ފަތިހު މާ ވަރުބަލިވެފައި ހުރި ވަރުން އަހަރެންނަށް ހާބަރަށް ދެވުނީ ތުލުސްދޫއަށް ނައްޓައިލައި ލޯންޗް ފެރީ ހަމަ ނަގިލި ނަގަނިކޮށެވެ. އަހަރެން އަތުން އިޝާރާތް ކޮށްލުމުން ފަޅުވެރިއަކު ވެސް އިޝާރާތެއް ކޮށްލިއެވެ. ނަމަވެސް އަހަރެންނަށް އޭގެން ވަކި މާނައެއް ނަގާކަށް ނޭނގުނެވެ. އަހަރެންގެ ސަމާލުކަން ހުއްޓުނީ، އަހަރެންގެ ފިރިމީހާއަށްވުރެ ޅަނދޮޅު ޅަބާޅަކަމުން އެ ޒުވާނާގެ ރީތި ކަމަށެވެ.
ކޮންމެއަކަސް އަހަރެން ނިންމީ، އެއް ފަހަރަކު އޭޑީކޭ ހޮސްޕިޓަލަށް އައުމުގައި، ޓެކްސީ ޓްރެފިކްގައި ޖެހި ލަސްވުމުން، ނަންބަރު "ކެޓުމުން"، ޑޮކްޓަރު ނަމަވެސް ސުލޫކީ މިންގަނޑެއްގައި ހިފަހައްޓަން ޖެހޭތީވެ، އަހަރެންގެ ކުރިން ކިއުގައި އިން މީހާ ވައްދައި، ވެއިޓިން ލިސްޓްގައި ތިބި އެންމެންގެ ފުލަށް އަހަރެން ލުމެވެ. އާހިރުގައި ވީ ގޮތަކީ އަހަރެންގެ ބާރެއް ނެތް ނަތީޖާއެއްގެ ސަބަބުން އަހަރެންނަށް ފަރުވާ ލިބުން ލަސްވެ، ފަހަރުގައި ފުރާނަ ވެސް ނެތިގެން ހިނގައިދާނެ ފަދަ ނާޒުކު ހާލަތެއް ކުރިމަތިވުމެވެ.
އެހެންކަމުން، އަހަރެން ނިންމީ ހާބަރުގައި ހުރި ރުށްގަނޑު ދޮށުގައި ހުރި ޖޯލިފަތިތަކުން ޖޯއްޔެއްގައި ޖައްސައިލައި، އަލުން ފެރީއެއް އަތުޖެހޭނެ ގޮތަކާމެދު ވިސްނައިލައިށެވެ.
އެހެން އޮވެ، ފިރިމީހާ، އަންހެނުންގެ ޖަޒުބާތީ މައްސަލަތަކަށް ފާޑު ކިޔައި އަހަރެންނަށް ފޮނުވި މެސެޖާމެދު ވިސްނަން ފެށީމެވެ. ނަމަވެސް ދެން ކުއްލިއަކަށް ވިސުނުމުގައި ކޮއްޓައިލީ އޭގެ ކުރިން ފިރިމީހާ އަހަރެންނާ ކުރިމަތި ކުރި "ކޮގްނިޓިވް ޑިސޮނަންސް" މައްސަލައެވެ.
އަހަރެން ވަގުތުން "ޖެމިނީ" ކިޔާ މަޝްހޫރު އޭ.އައި ސާޗް އިންޖީނަކަށް، އަހަރެންގެ ޗައިނާ ބްރޭންޑްގެ، ބައެއް މީހުން "ކަޑަ" ކަމަށް ބުނާ، ނަމަވެސް އަހަރެންގެ ފިރިމީހާ އެއީ ރަނގަޅު ފޯނެއް ކަމަށް ޔަގީންކަން ދިން، ސްމާޓް ފޯނުން ވަނީމެވެ.
ނަމަވެސް އެ ކަން ވީ ބޭކާރު ގޮތުގައި އަހަރެންގެ އޮންލައިން ޑޭޓާ ޕެކެޖުން ބޭކާރުވި ހަރަދަކަށެވެ. ހާއްސަ ގޮތެއްގައި، ހުދު އަހަރެންނަށް ވެސް ދާނެ ސީދާ މަންޒިލެއް އަދި ނޭނގޭ، ދަތުރެއްގައި އުޅެވޭތީއެވެ. މި ބުނީ، ޖެމިނީން މާ ހިތްހަމަ ޖެހޭ ގޮތަކަށް "ޖަވާބު ނުދިން"ކަމެވެ.
އެހެންކަމުން އަހަރެން ދެން ނިންމީ، އަހަރެން ސީ.އެޗް.އެސް.އީގައި މަތީ ސާނަވީ ތައުލީމު ހާސިލު ކުރިއިރު، ވަރަށް ކަމުދިޔަ އަންހެން ދިވެހި މުދައްރިސަކުގެ ވެސް "ފޭވަރިޓް" އޭ.އައި ސާޗް އިންޖީނަށް ވަދެލުމަށެވެ.
އޭނާ އެއް ފަހަރަކު އަހަރެންގެ ގާތުގައި ބުނި ބަލި ހަނދާނެއް ވަނީ އެ ސާޗް އިންޖީނަށް ކިޔަނީ "ޗެޓްޖީޕީޓީ" ކަމަށެވެ. އަދި ހަމައެކަނި ބޭނުންވާ ހުރިހާ މައުލޫމާތެއް އިންޓަނެޓްގެ ރަސްމަގުން ލިބޭނެ ކަމެއް ނޫނެވެ. ނަމަވެސް އަހަރެންގެ ފިރިމީހާއަށް ލޯބީގެ ދެ ތިން ފޮޅުވަތެއް ވެސް، އަހަރެންނަށްވުރެ ލޯބިކޮށް، ޗެޓްޖީޕީޓީން ލިޔެލައިދޭނެ ކަމަށެވެ. މަސްނޫއީ ސިކުނޑި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސަކީ އިންސާނުންގެ ސިކުނޑީގެ ވިސްނުމާއި ތަނަވަސް ކަމަށް ވެސް ގޮން ޖަހައިލާ ފަދަ "އޭ.އައި" ޕްރޮގްރާމްތަކެއް ކަމަށެވެ.
އެއީ ތެދެކެވެ. ޗެޓްޖީޕީޓީން އަހަރެންނަށް ވަރަށް ކުރުކޮށް އަދި ހަމައެހާމެ ފޮނިކޮށް، ކޮގްނިޓިވް ޑިސޮނެންސްއާ ބެހޭ ގޮތުން އަހަރެންގެ ނަފުސުގެ ދިފާއުގައި ދެއްކޭނެ ފަދަ، އަހަރެން ހިތްހަމަޖެހޭ، ވަރަށް ވެސް ކުރު، ހަމަ 100 ލަފުޒު ވެސް ނުހިމެނޭ ޖަވާބެއް ދިނެވެ. އެ ޖަވާބުގައި ބުނެފައިވަނީ މިހެންނެވެ:
"ކޮގްނިޓިވް ޑިސޮނަންސަކީ ނަފުސާނީ ހަމަޖެހުމަށާއި އަމިއްލަ ނަފުސު އޮޅުވައި ނުވުލުމަށް ސިކުނޑިން އަޅައިފައިވާ ދިފާއެކެވެ. ގަބޫލު ކުރުންތަކާއި ދެކޭ ގޮތްތަކާއި އަދި އުޅެވޭއުޅުންތައް މުޑި އަރައި ގޮތް ވެއްޖެ ނަމަ، ޑިސޮނަންސްގެ ސަބަބުން ސިކުނޑިއަށް އުނދަގޫވާ ގޮތް ވެއެވެ. މި ނުތަނަވަސްކަމުގެ މިންގަނޑު ދަށްކޮށްލުމަށްޓަކައި، ފުށު އަރައި އިދިކޮޅު ހިޔާލުތައް ވެސް އެއީ ހަމަޖެހޭ ކަމެއް ކަމަށް ސިކުނޑިން ގަބޫލު ކުރަން ފަށައެވެ. ވިސްނޭ ގޮތާއި ދެކޭ ގޮތާ ވެސް 'ކުޅެލައިގެން’ނެވެ.
"މިއީ އިންސާނާގެ އައިޑެންޓިޓީ ނުވަތަ އަމިއްލަ ނަފުސާ މެދު ދެކޭ ގޮތް ރައްކާތެރި ކުރުމުގެ އުކުޅެކެވެ. ޖަޒުބާތީ ނަގޫރޯޅިތައް ހަމަހިމޭން ކުރުމަށެވެ. ކުރިއަށް ކިޔަން ނޭނގޭ، ގޮތްގަނޑު ބޮޑު މާހައުލުތަކުގައި ސަލާމަތުން ހުރުމަށެވެ.
"ދެކޮޅު ނުޖެހޭ ކަންތައްތައް ވެސް ބަލައިގަތުމުން، ތިބާގެ ބޭރު ތެރެއިން އެ ފެންނަ ހަގީގަތްތައް، ތިބާގެ އެތެރެ ފުށުގައި ހަމަޖެހިފައި ހުންނަ އުސޫލުތަކާ އެއްގޮތް ކުރަނީއެވެ. ބޭނުމަކީ، ކަންތައްތައް ނިންމުމުގައި ގޮތް ދޫކޮށް، އިޖުތިމާއީ ހަމަޖެހުން ގާއިމުކޮށް، އަދި ފުރާނަ ރައްކާތެރި ކުރުމެވެ.
"އެހެންކަމުން، ކޮގްނިޓިވް ޑިސޮނަންސަކީ ނިޒާމީ 'ހަލާކެ’އް ނޫނެވެ. ނަމަވެސް އެ ވަގުތެއްގެ ހާލަތަކަށް އިންސާނާ ފިޓުކޮށްލުމުގެ ނިޒާމެކެވެ. މި ކަމުގެ ސަބަބުން، ސުލޫކީ ގޮތުން މަސްހުނި ނަޒަރިއްޔާތުތަކާއި، އެއް މައުލޫމާތު އަނެއް މައުލޫމާތާ ފުށުއަރައި މައުލޫމާތުތަކާއި، އަދި ބަދަލުވަމުންދާ ޒާތީ އަދި ސަގާފީ އާދަކާދަތަކަށް ހޭނެން މީހަށް އެހީތެރިވެދެއެވެ."
މި ޖަވާބު ލިބިފައި އަހަރެންނަށް ލިބުނު ހިތްހަމަޖެހުމުގެ ސަބަބުން ހިތަށް ފިނިކަމެއް ލިބި، އަނެއްކާވެސް ބޭރު ދުނިޔޭގެ މާހައުލަށް އަހަރެންގެ ސަމާލުކަން ދަމައިގަތެވެ. އެ ގޮތުން އަހަރެންގެ ސަމާލުކަން ހުއްޓުނީ، ފަޅު ތެރޭގައި އަޅައިފައި އޮތް މަހަށް ދާ ފައިބަ ގްލާސް ދޯންޏެއްގެ ވާތަކަށް ދަމައި، އެއާ ކުޅެމުން ދިޔަ، ހަން އޮމާން، އަދި ދޮން، ޒުވާން، ޅަނދޮޅު ޒަބާޅަ ބަންގްލަދޭޝް މަސައްކަތްތެރިއެއްގެ ފަރި ހަރަކާތްކަށެވެ.
އަދި އޭގެ ކުރިން އަހަރެންގެ ސަމާލުކަން ހުއްޓުނީ، ނައްޓައިލި ލޯންޗް ފެރީގެ، ޅަނދޮޅު ޅަބާޅަ ދިވެހި ޒުވާނެއްގެ ނަލަ އިޝާރާތަކަށް ކަމަށްވާތީ، އަހަރެން ހިތަށް އެރީ، އަހަރެން މިއޮއް ހުރިހާ ދުވަހު އިނދެގެން އުޅުނު ފިރިމީހާއަކީ އަހަރެންގެ، އެ ކިޔާ "ހަގީގީ ލޯބި" ކަމަށްވާ ނަމަ، މިހާ އަވަހަށް އެހެން ފިރިހެނުންނަށް އަހަރެން ހިތްކިޔަން ފެށީ ކީއްވެ ހެއްޔެވެ؟ އެއީ ފިރިމީހާ ދޫކޮށްލުމަށް އަހަރެންގެ، އަޑި ނޭނގޭ "ސަބްކޮންޝަސް މައިންޑް"އިން ނިންމި ކަމުގެ ކުލަވަރެއް ހެއްޔެވެ؟
މި ވިސްނުމުގައި އޮއްވައި އެއްކަލަ "ބަންގާޅު ސޮރު" އަހަރެންނާ ދިމާއަށް އެނބުރިލައިފައި އަހަރެންނަށް ހަނާއަޅައިލިއެވެ.
އަހަރެން ޖޯލިން ތެދުވެ، އެ ފައިބާ ގްލާސް އޮޑިއާ ދިމާއަށް މިސްރާބު ޖެހީމެވެ.
އެއާ ކައިރިވީވީހެން އެ ބަނގްލްދޭޝްގެ ޒުވާނާގެ ނިޔަނެތި، މައުސޫމު މޫނުގެ ސޫރައިގެ ތަފުސީލުތައް ކަޝްފުވާން ފެށިއެވެ. އަދި އަލަށް ލޯތްބަށް ހުށަހެޅޭ، ފުރާވަރުގެ ކުއްޖެއް ފަދައިން، އަހަރެންގެ ބަނޑުގައި ކޮކާތަކެއް އުތުރިއަރަން ފެށި ކަހަލައެވެ.
ތޮށިގަނޑާ ހިސާބަށް ގޮސް، އެ އޮޑިއަށް އެރުމަށް، އެ ހިތްގައިމު ބަނގްލަދޭޝް ޒުވާނާ އަހަރެންނާ ދިމާއަށް އަތް ދިއްކޮށްލައިފައި، ވަރަށް ހިތަށް ފިނިވާ ކަހަލަ ފުން ނަޒަރަކުން ހީލުމާއެކު، އަހަރެންގެ ދެ ކަށިމަތި ފެންވިއެވެ. އަދި އަހަރެން ފަޅުތެރެއަށް ވެއްޓެން އުޅުނު ކަހަލައެވެ.
