އަހަރެމެން އިންސާނުންގެ ފައިގައި "ދެވަނަ ހިތެއް" ވާކަން އެނގޭ ހެއްޔެވެ؟
މިއީ ބުހުތާނެއް ނޫނެވެ. މިއީ ކުޑަކަޅުވާ މަސްގަނޑަށް ސިއްހީ ދާއިރާއިން ދީފައިވާ ވަނަމެވެ.
ސަބަބު ވެސް އަންތަރީޒު ވާވަރުވެއެވެ!
އަހަރެމެން ހިނގާއިރު ނުވަތަ ސިޑިން އަރާއިރު ނުވަތަ ސީދާސާދާ ގޮތެއްގައި ކޮޅަށް ތެދުވާއިރު ވެސް، ކުޑަކަޅުވާ މަސްގަނޑު "ކޮންޓްރެކްޓް"ވެ ނުވަތަ ކުރުގެޅި، ހަގީގީ ގުދުރަތީ ޕަމްޕެއްގެ ގޮތުގައި މަސައްކަތް ކުރެއެވެ. މުޅި ކައުނުގައިވާ ދަމާބާރު ނުވަތަ "ގްރެވިޓީ"ގެ ބާރުގައި ހިތަށް ލޭ ފޮނުވައިދެއެވެ. އެ ގޮތުން، ހަށިގަނޑުގައި ދައުރު ކުރަމުންދާ ލޭ، ކުޑަކަޅުވާއިން ޕަމްޕްކޮށްދެނީ އަހަރެމެންގެ އަސްލު ހިތަށެވެ.

މި ނިޒާމުގެ މުހިންމު ބޭނުންތަކެއްވެއެވެ؛ އެއީ:
- ނާރުތަކުގައި ލޭ ދައުރު ކުރުން ހަރުދަނާ ކުރުން.
- ފައިގައި ލޭ ގަނޑުވުމުން ދުރުކޮށްދިނުން.
- ދުޅަވުމާއި ބުރަހެލިކަން އިހުސާސް ކުރުމުން ދުރުކޮށްދިނުމުގެ އިތުރުން ފައިގެ ހަމުގެ ދަށުގައިވާ ނާރުތައް ދުޅަވާ ހާލަތެއް ކަމަށްވާ "ވެރިކޯސް ވެއިންސް"އިން ސަލާމަތް ކޮށްދިނުން.
- "ވެނަސް ތްރޮމްބޮސިސް" ނުވަތަ ނާރުގައި ލޭ ގަނޑުވުމާއި މި ކަމުގެ ސަބަބުން ފުއްޕާމޭގައި ވެސް ލޭ ގަނޑުވުމުން ސަލާމަތް ކޮށްދިނުން.

މާ ގިނަ އިރު އިށީނދެގެން އިނުމުން ނުވަތަ ކޮޅަށް ހުރުމުން ހަށިގަނޑަށް ގެއްލުން ލިބެނީ މިހެންވެއެވެ. ހަމަ މިއާއެކު ގަވައިދުން ހަރަކާތްތެރިކޮށް އުޅުމުން، މިސާލަކަށް ވަރަށް އާދައިގެ ގޮތަކަށް ކުޑަކޮށް ހިނގާލުމުން ވެސް ލޭ ދައުރު ކުރާ ނިޒާމު އިތުރަށް ރަނގަޅަށް މަސައްކަތް ކުރަނީ ވެސް މިހެންވެއެވެ.

އެހެން ގޮތަކަށް ބުނާ ނަމަ، ތިބާ ފައިން އަޅާ ކޮންމެ ފިޔަވަޅަކީ ތިބާގެ ހިތަށް ތިބާ ދޭ ހަދިޔާއެކެވެ. ހިނގުމާއި ހަރަކާތްތެރި ލައިފްސްޓައިލެއް އުޅުމާއި އަދި ހަށިގަނޑު ސްޓްރެޗް ކުރުން ފަދަ އާދައިގެ ކަންތައްތައް ކަމަށް ބެލެވޭ ހަރަކާތްތަކަކީ ވެސް ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އަސާސީ ގޮތުން ބޭނުންތެރި ކަމެކެވެ. މިހެންވެ، ހަނދާނުގައި ބަހައްޓާށެވެ؛ ތިބާގެ ފައިގެ ސިއްހަތަށް ފަރުވާ ދިނުން މަތީ ދެމިހުރުމަކީ އަސްލުގައި ތިބާގެ ހިތަށް ފަރުވާ ދިނުމެވެ.

އޮސްޓްރިއާއަށް އުފަން އަދި ފަހުން ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ގަވަރުނަރުކަންކޮށް، އެމެރިކާގެ ފިލްމީ ސިނާއަތުގައި، "ޓައިޓޭނިކް" އަދި "އެވަޓާ" ފަދަ މަގުބޫލު އަދި ކާމިޔާބު ފިލްމްތައް ހެދި ކެނެޑާގެ ކާމިޔާބު ޑިރެކްޓަރު ޖޭމްސް ކެމެރުންގެ "ދަ ޓާމިނޭޓާ"އިން މަޝްހޫރުވި އާނޯލްޑް ޝްވާޒެނެގާ، ޖިމް އަށް ގޮސް، ބޮޑީ ބިލްޑް ކުރުމުން ވަނީ މރ. އޮލިމްޕިއާގެ މަގާމު ހަ ފަހަރަށް ހޯދައިފައެވެ. އޭނާ ލިޔުނު މަޝްހޫރު ސިއްހީ ދުޅަހެޔޮކަމުގެ ފޮތެއްގައި ބުނެފައިވެއެވެ: "ކަސްރަތު ކުރުމުގައި އެންމެ މޮޅު އުކުޅަކީ ކޮބައިތޯ އަހަރެންގެ ގާތުން އެއްވެސް މީހަކު އަހައިފި ނަމަ އަހަރެން ބުނާނީ ދުވާލަކު ސިޑިން 12 ބުރިއަށް އަރާށެވެ؛ ހުރިހާ ކަސްރަތެއް އެ ލިބުނީއެވެ."
- ތަރުޖަމާއެއް

One Response
ތިބާ ފައިން އަޅާ ކޮންމެ ފިޔަވަޅަކީ ތިބާގެ ހިތަށް ތިބާ ދޭ ހަދިޔާއެކެވެ.
މިލިޔުމުން ހިތަށް އުފާވެރިކަން ލިނުބު އެންމެ ޖަާޒްބީ ޖުމްލަ.