އަދުގެ އޮންލައިން ހަޔާތުގެ "މީމް"ތަކުގެ ކަނޑުގައި އަހަރެން ޣަރަގު ވެދާނެތީ ތިބާ އެއް ފަހަރު ބުނި އެއްޗެއް މި ދަތުރު މަތީގައި ހަނދާނުގައި އެބަ ބަހައްޓަމެވެ. އެއީ ތިބާ ބުނި ވަރަށް ޗާލު އިބާރާތްކޮޅެކެވެ: "ދިރިއުޅުމުގައި އޮތީ ދެ މަގެކެވެ – އެއް ގޮތަކީ އަލިގަދަ ދަންމަރަކަށްވުމެވެ؛ އަނެއް ގޮތަކީ ފާފައިގެ ކަނޑެއްގައި ޣަރަގުވުމެވެ."
ދަތުރަކީ ދިގު ދަތުރެއް ކަމަށް ވެދާނެ ކަމަށް އަހަރެންނަށް ހީކުރެވޭތީ ތިބާ ބުނި އެއްޗަކާމެދު ވިސްނަން ވަރަށް ވަގުތު ލިބޭނެކަން ޔަގީންވިއެވެ. އަދި އެ އިބާރާތްތަކުގެ މާނަތައް އަހަރެން މި ދަތުރު ކުރަމުން އަންނަ ކަނޑުހާ ފުޅާވެފައި ފުން ވާނެކަން ވެސް ހަނދާނުގައި ބެހެއްޓީމެވެ.
އަހަރެން ވިސްނަން ފެށީމެވެ؛ ގާދޫކޮލުން ނުކުމެވުނު ތަނާއެވެ.
ތިބާ ބުނި ތިޔަ ދެ މަގުގައި ވެސް، ފާޑެއްގެ، އަހަރެން ބާރުވެރި ކުރެވޭނެ ކަހަލަ، ކަންތައްތަކެއް ވެއެވެ. މިހެން ވިސްނުމުން އަހަރެން އަންތަރީޒުވިއެވެ. އިދިކޮޅު ދެ ހިޔާލަކަށް އެއް ފަހަރާ އަހަރެންނަށް ޖާގަ ދެވިގެން ނުވާނެ ނޫން ހެއްޔެވެ؟ ނަމަވެސް، ނޫނެކެވެ. މުޅިއަކުން އެހެނެއް ނޫނެވެ. ފަރަންޖީން އެ ކިޔާ "ކޮގްނިޓިވް ޑިސޮނެންސް" ހުރިހާ އިންސާނުންގައި ވެސް ހުންނާތީ ނޫން ހެއްޔޭ މި އޮއް ހުރިހާ އަހަރަކު އަހަރެންނަށް ތިބާގެ ގާތުގައި ކެތް ކުރެވުނީ، އަހަރެންގެ ހިތަށް އެރިއެވެ.
ބައެއް މީހުން އަހަރެންނާ ދިމާއަށް ބުނެފާނެއެވެ: "ތިޔަ ހުރީ ހަމަ ރަނގަޅަށް 'ސްޓޮކްހޯމް ސިންޑްރޯމް' ޖެހިފައެވެ. ކެތް ނުކުރަން ޖެހޭ ފިރިއެއްގެ ގާތުގައި ކެތް ކުރީ އެހެންވެ ނޫން ހެއްޔެވެ؟"
އެއީ ތެދެކެވެ. ސްޓޮކްހޯމް ސިންޑްރޯމަކަސް ނުވަތަ ކޮގްނިޓިވް ޑިސޮނަންސަކަސް، އަހަރެން ހަގީގަތުގައި ތިބާގެ ގާތުގައި މަޑުކުރީ ހަމަ އެންމެ އަސާސީ ބޭނުމެއް އޮވެގެންނެވެ؛ އެއީ ތިބާ ކޮންމެވެސް ދުވަހަކުން ރަނގަޅުވާނެ ކަމަށް ހިތަށް އަރައިގެންނެވެ. ނަމަވެސް މިއަދު އަހަރެންގެ ގާތް މީހުން ބުނަނީ ކައިވެނި ކުރިއިރު ރަނގަޅަށް ނުހުރި ސިފަތަކެއް ވަކި މަށަކަށް ރަނގަޅެއް ނުކުރެވޭނެ ކަމަށެވެ.
އެއީ ތެދަކަށް ވެދާނެ ހެއްޔެވެ؟
އަހަރެން މި ކަމާ ވިސްނަން ވަރަށް ގިނަ އިރު އިނދެވުނެވެ. ނަމަވެސް އެ ކަމެއް ފުރަތަމަ ރޭކައެއް ނުލައެވެ. ތިބާ އަހަރެންގެ ގާތުގައި އެހި "ނުބައި ސުވާލު"ގެ ފަތިފުށްތަކާމެދު ސިކުނޑީގައި ބަހުސް ކުރަން، ތިބާ ބުނި "އަލިގަދަ ދަންމަރެއް"ގެ ވާހަކަ އާއި "ފާފައިގެ ކަނޑަކަށް ޣަރަގުވުމުގެ" ފުރުސަތު އޮތީ ކިހިނެތްތޯ ވިސްނުމުގައި ގިނަ އިރުތަކެއް ވެއްޖެކަމާމެދު އަހަރެންނަށް ހޭވެރިކަން އައީ ލޮލުކޮޅަށް ހިންމަފުށި ފެންނަން ފެށީމައެވެ.
ފެރީގެ ސީޓުގައި އަހަރެން ހަމަޖެހިލީމެވެ. އަދި ލޯ މަރައިލީމެވެ. ރަށާ ކައިރި ވިޔަސް ކުޑަކޮށް ވަރުބަލިވީމައެވެ. ވިސްނާ، ވިސްނައެވެ. ޖިސްމާނީ މަސައްކަތަށްވުރެ ސިކުނޑީގެ މަސައްކަތް ހަގީގަތުގައި މާ ބުރައެއް ނޫން ހެއްޔެވެ؟
އެހެންކަމުން، ގައިމު ވެސް އަހަރެންނަށް ނިދި ޖެހިއްޖެ ނަމަ ލޯންޗް ކުދިން އަހަރެން ހޭލައްވައިލާނެތާއޭ ހިތަށް އަރައި ލޯ މަރައިލީއެވެ.
އަހަރެން ނިންމީ، ތިބާ ކުރި "ނުބައި ސުވާލާ"މެދު ދެން ވިސްނުން ހިންގާނެ ގޮތެއް، ހިންމަފުށީގެ މަޑު ދޮންވެލި ފަސްގަނޑުގައި އަހަރެންގެ ފައި ބީހުމުން، ނިންމާށެވެ.

One Response
މިއީ އާންމު ގޮތެއްގައި ހިއްލަތު ލިޔުއްވާ ލިޔުންތަކާ ވަރަށް ތަފާތު ލިޔުން ކޮޅެއް. ވަރަށް މައިތިރި ޕޭސްއެއްގައި ހިނގަމުންދާ ކަންތަކުގެ ތެރޭގައި ވިސްނުންތަކަށް ގެއްލިފައި.