Support Us

ކޮލަމް: މީތިނުކިޔާތި

ކުރު ވާހަކަ: އެ ސިންގާ ވެރިކަމަށް އައުމުން…

އެއް ސަހަރެއްގައި އެއް އިރެއްގައި އެ ސަހަރުގެ ހުރިހާ ހައިވާނުންގެ މައްޗަށް ވެރިކަން ކުރުމަށް ސިންގާއަކަށް ފުރުސަތު ލިބުނެވެ. އެ ސިންގާގެ ހައިބަތު ބޮޑުކަމާއި ބާރުވެރިކަން ދެކެފައި ނިކަމެތި ކުދި ޖަނަވާރުތައް ބިރުގަތެވެ.

ބާރުގަދަ އަދި ބޮޑެތި ޖަނަވާރުތައް ތިބީ އުފަލުންނެވެ. އެ ސޮރުމެންގެ ރަންޒަމާން އައީ ކަމަށް ހީވެގެންނެވެ.

ނަމަވެސް އެ ސިންގާ ވެގެން އައީ އެ ސަހަރުގެ ހުރިހާ ހައިވާނުން ހީކުރި ކަހަލަ މަހުލޫގަކަށް ނޫނެވެ. ޖައްބާރުކަން ދެއްކިދާނެ ކަމުގެ ފުރުސަތު އޮތަސް އެ ސިންގާ ނިންމީ ހިތްހެޔޮކަމާއި މަޑުމައިތިރިކަން ދައްކާށެވެ.

އެ ސިންގާ އަނިޔާވެރިކަމެއް ނުދެއްކިއެވެ. ހުދުމުހުތާރު ވެރިކަމެއް ހިންގުމަށް ދެކޮޅުހެދިއެވެ. އިންސާފުވެރި ރަސްކަލެއް ނުވަތަ ވެރިއެއްގައި ހުންނަން ޖެހޭ ސިފަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެއް ދުވަހަކު އެ ސިންގާ، ހުރިހާ ހައިވާނުންގެ މަޝްވަރާ މަޖިލީހަކަށް ގޮވައިލިއެވެ. ނިކަމެތި ޖަނަވާރުތައް އެ އެއްވުމަށް ދިޔައީ ވަރަށް ބިރުން ތިބެއެވެ. އެ ސޮރުމެންގެ ދުވަސް ދަނީ ކަމަށް ހީވެގެންނެވެ.

ނަމަވެސް އެ ސިންގާ ކަންތައް ކުރީ ހުރިހާ ހައިވާނުން ވެސް ހީކުރި ގޮތާ ހިލާފަށެވެ.

އެ ސޮރު ގާނޫނުތަކަކާއި ގަވައިދުތަކެއް ހެދިއެވެ. އޭގައި ބުނެފައިވަނީ ހުރިހާ ހައިވާނުން ވެސް އުޅެން ޖެހޭނީ ހަމަހަމަކަން މަތީގައި ކަމަށެވެ. އަދި ސުލްހަވެރިކަމާއެކު ވެސް މެއެވެ.

އެ ސިންގާ އެންގީ ވުލްފާއި ކަންބަޅި އެކުގައި އުޅުމަށެވެ. މިނިކާވަގު ފުއްލާއާ ސުލްހަވުމަށެވެ. އަދި ކުއްތާއަށް ވެސް އެންގީ މުސަޅާއެކު ރަހްމަތްތެރިކަން ބޭއްވުމަށެވެ.

"ހުރިހާ އެންމެން ވެސް އުޅެން ވާނީ ފަނާވުމެއް ނެތް ސުލްހައެއްގައި، އަދި އަބަދުމެ ރަހްމަތްތެރިކަން މަތީގައެވެ،" އެ ދުވަހުގެ ދަރުބާރު ނިންމައިލަމުން އެ ސިންގާ ބުންޏެވެ.

މަޖިލީހުން ނުކުމެގެން ދަމުން ކުއްތާއާ ދިމާއަށް މުސަޅު ބުންޏެވެ: "މި ފަދަ ކަމަކަށް އަހުރެން އިންތިޒާރު ކުރާތާ ހާދަހާ ގިނަ ދުވަހެއް ވެއްޖެއެވެ. ބާރުގަދަ ފަރާތްތަކާ އެއް ހަމައެއްގައި ނިކަމެތީންނަށް ވެސް، އެއްވެސް ބިރެއް ނެތި ތިބެވޭނެ ދުވަހަކަށެވެ."

ނޯޓު: މިއީ އީސާ އަލައިހިއްސަލާމްގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕްގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.