Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ޒަވާޖީ ހަޔާތް "ތަޅާނުފޮޅާ" ދިރިއުޅުމަކަށް ހެދޭނެ 10 ގޮތެއް

ދެ އިންސާނުންގެ ހިޔާލާއި އަމަލުތައް އެއް ގޮތެއް ނުވާނެއެވެ. ކައިވެންޏަށް ފަހު ވެސް، ސުލްހަވެރި ގޮތުގައި އުޅެވޭނީ އެކަކު އަނެކަކުގެ މިޒާޖު ދެނެގަން، ދަސްކޮށްގެންނެވެ. މި ބަލައިލަނީ ޒަވާޖީ ހަޔާތަކީ "ތަޅާނުފޮޅާ" ދިރިއުޅުމަކަށް ހެދޭނެ 10 ގޮތަށެވެ.

  1. އަމަލު ކުރުމުގެ ކުރިން އަނެކާ ދައްކާ ވާހަކަ މަޑުމައިތިރިކަމާއެކު ކަނުލައި އަޑުއަހައިށެވެ. ތިބާ އަމަލު ކުރުމުގެ ކުރިން ބައިވެރިޔާ އެ ދައްކާ ވާހަކަ އޭނާ ފުރިހަމައަށް ދައްކަން ބޭނުންވާ ހުރިހާ ޖާގައެއް ދޭށެވެ.
  2. އަނެކާގެ ބޮލުގައި އިލްޒާމު ނާޅުވައި ތިބާގެ އިހްސާސްތައް ކިޔައިދޭށެވެ. އަބަދުވެސް ބަސްމަގު ފަށަންވާނީ "އަހަރެންނަށް އިހުސާސް ކުރެވެނީ…" މި ފަދައިންނެވެ. ބައިވެރިޔާގެ އަމަލުތައް އޭނާ ދިފާއު ކުރާނެ ގޮތަށް "ތިބާ އަބަދުވެސް މިހެން، އެހެން…" ފަދަ އިލްޒާމް އަޅުވާ ފަދަ އިބާރާތްތައް ބޭނުން ނުކުރާށެވެ.
  3. ޖަޒުބާތުގައި މާ ބޮޑަށް ޖެހިއްޖެ ނަމަ، ދެ މީހުން ވަގުތީ ގޮތުން ދެ ފަރާތަކަށް ޖެހިލައި، ދުރަށް ދާށޭވެ. ދެ މީހުންނަށް ހަމަޖެހުމާއި މަޑުމައިތިރިކަން އަލުން އައުމުން، މެދުކަނޑައިލި ވާހަކަ އެ ހިސާބުން އަލުން ކުރިއަށް ގެންދިއުމަކީ ހަމަ ރަނގަޅު ގޮތެކެވެ.
  4. ސަމާލުކަން ދޭނީ ހައްލުތަކަށެވެ. ތިބާގެ ކޮޅު މޮޅު ކުރާކަށް ނޫނެވެ. އަމާޒަކަށް ވާން ޖެހޭނީ އެކަކު އަނެކަކު ރަނގަޅަށް ދަސްކޮށް، އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަނެ، އެކަކު އަނެކަކުގެ ޝަހުސިއްޔަތު އެކަކު އަނެކަކަށް ފަހުމް ވުމެވެ. މަގުސަދަކަށް ވާން ވާނީ ރަނގަޅު ގޮތުގައި ހުރީ ކާކުތޯ ސާބިތު ކުރުމެއް ނޫނެވެ.
  5. ތިބާއަށް ގޯހެއް ހެދިއްޖެ ނަމަ ވީ އެންމެ އަވަހަކަށް މައާފަށް އެދޭށެވެ. ދެމަފިރިންގެ ދެމެދުގައި އުފެދޭ ނުތަނަވަސްކަން ނައްތައިލައި، އަލުން އިތުބާރު އުފެއްދުމަށް އިހުލާސްތެރިކަމާއެކު މައާފަށް އެދުމަކީ ޖާދުލެއް ކަހަލަ ކަމެކެވެ.
  6. ދެބަސްވުން އުފެދޭ ވަގުތު ތިބާގެ އަޑު ނުއުފުލައިށެވެ. ގިނަ ފަހަރަށް އަނގައިން ބޭރުކުރާ ބަސްތަކަށްވުރެ އެ ބަސްތައް ބުނެވޭ ރާގު މާ މުހިންމެވެ. ތިބާ މާޔޫސްވެފައި ހުންނަ ތަންވަޅުގައި ވެސް އަނެކާއަށް އިހްތިރާމްކުރާ ހާލުގައި ދެމިހުންނާށެވެ.
  7. ކޮންމެހެން ބޭނުމެއް ނެތް ހިނދެއްގައި މާޒީގެ ކުށްތަކުގެ ވާހަކަ އަލުން އާ ނުކުރާށެވެ. މި ވަގުތު ހައްލު ކުރަން އުޅޭ މައްސަލައައިގެން ކުރިއަށް ދާށޭވެ. ފަސޭހަވެފައިވާ ފާރުތައް އަލުން ޒަހަމްތަކަކަށް ބަދަލު ނުކުރާށެވެ.
  8. ތިބާ ދެކޭ ގޮތް ދިފާއު ކުރުމުގެ ކުރިން އަނެކާ ވިސްނާ ގޮތް ތިބާއަށް ފަހުމް ވުން މުހިންމެވެ. ހަމްދަރުދީ ފާޅު ކުރުމަކީ ދެމަފިރިންގެ ދެމެދުގައި އުފެދޭ ހުސް ޖާގަތައް ގުޅުވައިލަދޭނެ ފާލަމެކެވެ. ބައިވެރިޔާ ބުނަން ބޭނުންވާ ހުރިހާ ވާހަކައެއް އޭނާއަށް ދެއްކިއްޖެކަން އޭނާއަށް އިހުސާސް ކުރެވެން ދެން ތިބާ ކެތްކުރާށެވެ.
  9. މައްސަލަ ޖެހިދާނެ ކަންތައްތަކާމެދު މަޝްވަރާ ކުރަން ވާނީ މުނާސަބު ދަނޑިވަޅުގައެވެ. ވަރުބަލިވެފައި، ހާސްވެފައި ނުވަތަ ކަންތައްތަކަށް ސަމާލުކަން ދޭން ސިކުނޑި ނުކުޅެދިފައި ހުންނަ ވަގުތުތަކުގައި ސީރިއަސް ވާހަކަތައް ނުދައްކާށެވެ.
  10. ދެމަފިރިންނަކީ އެއް ޓީމަކަށް ކުޅޭ ދެ މީހުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓައިށެވެ. ޒަވާޖީ ދިރިއުޅުމަކީ އެކަކު އަނެކަކާ ވާދަ ކުރާ މުބާރާތެއް ނޫނެވެ. އެއީ ދެމަފިރިންގެ ބައިވެރިވުން ހިމެނޭ "ކުޅިވަރެ"ކެވެ.
  • ތަރުޖަމާއެއް