Support Us

ކޮލަމް: މީތިނުކިޔާތި

މުޅި ދުނިޔޭގައި ވެސް މަދިރި ނޫޅޭ އޮތީ އެންމެ ގައުމެއްކަން އެނގޭތަ؟

ހިޔާލަށް ގެނެސްލާށެވެ: ޕާކެއްގައި ހިތްގައިމު ހަވީރެކެވެ. ޖެހެނީ މަޑު ވައިރޯޅިއެވެ. ފަނޑުވަމުން އަންނަނީ އިރުގެ ނަލަ ދޯދިތަކެވެ. ގަސްގަހާގެހިން ދުވަނީ ބިމުގެ މަށީގެ މަސްކު ވަހެވެ. ތިބާގެ އަތުގައި ވަނީ، އާވި ދުންފިންޏަށް ވަމުންދާ، ކަޅު ސައި ތަށްޓެކެވެ.

މަޑުމަޑުން ތިއްކަރަކަށް ފަހު ތިއްކަރެއް ތިބާ ދުލުން ރަހަ ބަލަމުން ދެއެވެ. އިރު އޮއްސެމުންދާ މަންޒަރާ ދިމާއަށް ކަޅި ޖަހައި ނުލައެވެ. ނަމަވެސް ދެން ހަމަ ކުއްލިއަކަށް ކަންފަތްބުޑަށް ފޯރަނީ އެއްކަލަ "ބޫން ބޫން" އަޑެވެ. ދަންނަ، އާއްމު އަޑެކެވެ.

އިސާހިތަކު ތިބާގެ ފައިގައި ކަށި ޖަހާ ކަހަލަ އިހުސާސެއް ކުރެވެއެވެ. ސައިތަށްޓަކާ ސައިތަށްޓެކެވެ! ހަށިގަނޑުގެ ގުދުރަތީ ރިފްލެކްސުން ތިބާ ތިބާގެ އަތުން ތިބާގެ ފައިގެ އެތައް މި ތާނގައި ތަޅަން ފަށައެވެ. ދެން، އަތްތިލަ ނަގާ، ފަނޑު އަނދިރީގައި ނަޒަރު ހިންގައިލުމުން، ފެންނަނީ ހަމަ އެއްކަލަ ކުޑަ ސުއިއްޕެވެ: ލެއިން ތަތްތެޅި، އަތަށް ޗިސްވެފައިވާ، ދާދި ދެންމެއަކު ފުރާނަ ދިޔަ ފަކުރު މަދިރިއެއްގެ ހަށިގަނޑެވެ.

އެއް އިރެއްގައި، މާބޮޑު ހޭލުންތެރިކަމެއް ނެތް ޒަމާނެއްގައި ރާއްޖޭގައި ވާލާއި ކާޅާއި މިޔަރު މެރި ފަދައިން، މަދިރިއަކީ ވެސް އިންސާނުންގެ މެދުގައި މިހާރު ހިޔާލުތަފާތުވެފައިވާ މަހުލޫގެކެވެ. ކޮންމެ އެއްޗެއް ނުވަތަ ކަމެއްގައި ދެ ފަރާތްވާ ފަދައިން މަދިރީގެ ވެސް އަނދިފަރާތެއްގެ އިތުރުން އަލިފަރާތެއް ވެސް ވެއެވެ!

މަދިރީގެ އަނދިރިފަރާތާއި އަލިފަރާތް

އިންސާނުން ގައިގައި ދަތް އަޅައި އަދި ބައެއް ފަހަރަށް ފުރާނައަށް ވެސް ނުރައްކާވާ ފަދަ ބަލިތައް ފަތުރާ މަދިރީގެ މައިގަނޑު ތިން ފައިދާއެއް ވެސްއެވެ. އެއް ކަމަކީ، ލޭ ބުއިމުގެ އިތުރުން ދެ ޖިންސްގެ މަދަރިއަކީ މާމެލާމެލީގެ ފޮންޏާއި ގަސްގަހާގެހީގެ ދިޔައިން ވެސް ކާނާ ހޯދާ "އިންސެކްޓް" ނުވަތަ ސުއިއްޕެކެވެ. މިހެންވެ، އެއީ ގަސްތަކާއި ވެޔޮތަކުގައި ތަރުކާރީ އާއި މޭވާ އަޅުވައިދޭން މެދުވެރިވާ، މާ ޖޯޑުކޮށްދޭ ޕޮލިނޭޓަރެއް ވެސްމެއެވެ.

މަދިރީގެ ހަޔާތުގެ ބުރު ނުވަތަ އެ ސޮރުގެ "ލައިފް ސައިކަލް"

ދެވަނަ ކަމަކީ އެއީ ފެނުގައި އުޅޭ މަހުލޫގުންގެ ކާނާއެވެ؛ މަސްމަހާމެއްސާއި، ކަހަނބާއި، ބިމާއި ފެނުގައި ވެސް ދިރިއުޅެވޭ އެމްފީބިއަނުންގެ ބާވަތްތަކުގެ ހައިވާނުންނާއި އަދި ބޮކުގެ ފަނި ކަމަށްވާ ޓެޑްޕޯލްގެ އިތުރުން ޑްރެގަންފްލައިގެ ބާވަތްތައް ކަމަށްވާ ދޮންދޫންޏާއި ލޯފިނދުގެ އެންމެ މުހިންމު އެއް ކާނާގެ މަސްދަރަކީ ވެސް ފެނުގައި އުޅޭ މަދިރިފަންޏެވެ.

އަނެއްކޮޅުން، މަދިރިއަށް ބަދަލުވެ، އުދުއްސައިގަންނަ ހިސާބުން ފެށިގެން އެ ސޮރު ވެގެން އަންނަނީ އެއްގަމާއި ވައިގައި އުޅޭ ޖަނަވާރުންގެ ފުރާނަ މުއްތި ކުރުމަށް ދިރިހުރެވޭނެ ކާނާއަކަށެވެ. ދޫނިސޫފާސޫފި އާއި ވާލާއި ދޮންދޫންޏާއި ލޯފިނދާއި ފައިދިގުމަކުނާއި ބޮނޑާއި އޭގެ އާއިލާގެ މެންބަރުން ކަމަށްވާ ހޯނާއި ރަކިސްބޮނޑާއި އަދި ބޮކުގެ ވެސް އެއް ކާނާއަކީ މަދިރިއެވެ. ބައެއް ގުދުރަތީ ނިޒާމުތައް ނުވަތަ އިކޯސިސްޓަމްތަކުގައި މި ހައިވާނުންގެ އަސާސީ ފަރިއްކޮޅަކީ މަދިރި ނޫން އެހެން އެއްޗެއް ނޫނެވެ!

މަދިރި ބިސް އަޅަނީ މަދިރި ޖޯޑެއް ޖިމާއުވާތާ 2 ދުވަހާއި 5 ދުވަހާ ދޭތެރޭގެ މުއްދަތެއްގައި. ބިސްތައް ހުންނަނީ ބޮނޑިބޮނޑިއަށް ފެންމަތީގައި

މީގެ އިތުރުން، މަދިރިފަންޏަކީ "އޯގަނިކް މެޓާ" ކައިގެން އުޅެ އެއްޗެކެވެ. މާނައަކީ، ފީވަމުންދާ ފެންގަހުގެ ފަތްތަކާއި އެހެނިހެން ކުދިކުދި ސޫފިތައް ކައިއުޅެއެވެ. މި ކަމުގެ ސަބަބުން ފެންގަނޑުގެ އިކޯސިސްޓަމްގައި ކާނާ ދައުރުކޮށްދީ، މުޅި ފެންގަނޑުގެ މާހައުލުގެ ތިމާވެށީގެ ދުޅަހެޔޮކަން ދަމަހައްޓައިދެއެވެ. އަދި ބޮޑުވެފައިވާ މަދިރިތައް މަރުވުމުން އެ ސޮރުމެންގެ ހަށިގަނޑަކީ ވެސް ބިމާއި ފެނުގެ ކާނާގެ ބުރު ނުވަތަ "ފުޑް ސައިކަލް"ގެ ނިޒާމުގެ ބަޔަކަށް ވެގެންދެއެވެ. އަނެއް ކަމަކީ ފެންގަނޑުގައި އުޅޭ ސޫފިތައް، ވަކި ހައްދެއް ނެތި އާބާދީ ބޮޑުވެއްޖެ ނަމަ، އިކޯސިސްޓަމްގެ ބެލެންސް ގެއްލިދާނެތީ، އެތަކެއްޗަށް ވެސް ބަލި ޖައްސައި، އެ ތަކެތީގެ އާބާދީ ކޮންޓްރޯލް ކޮށްދެނީ މަދިރިއެވެ.

ބިސްތަކުން ފަނި ނުވަތަ "ލާވާ" ނިކުންނަނީ ބިސް އަޅާތާ 1 ދުވަހާއި 3 ދުވަހާ ދޭތެރޭގައި. ސީދާ މަދިރިއަކަށް ވެގެން ފެނުން މައްޗަށް އުދުއްސައިގަތުމުގެ ކުރިން ތޮށިގަނޑެއް ލައިފައި ހުންނަ "ޕިއުޕާ"އަކަށް ފަނި ބަދަލުވަނީ 3 ދުވަހާއި 10 ދުވަހާ ދޭތެރޭގައި

ތިންވަނަ ކަމަކީ ބަޔޯޑައިވާސިޓީ ނުވަތަ ތަފާތު ދިރުންތަކާއި ބައެއް ވެށިތަކުގެ ދުޅަހެޔޮކަން ދައްކައިދޭ ނިޝާނަކީ މަދިރިއެވެ. މަދިރި ނައްތައިލުމަކީ އިންސާނުންނަށް ކަމުދާ ކަމެއް ކަމަށް ވިޔަސް، އެ ސޮރު ނެތިދިޔުމުން ފާހަގަކޮށްލެވޭ، އަދި ކުރިއަށް ގޮތް ކިޔަން ނޭނގޭ ފަދަ ކުއްލި އަދި ދިގު މުއްދަތުގެ ބަދަލުތަކެއް ފުޑް ސައިކަލް ނުވަތަ ދުނިޔޭގެ "ކާނާގެ ބުރު" އާއި އިކޯސިސްޓަމަށް އަންނާނެއެވެ. ހާއްސަކޮށް، ކާނާ ދައުރުވާ ފަށް ނުވަތަ "ފުޑް ޗެއިން"ގައި އެ ސޮރަކީ އެ މާހައުލުގައި ދިރިއުޅޭ ހައިވާނުންގެ އަސާސީ އަދި ކޮންމެހެން މުހިންމު ކާނާ ކަމަށްވާ ނަމައެވެ.

މަދިރި ނޫޅޭ ގައުމެއް ނެތް ކަހަލަ!

މިހެންވެ، ބަލި ފަތުރާ، ނަމަވެސް އަނެއްކޮޅުން އަދި އެހާމެ ތިމާވެށްޓަށް މުހިންމު، މި ކުޑަ މަހުލޫގު ނޫޅޭ ގައުމެއް ނެތް ކަހަލައެވެ. މައިކްރޮސްކޯޕެއްގެ ދަށުން ބޮޑުކޮށް ބަލައިފި ނަމަ ހޮލީވުޑްގެ ސައިންސް ފިކްޝަން ފިލްމްތަކުން ފެންނަ އޭލިއަނުންނަށްވުރެ ބިރުވެރި ޒާތެއްގެ ސިފައެއްގައެވެ. ފައިދިގުމަކުނާއި ރުކުމަޑިއާއި ބަޅިނދު ފަދަ އެއްޗެހި، އެތާއި ބޮޑުމަހާ އެއް ސައިޒެއްގައި އުޅޭ ނަމަ، އިންސާނުން މިއަދު ހަނގުރާމަ ކުރާނީ އެކަކު އަނެކަކާއެއް ނޫނެވެ. އެ ފިލްމްތަކުގައި ފެންނަ ފަދައިން، މަދިރި މަރާށެވެ. އޭރުން މަދިރި މެރުމުގެ މަޝްރޫއުތައް މާ ކާމިޔާބު ވީސް ކަންނޭނގެއެވެ. އެހެނީ، މިހާރު މަގުމަތީގަ އާއި އެހެން ތަންތަނުގައި މަދިރި ބިސް އަޅަން ފެން އެޅޭ ގޮތަށް ކުނިބުނި ދޫކޮށްލުން ފަދަ ކަންތައްތަކަށް އަހަރެމެން އިންސާނުން ފަރުވާ ކުޑަ ނުކުރީހެވެ.

އަހަރެމެންނާ އެންމެ ގާތް އަވަށްޓެރި އިންޑިއާއަށް ބެލި ނަމަވެސް ކަމަކުދާކަށް ނެތެވެ! މަދިރި ނެތް ތަނެއް ނެތެވެ. ކެރަލާ ސްޓޭޓްގެ ޗަސް އައްސޭރިތަކުން ފެށިގެން ފިލްމީ އަދި ސިނާއީ މަައި މަރުކަޒު ކަމަށްވާ މުމްބާއީ އަދި ވެރިރަށް ދިއްލީއިން ފެށިގެން، ހިމަޗަލް އަދި ކަޝްމީރުގެ ފިނި ހިސާބުތަކުގައި ވެސް ހުސް މަދިރިއެވެ. މަދިރީގެ ބިޔަ ބޮޑު އާބާދީ، ދުނިޔޭގެ އެންމެ ބިޔަ ބޮޑު އާބާދީ އޮތް ގައުމުގައި ވަނީ ވަކިހިއްޕައިލައިފައެވެ.

ހައްލަކީ އައިސްލޭންޑް!

މަދިރި ނޫޅޭ ހަމައެކަނި ގައުމުތަކަކީ ޖަޕާން، ޗައިނާ، އެމެރިކާ ނުވަތަ އިނގިރޭސި ވިލާތް ފަދަ ތަރައްގީ އާއި ތަހުޒީބާއި ތަމައްދުންގެ ކުރީ ސަފުގައި އޮތް ގައުމުތައް ކަމަށް ހީނުކުރާށެވެ. ޓްރެފިކް ތޮއްޖެހިފައިވާ އިންޑިއާ ފަދަ ގައުމުތަކުގައި ބަރުގޮނުއަޅާ ވަރަށް މަދިރި ވެސް ގޮވައެވެ.

މި "މުސީބާތުން" ދުނިޔޭގައި ސަލާމަތްވެފައިވަނީ ހަމަ އެންމެ ގައުމެކެވެ: ހަމައެކަނި އައިސްލޭންޑެވެ. ދުނިޔޭގެ އުތުރު ބިތާ ކައިރީގައި އޮންނަ އެ ފިނި ބިމުގައި މަދިރީގެ އެއްވެސް އަސަރެއް ނެތެވެ. އިނގިރޭސި ބަހުން މި ކިޔާ "،މޮސްކިޓޯ"ގެ އެއްވެސް ބާވަތެއް އެ ފިނިކަން ގަދަ ގައުމުގައި ނޫޅެއެވެ.

އަދި އައިސްލޭންޑްގެ ހާއްސަކަން މި ހިސާބުން ނިމުނީއެއް ނޫނެވެ؛ 40،000 އެއްހާ އަކަ މޭލުގެ ކުޑަ ޖަޒީރާ ބިމުގެ ސަރަހައްދެއް އޮތް، އާބާދީގައި މިއަދުގެ މިހާތަނަށް، 390،000 އެއްހާ، ރާއްޖޭގެ އާބާދީ ފަދަ، ދުނިޔޭގެ އެންމެ މީސްކޮޅު މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ އައިސްލޭންޑްގައި އިންސާނުން ބިރުން ފިތްކަނޑައިގެން ދާ ހަރުފަ އާއި އެ ބާވަތުގެ ރެޕްޓައިލްތަކެއް ވެސް ނޫޅެއެވެ. އައިސްލޭންޑް "ސްނޭކް ފްރީ ކަންޓްރީ" ނުވަތަ "ހަރުފައިން މިނިވަންވެފައިވާ ގައުމޭ" ކިޔަނީ ވެސް މިހެންވެއެވެ.

އެ ގައުމުގެ ޝައުގުން ފުރިފައިވާ ގުދުރަތީ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބައެއް ސިފަތަކަކީ ލޭކް އާއި ޕޮންޑް ފަދަ ތާޒާ ފެނުގެ ފެންގަނޑުތަކާއި ވެޓްލޭންޑްސް ނުވަތަ ޗަސްބިންތައް ހުންނަ އިރު އެ ތަންތަނުގައި 1،300 އަށްވުރެ ގިނަ ބާވަތުގެ ދިރޭތަކެތި އުޅޭއިރު މަދިރިއެއް ނޫޅޭ ކަމެވެ. ސައިންސްވެރިން ބުނަނީ އަވަސްއަވަހަށް ދުވާލުގެ މޫސުން ބަދަލުވުމާއި ދިގު މުއްދަތެއްގެ ފިނި މޫސުމެއް ވެސް އޮންނާތީ މަދިރީގެ ބިސް އޭގެ މަރުހަލާތައް ކަޑައްތުކޮށްފައި މަދިރިއެއްގެ ގޮތަށް ބަދަލުވާން ސަލާމަތް ނުވަނީ ކަމަށެވެ.

އެހެންކަމުން، އައިސްލޭންޑަކީ ހަގީގަތުގައި ވެސް އަމާން ގައުމެކެވެ؛ މަދިރިއެއް، ހަރުފައެއް ނޫޅެއެވެ. އޮތީ ހަމައެކަނި ސާފު، ސަޅި ގުދުރަތީ ވެށްޓެކެވެ.

އާއްމު ގޮތެއްގައި މަދިރި ބިސް އަޅައި، އޭގެ ފަނި އާލާ ވަނީ ތިލަ އަދި އޮއި ނުދެމޭ ފެނުގައެވެ. ހޫނުމިން ވެސް ހުންނަން ޖެހެނީ އެއް ވަރަކަށް ހިފެހެއްޓިފައެވެ.

އައިސްލޭންޑްގައި މި ހާލަތްތައް ތަފާތެވެ. ބިންތައް އޮންނަ ރަހައިގެ ގޮތުން ފެން ފައިބައިގެން ދަނީ ނުހަނު ހަލުވި ދުވެއްޔެއްގައެވެ. އެހެންކަމުން، ފެން ހިނދެނީ ވެސް މާ އަވަހަށެވެ. މިހެންވެ، ފެނަށް އަޅާ މަދިރި ބިހުން، އަދި ފެނުގައި އެ ބިހުން ފަނި ވިހައި، ދެން ސީދާ އުދުހޭ މަދިރިއަކަށް ބަދަލުވެގެން، ފެންގަނޑު ދޫކޮށްފައި ދެވިދާނެ ކަހަލަ މާހަލެއް، ގުދުރަތީ ގޮތުން ކިތައްމެ ފުރިހަމަ، ދުނިޔެމަތީގެ ސުވަރުގެއެއް ކަމަށް ހަމަ ސިފަ ކުރެވިދާނެ ތަނަވަސް ތިމާވެށްޓެއް ކަމަށް ވިޔަސް، އައިސްލޭންޑްގައި މަދިރިއަކަށް ހަމަ އެއްވެސް ޖާގައެއް ނެތެވެ.

ފަތުރުވެރިންނަށް އަމާޒުކޮށްގެން ޝާއިއުކުރާ ޓޫރިސްޓު ބްރޯޝަރުތަކުގައި އައިސްލޭންޑާމެދު އެ ބުނާ "ކޫލް" ނުވަތަ "ސަޅި" (އިހު ޒަމާނޭ ބުންޏަސް 80ގެ އަހަރުތަކުގައި ވެސް ދިވެހި "ބޭފުޅު" ފަންތީގެ މީހުންގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ބޭފުޅިޒަމްގެ "ފޮނިކަމެ"އްގެ ގޮތުގައި ވެސް ސިފަ ކުރަން ބޭނުންކުރި ބަހެއް) ވަނީ މިހެންވެ ކަމަށްވެދާނެއެވެ. އެ ގައުމުގެ މީސްކޮޅު މަދުކަމުން "ބިނާވެށްޓޭ" މި ކިޔާ އިންސާނީ ތަރައްގީގެ އުމްރާނީ ސިފަތަކެއް މާ ބޮޑަށް ޖެހިފައެއް ނެތެވެ. މިހެންވެ، ގެދޮރު މަދުވުމުގެ އިތުރުން މަދިރީގެ ހަޔާތަށްޓަކައި، ގަސްދުގައި ނޫނަސް، މަދިރީގެ ހަޔާތް އާރާސްތުކުރުމަށްޓަކައި ވެވޭ "އިހުމާލެއް"ގެ ގޮތުން ވެސް، މަދިރީގެ "ހައްގުތަކަ"ށްޓަކައި އެ ސޮރުމެންނަށް "އިންފްރާސްޓްރަކްޗަރެ"އް ގާއިމު ކޮށްދިނުމަށް އައިސްލޭންޑްގެ ސިޔާސީ ފަރާތްތަކަށް ޑިމޮކްރެޓިކް ބާރެއް އަދި ފުރުސަތެއް ވެސް ނެތެވެ.

މީގެ އިތުރުން އައިސްލޭންޑްގެ އެ ގަދަ ފިންޏަކީ، ޖެކެޓާއި ފޮއްޗާއި ފޮށާ މަތިމައްޗަށް އޮޅައިގެން ވެސް ރަށްވެހިންނާއި އެކްސްޕެޓު ނުވަތަ ބިދޭސީ މަސައްކަތްތެރިންނާއި ޓޫރިސްޓުންނަށް ކިރިޔާ ކެތްކޮށްލެވޭ ވަރުގެ ތަނެކެވެ. ވިސްނާލާށެވެ؛ އިންސާނުންނަށް މައިނަސް 38 ޑިގްރީ ސެލްސިއަސްގެ ފިނިކަމެއް ތަހައްމަލު ކުރަން ދަތިއުނދަގޫ ކަމަކަށް ވެފައިވާއިރު ލޮލަށް ކިރިޔަ ކިރިޔާ ފެންނަ ވަރުގެ ކުޑަ މަދިރިއެއްގެ ހާލަތަކީ ދެން ފަހެ ކޮބައި ހެއްޔެވެ!

އައިސްލޭންޑްގައި ދިރިއުޅޭ، މަދިރިއަކާ ވައްތަރު، ނަމަވެސް ދަތް ނާޅާ އަދި ބަލި ނުފަތުރާ، "މިޖް" ނަމަކަށް ކިޔާ ކުޑަ ސުއިއްޕެއް

ނަމަވެސް އެހަށް މަޑުކޮށްލާށެވެ: މަދިރިއަކާ ވައްތަރުގެ ސުއިއްޕެއް އައިސްލޭންޑްގައި އުޅެއެވެ. އިނގިރޭސި ބަހުން ކިޔަނީ "މިޖް"އެވެ. އެކަމަކު އޭގެ އަމަލުތައް މަދިރިއަކާ ބަލާއިރު ހާސް ބައި ތަފާތެވެ. އެ ސޮރު ދަތެއް ނާޅައެވެ. އަދި ބައްޔެއް ނުފަތުރައެވެ. އެހެންކަމުން މިޖްއަކީ އައިސްލޭންޑްގައި އުޅޭ މަދިރިއަކާ ވައްތަރު އެހެން ނަމަވެސް މަދިރިއެއް ނޫނެވެ!

އެހެންކަމުން، އޮއި ނުދެމޭ، ފެން ދައުރުވޭވޭ އޮންނަ ފެންގަނޑުތަކާއި، މިހެންވެ، އަވަހަށް ހިކޭ ބިންތަކުގެ އިތުރުން، އެ މާހައުލަކީ ހެސްކިޔާފައި ފިނި ތަނަކަށް ވާތީ، އައިސްލޭންޑަކީ މުޅި ދުނިޔެއަށް ވެސް ލިބިފައިވާ ގުދުރަތީ ލާމަސީލު ތިމާވެށީގެ ހަދިޔާއެކެވެ!