެންނަށް އެ ކަން އެނގުނު ތަންވަޅު އަލުން އަނބުރާ ތިބާގެ ގާތަށް އާދެވުނުއިރު، ތިބާ ހަމަ އިނީ އިން ތާނގައި މި ތާނގައެވެ.
އެހެންވެ، ތިބާއަކީ އަހަރެންގެ ލޯގަނޑު ފަދަ އެއްޗެކެވެ.
އަހަރެންގެ ލޯގަނޑު އަހަރެންނާ ދިމާއަށް ކަޅިޖަހައި ނުލައި ބަލަން އިން ފަދައެވެ.
އަހަރެންނަށް އަހަރެންގެ ނަފުސުގެ ހައިބަތު އިތުރަށް ބޮޑުކޮށްލެވޭކަށް ނެތޭ، ނަމަވެސް އެއީ އެހެން މީހަކު އަހަރެންގެ ގާތުގައި މި ތާ އިން ނަމައެވެ.
އަދި މިހާރު އަހަރެންނަށް ސާފޭ، އަހަރެމެން ދެ މީހުން މިހާރު ވައުދު ވަމުންދާ މި ވައުދު، އެއީ ލޯގަނޑުގެ ދެ ފަރާތުގައިވާ ދެ މީހުން އެކައްޗަކަށް ވުމެވެ.
އެހެނީ، ތިބާއަކީ އަހަރެންގެ ލޯގަނޑު ފަދައެވެ. އަހަރެންގެ ލޯގަނޑު އަހަރެންނާ ދިމާއަށް އަނބުރާ ބަލަމުން އަންނަ ފަދައިންނެވެ. އަހަރެންގެ ލޯގަނޑު އަހަރެންނާ ދިމާއަށް އަނބުރާ ބަލަމުން އަންނަ ފަދައިންނެވެ…
ކޮންމެއަކަސް، އެ ބަންގާޅު ސޮރާ ހަތަރުކަޅި ހަމަކުރެވުމާއެކު އަހަރެންނަށް އިހުސާސް ކުރެވުނީ މި ފަދަ ހާލަތެކެވެ.
އެހާ ހިސާބުން އަހަރެންގެ ސިކުނޑިއަށް އެރި ސުވާލަކީ، އަހަރެން ހަގީގީ ލޯބި ވަނީ ކާކު ދެކެ ބާވައެވެ؟ އެތައް ޒަމާނެއް ވަންދެން އެކުގައި ދިރިއުޅުނު، ކަޅު ކަޅީގެ ވެރިޔާ ކަމަށްވާ އަހަރެންގެ ފިރިމީހާ ދެކެ ބާވައެވެ؟ ނުވަތަ ކުރިމަތީގައި ދެ ފެން ދޭތެރޭގައި އަހަރެންގެ މޫނުގެ ދެ ކޯތާފަތުގައި ހިފަހައްޓައިލައިގެން އަހަރެންގެ ފުރާނަ ސަލާމަތްކުރަން ހިފައިލައިފައި މި ހުރި ބަނގްލަދޭޝްގެ ޒުވާނާ ފަދަ މަޑު މުށި ކުލައިގެ ލޮލެއްގެ ވެރިއެއް ބާވައެވެ؟
އެހެންވީއިރު އެ މީހާއަކީ އަހަރެންގެ މާޒީގައި ދިމާވެފައިވާ ކާކު ބާވައެވެ؟ އަދި ހަގީގަތުގައި ދިމާވެފައިވޭ ހެއްޔެވެ؟ ނުވަތަ، އެ މީހާއަކީ، މިހާރު އަހަރެން ހުރާގެ ފަޅު ތެރެއިން ސަލާމަތްކޮށްދޭން އަހަރެންގެ ކުރިމަތީގައި، ދެ ފެން ދޭތެރޭގައި ފަތައިލަތައިލަ މި ހުރި ޅަނދޮޅު، ޅަބާޅަ ބަނގްލަދޭޝްގެ ޒުވާނާ ބާވައެވެ؟
މި ސުވާލުތަކަށް ޖަވާބު ހޯދުމަށް އަހަރެންގެ ސިކުނޑި ހުސްކޮށްލާނީ ތުލުސްދުއަށްކުރާ ދަތުރު މަތީގައި ކަމަށް އަހަރެން ނިންމީމެވެ.
