Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ސައުދީގައި 18 އަހަރު ނުފުރޭ ދެމަފިރިންނަށް ދަރިއަކު ލިބުމުން…

ސައުދީ އަރަބިއްޔާގެ ރައްޔިތެއް ކަމަށްވާ އަލީ އަލް-ގައިސީގެ އުމުރަކީ އެ އިރު 14 އަހަރެވެ. ކިޔަވަން އުޅުނީ ގްރޭޑް 10 ގައެވެ. އޭނާ ކައިވެނި ކުރީ އުމުރުން 13 އަހަރުގެ އޭނާގެ ދެބެއިންގެދެދަރި ކުއްޖަކާއެވެ. އަލީ ބެލެވިގެން ވަނީ ތަބޫކު ސަހަރުގެ އެންމެ ހަގު ފިރިމީހާ ކަމަށެވެ.

އަލީއަށް ފުރަތަމަ ދަރިފުޅު ލިބުނީ 2018 ގައެވެ. އެއީ އޭނާގެ އުމުރުން 16 އަހަރުގައެވެ. ކައިވެންޏަށް ދޮޅު އަހަރު ވީ ތަނާއެވެ.

މި ހަބަރު އެ އިރު ގެނެސްދެމުން "ލައިފް އިން ސައުދީ އަރަބިއްޔާ" ނުވަތަ "ސައުދީ އަރަބިއްޔާގެ ދިރިއުޅުން"ގެ ނަމުން ނަން ދީފައިވާ ހަބަރު ފަތުރާ ވެބްސައިޓަކުން ބުނީ މިއީ "އުފާވެރި ހަބަރެއް" ކަމަށެވެ. އަދި "ޒުވާން ދެމަފިރިންނަށް ފިރިހެން ދަރިއެއް ލިބުމުގެ ރަހްމަތް ލިބިއްޖެ" ކަމަށެވެ.

ދަރިފުޅު ލިބުނު އިރު އަލީގެ އަންހެނުންގެ އުމުރަކީ 15 އަހަރެވެ. ވިހެއީ އަސްކަރީ ހޮސްޕިޓަލެއްގައެވެ.

"އަލީއަށް ލިބުނު އުފުލަށްޓަކައި އޭނާ މާތް ﷲ އަށް ޝުކުރުކުރޭ،" ލައިފް އިން ސައުދީ އަރަބިއްޔާ ވެބްސައިޓްގެ ހަބަރުގައި ލިޔެފައިވެއެވެ.

ނަމަވެސް ހަބަރުގައި ފަވައިލައިފައި ލިޔެފައިވަނީ "އަލީގެ އަނބިމީހާއަށް ފަރުވާ ދޭން ހޮސްޕިޓަލްގެ މުވައްޒަފުން ދެކޮޅުހެދި" ކަމަށެވެ. އަލީ މި ވާހަކަ ކިޔައިދިނީ ސައުދީގެ ނޫހަކުން އޭނާއާ އިންޓަވިޔު ކުރީމާ ކަމަށް އެ ހަބަރުގައި ބުނެފައިވެއެވެ.

އަނެއްކާވެސް ފަވައިލައިފައިވާ ޖުމުލައެއްގައި ލިޔެފައިވަނީ، ސައުދީ ނޫހަށް އަލީ ދިން އެ އިންޓަވިޔުގައި އަލީ ބުނިކަމަށްވަނީ "އޭނާގެ ބަފާބެގެ ޣައިރު ހާޒިރުގައި އަލީގެ އަންހެނުން އޮޕަރޭޝަން ކުރަން ހޮސްޕިޓަލްގެ މުވައްޒަފުން ދެކޮޅުހެދި" ކަމަށާއި ސަބަބަކީ އަލީގެ އަންހެނުންނަށް 18 އަހަރު ނުވާތީއެވެ.

އަލީ އިތުރަށް ބުނެފައިވަނީ، "ޖެހިއްޖެ ހިނދެއްގައި ސިސޭރިއަން ހަދަން ހުއްދަ ދޭ 'ލީގަލް ޑޮކިއުމެންޓް' ނުވަތަ 'ގާނޫނީ ލިޔެކިޔުމެ’އްގައި އޭނާގެ ބަފާބެ ސޮއިކުރަން ހޮސްޕިޓަލުން ބާރުއަޅަމުން އައި" ކަމަށެވެ.

ހަބަރުގައި އަލުން ފަވައިލައިފައިވަނީ "ހޮސްޕިޓަލްގެ ވެރިޔާއާ އަލީ ބައްދަލުކުރި" ވާހަކައެވެ. އެ މީހާއަކީ ވަރަށް "ޒިންމާދާރު މީހެއް" ކަމަށާއި، "ގާނޫނީ ލިޔެކިޔުންތަކުގައި ޚުދު އަލީ ސޮއިކުރަން ހުއްދަ ދިން" ކަމަށް ބުނެފައިވެއެވެ.

ދަރިފުޅު ވިހެއީ ގުދުރަތީ ވިހެއުމަކުންނެވެ. ސިސޭރިއަން ހަދާކަށް ނުޖެހުނެވެ. ދަރިފުޅަށް އަލީ ދިނީ އަލީގެ ބައްޕަގެ ނަމެވެ؛ އެއީ މުހައްމަދުއެވެ.

އަލީ ބުނެފައިވަނީ އަންހެނުން ވިހެއުމާއެކު ދަރިފުޅު ފުރަތަމަ ބަލަހައްޓަން ފެށީ އަލީގެ މައިދައިތަ ކަމަށެވެ. "ޕޭރެންޓްހުޑް" ނުވަތަ ދަރިން ލިބިފައިވާ އާއިލީ ދިރިއުޅުމަކަށް އަލީގެ ދެމަފިރިން "އެޖަސްޓް"ވާން ނުވަތަ ހޭނެން މައިދައިތަ އެހީވި ކަމަށެވެ.

ލައިފް އިން ސައުދީ އަރަބިއްޔާގެ ހަބަރު ނިންމައިލަމުން ބުނެފައިވަނީ އަލީގެ ދެމަފިރިން 18 އަހަރު ނުވަނީސް އެ ދެމަފިރިންނަށް ދަރިއަކު ލިބުނުއިރު، ސައުދީގައި އުމުރުން 18 އަހަރު ނުފުރޭ ކޮންމެ ހަތް އަންހެންކުއްޖަކުން އެއް އަންހެންކުއްޖަކު ކައިވެނިކުރާކަން ހާމަވެފައިވާ ކަމަށެވެ. އަދި މިހެންވެ ސައުދީގެ "ޝޫރާ ކައުންސިލު"ން "ޗައިލްޑް މެރިޖް" ނުވަތަ ކުޑަކުދިން ކައިވެނިކުރުން މަނާކުރަން "ހުރިހާ ފިޔަވަޅުތަކެއް އަޅަން ފެށި" ކަމަށެވެ.

"ކޮންސަލްޓޭޓިވް އެސެމްބްލީ" ނުވަތަ މަޝްވަރާ މަޖިލީހުގެ ނަމުން ވެސް މުހާތަބު ކުރެވޭ ސައުދީ ޝޫރާ ކައުންސިލަކީ އިހު ޒަމާނުގައި އޮތް "ކޮންސެޕްޓް" ނުވަތަ ހިޔާލާ އެއްގޮތަށް ގާއިމުކޮށްފައިވާ ޒަމާނި މަޖިލީހެކެވެ. ސަރުކާރުގެ ބައެއްގެ ގޮތުގައި ހަމަޖެއްސި މި މަޖިލީހަކީ "މުހިންމު މައްސަލަތަކާމެދު" ސައުދީ ރަސްގެފާނަށް "މަޝްވަރާ އަރުވާ" ދައުލަތުގެ ގުނަވަނެކެވެ.

މި މަޖިލީހުގައި ތިބެނީ ރަސްގެފާނު ސީދާ ހޮއްވަވާ 150 މެންބަރުންނެވެ. އެ މީހުންގެ ދައުރުގެ މުއްދަތަކީ ހަތަރު އަހަރެވެ. މެންބަރުންގެ ތެރޭގައި ހިމެނެނީ އިލްމްވެރިންނާއި ތަޖުރިބާކާރުން އަދި އެކި ދާއިރާތަކަށް ހާއްސަވެފައިވާ މީހުން ނުވަތަ "ސްޕެޝަލިސްޓު"ންނެވެ. މަޖިލީހުގެ މެންބަރުންގެ ތެރެއިން 20 ޕަސެންޓަކީ އަންހެނުންނެވެ.

މާރިޗް 2022 ގައި ސައުދީއިން ވަނީ އެ ގައުމުގައި އޮތް ގާނޫނުތައް އަލުން "ކޮޑިފައި"ކޮށްގެން ނުވަތަ އަލުން އަތުރައިލައިގެން "ޕާސަނަލް ސްޓޭޓަސް ލޯ" ނުވަތަ "ޒާތް ހުރިނެތް ގޮތާ ބެހޭ ގާނޫނު"ގެ ނަމުގައި ގާނޫނެއް ހަދައިފައެވެ. މި ގާނޫނުގެ ދަށުން، އެއްވެސް އިސްތިސްނާއެއް ނެތި، ފިރިހެނަކަށް ވެސް އަދި އަންހެނަކަށް ވެސް، ކައިވެނި ކުރަން ހުއްދަ ދޭ އެންމެ ހަގު ގާނޫނީ އުމުރު ކަމަށް ހަމަޖެއްސީ އުމުރުން 18 އަހަރެވެ.

މި ގާނޫނު އަތުރައިލުމުގެ ކުރިން ވެސް، ކުޑަކުދިންގެ ކައިވެންޏާމެދު އަމަލު ކުރާނެ ގޮތްތަކެއް ކަނޑައަޅަން ސައުދީގައި މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ކައިވެނި ކުރަން ހުއްދަ ދޭނެ އެންމެ ދަށް އުމުރާމެދު ހިޔާލުތަފާތުވީއެވެ.

އެހެން އޮއްވާ 2019 ގައި ސައުދީގެ ޖަސްޓިސް މިނިސްޓްރީ ނުވަތަ އިންސާފާ ބެހޭ ވުޒާރާއިން އަމުރެއް ނެރުނެވެ. އޭގައި ބުނެފައިވަނީ "ކައިވެނި ކުރާ، އުމުރުން 18 އަހަރު ނުވާ ދެ ކުޑަކުދިންނަށް، އެ ކުދިންނަށް ހުރި އެންމެ ރަނގަޅު ގޮތް ކަނޑައަޅަން"، ކުޑަ ދެ ކުދިން ކައިވެނި ކުރަން ހުށަހަޅާ ކޮންމެ "އެޕްލިކޭޝަން" ނުވަތަ ހުށަހެޅުމެއް "ސްޕެޝަލް ކޯޓަ"ކަށް ނުވަތަ ހާއްސަ ކޯޓަކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް 2022 ގައި ތަންފީޒު ކުރި ޕާސަނަލް ސްޓޭޓަސް ލޯއިން މިހާރު ވަނީ، އުމުރުން 18 އަހަރަކީ، ކައިވެނި ކުރެވޭނެ "އެންމެ ހަގު ގާނޫނީ އުމުރު" ކަމުގައި "ހަރުކަށިކޮށް ހަމަޖައްސައިފަ"އެވެ.