Support Us

ކޮލަމް މީތިނުކިޔާތި: ނުބައި ސުވާލަށް ނުބައި ޖަވާބެއް؟

ނޯޓް: ކުރީގެ އަދަދާ ގުޅޭ

ހިންމަފުށީގެ އަތިރިމަތީގައި ހުރި އޯޕަން އެއާ ކަޑައެއްގައި އަހަރެން ހެދިކާ އާއި އަކްބަރު ސައި ބުއީމެވެ.

އަހަރެންގެ ވަކި މަންޒިލެއް ނެތް ދަތުރު ފެށީ ހަމައެކަނި އާއިލާ އާއި އިތުބާރު ކުރެވޭ ރަހްމަތްތެރިން ގާތުގައި ބުނެލައިފައި، ޗުއްޓީ ދެނީ ބޮސް ކަމަށް ވާތީ، ދަތުރުގެ އަމާޒުގެ ސިއްރު ހަމައެކަނި އެ ފަރާތްތަކާ ހިއްސާކޮށްލުމަށް ފަހުއެވެ.

އެހެންކަމުން ސަޔަށް ފަހު، ސިކުނޑި ހަމަޖައްސައިލަން، ހަކުރު ނާޅާ، ނެސްކެފޭ ކަޅު ކޮފީއެއް ބޯން ފެށީމެވެ. ނަމަވެސް ދެން އައީ އަނެއްކާވެސް ސިކުނޑި އެލާޓަށް ގެނައި އެސް.އެމް.އެސްއެކެވެ. ކުރިން ހީކުރި ގޮތަށް، ހަމަ އަހަރެންގެ ފިރިމީހާގެ ފަރާތުންނެވެ. އޭނާއަށް ނޭނގޭ މަގުސަދެއްގައި އަހަރެން ހަޔާތުގެ އާ ދަތުރެއް ފެށުމުން އެ ކަން ހަޖަމު ނުކުރެވުނީ ކަންނޭނގެއެވެ.

އޭނާގެ ޓެކްސްޓް މެސެޖުން ދޭހަވީ އެ ކަހަލަ މާނައެކެވެ:

"އަންހެނުންނާއި ފިރިހެނުން ތަފާތުކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ތިބާއަށް ނޭނގޭ ކަމީ ފިރިހެނުން އަބަދުވެސް ޖަވާބެއް ބޭނުންވާ ކަމެވެ. ތިބާ އަހަރެން ވާނުވާގައި ބަހައްޓައިފައި ރަށުން ފިލީއްސުރެ އަހަރެންގެ ސިކުނޑިއަށް ހަމަޖެހުމެއް ނާންނަނީ މިހެންވެއެވެ.

"ފިރިހެނުންނަށް ކޮންމެ ކަމަކަށް ވެސް ރިސޮލިއުޝަނެއް ބޭނުންވެއެވެ. މި ބުނީ ކޮންމެވެސް ކަހަލަ ޖަވާބެއް ބޭނުންވާ ކަމެވެ. ތިބާ ކޮންމެ މަގުސަދެއް ހާސިލުކުރަން ތިޔަ ގޮތަށް ނާންގައިލައި ފުރިޔަސް، ހަމަ އެ ވަރު ވެސް އަންގައިލެވިދާނެ ނޫން ހެއްޔެވެ؟ މި ބުނީ، މިސާލަކަށް، 'އަހަރެން މި ފުރަނީއޭ، ދާ ދިމާއަކާ، ދާ ސަބަބެއް ބުނާކަށް ބޭނުމެއް ނޫނޭ' އަޅެ މި ވަރު ނުކޮށްލީ ކީއްވެ ހެއްޔެވެ؟

"އަންހެނުންނަކީ ފިރިހެނުންނަށްވުރެ ޖަޒުބާތީ ގޮތުން ބާރުގަދަ ބައެކޭ، މި ކަމުގައި ފިރިހެނުންނާ ހަމަހަމައެއް ނޫނޭ، ނަމަވެސް ނަފުސާނީ އަދި ޖަޒުބާތީ ކަންތައްތަކަށް ބަލައިފި ނަމަ، އަންހެނުން އުޅޭނީ މާ ކުރީގައޭ ތިބާ ބުނާ ބަސް އަހަރެން ގަބޫލު ކުރަމެވެ.

"އެއީ، މިސާލަކަށް، ތިބާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހުން ތިބާ ދޫކޮށްލައިފައި ދިޔައިރު ވަކި ސަބަބެއް ނުބުނާތީ، ތިބާގެ ސިކުނޑި އެ ކަމަށް އެޖަސްޓްކޮށްލި ގޮތެވެ. ތިބާ އަހަރެންގެ ގާތުގައި ބުނީ ތިބާއަށް އެ ގޮތް ހިތްހަމަޖެހޭ ކަމަށެވެ. ސަބަބަކީ އެ ފިރިހެނުންތައް ތިބާ ދޫކޮށްލި ސަބަބު ތިބާ އަމިއްލައަށް ގޮތެއް ނިންމުމަށް ދޫކޮށްލުމުން، ތިބާ އަމިއްލައަށް ބޭނުންވާ ގޮތަކަށް އެ ކަމާމެދު ވިސްނައި، ސިކުނޑި ހަމަޖައްސައިލީ ކަމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ތިބާ ތިބާގެ އަމިއްލަ ނަފުސަށް އޮޅުވައިލުމަށް ހިތްހަމަޖެހެނީއެވެ. މިއީ އަހަރެމެން ފިރިހެނުންގެ ސިކުނޑި ސުމަކަށް ދާނެ ވަރުގެ ކަމެކެވެ. އެހެންވީމާ ޖަޒުބާތީ ގޮތުން އަންހެނުން ވަރުގަދަ މި ވަނީ ކިހިނެތްކަން އަހަރެންނަށް އޮޅުން އަރައިފިއެވެ!

"ސޮރީއެވެ. މި ބުނިހެން، މިއީ ފިރިހެނެއް ފަދައިން އަހަރެންނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އަހަރެންގެ ލޯބިވެރިޔަކު އަހަރެން ދޫކޮށްލާ ނަމަ، ދޫކޮށްލި ސަބަބު ބުނަން ބޭނުން ނުވާކަން އެކަނިވެސް ބުނެލަން ޖެހޭނެއެވެ. ސަބަބަކީ މިއީ އިންސާނީ ޝަރަފަށް އިހްތިރާމް ކުރުމެވެ. އަނެކާއަށް ރެސްޕެކްޓް ކުރުމެވެ. މުއާމަލާތް ކުރުން ކުއްލިއަކަށް ހުއްޓައިލިޔަސް، އެ ވަރު ވެސް ބުނެލަން ވާނެ ދޯއެވެ؟ ސަބަބަކީ އެއީ އިންސާނީ ކަރާމާތަށް ގަދަރު ކުރުމެވެ."

އެ ރޭ ގެސްޓްހައުސެއްގެ ކޮޓަރީގައި އެކަނި ނިދަން އޮތް އިރު ފިރިމީހާ އެ ބުނި އެއްޗަކާމެދު އަހަރެން ފުންކޮށް ވިސްނަން ނިންމީމެވެ. ނަމަވެސް އެއީ މާދަމާ ފަށާ ހުރައަށް ކުރާ ދަތުރުމަތީގައެވެ.