"ސީޓެ"އްގައި ކޮޅަށް ތިބެވޭނެ ހެއްޔެވެ؟ ވައިގެ ދަތުރުފަތުރުގައި މި ބަސް ބޭނުން ކުރެވެނީ ފަސިންޖަރަކަށް ވިއްކާ "ޖާގަ"އަށެވެ. މިހެންވެ، ބަހުގައި ދަތުރު ކުރާއިރު ސީޓުތައް ފުރުމުން ކޮޅަށް ތިބޭ ދަތުރުވެރިންނަށް އެ ލިބިދެވޭ ޖާގައިގެ މާނައިގެ ގޮތުގައެވެ.
މި ކޮންސެޕް މިހާރު އަންނަނީ ބަޖެޓް އެއާލައިންތަކުގައި ތައާރަފު ކުރުމަށް ތައްޔާރު ވަމުންނެވެ. އެ ގޮތުން ހަރަދު ކުޑަކޮށް ދަތުރު ކޮށްލެވޭ އެއާލައިންތަކުގައި މި ފަދަ "ކޮޅަށް ތިބެވޭ ސީޓު" އަންނަ އަހަރުން ފެށިގެން "ވިއްކުމަށް" އަންނަނީ ތައްޔާރު ވަމުންނެވެ. އަދި މިހެންވެ ކުރިމަގުގައި ބަޖެޓް އެއާލައިންތަކުގައި ދަތުރުކުރުމަކީ ފަސިންޖަރުން ކުރަން ޖެހޭ ހަރަދު އިތުރަށް ކުޑަވެގެން އަންނާނެ ގޮތެކެވެ.
އެހެންކަމުން "ކޮޅަށް ތިބެވޭ ސީޓަ"ކީ ސަގާފީ މާނައިގައި ބުނާ "އިށީނދެގެން އިނދެވޭ ގޮނޑި"އެއް ނޫނެވެ. ނަމަވެސް ބައެއް އެއާލައިންތަކުން ރާވައިފައިވަނީ ކޮޅަށް ހުންނައިރު މި ކަހަލަ ސީޓެއްގައި ލެނގިލައިގެން، ބުރަކަށި ޖައްސައިލައިގެން ވެސް ހުރެވޭ ގޮތަށެވެ.
މި ހިޔާލު ފުރަތަމަ ހުށަހެޅީ 2003 ގައި އެއާބަސް މަރުކާއިންނެވެ. އަދި އޭގެ ފަހުން މި ކޮންސެޕްޓަށް އިތުރަށް ބަލައިލި އެއާލައިންތަކުގެ ތެރޭގައި ރަޔަންއެއާ، ވީވާކޮލޮމްބިއާ އަދި ސްޕްރިންގް އެއާލައިންސް ހިމެނެއެވެ.
މިހާރު އިޓަލީގެ ކުންފުނި އެވިއޯއިންޓީރިއާސްއިން ވަނީ ތަހުލީލީ ގޮތުން މީގެ ޕްރޮޓޮޓައިޕްތައް ތައްޔާރުކޮށްފައެވެ. އެ ގޮތުން ސްކައިރައިޑާ 3.0 ގެ ނަން ދީފައިވާ "ކޮޅަށް ތިބެވޭ ސީޓު"ތަކުގެ "ސީޓު ޕިޗް" ނުވަތަ އެއް ސީޓާ އަނެއް ސީޓާ ދެމެދުގެ ޖާގަ ވަނީ 23 އިންޗިއަށް ހަނިކޮށްފައެވެ. އެއީ އިކޮނޮމީ ކްލާހުގައި ހުންނަ އާދައިގެ އިށީނދެގެން އިނދެވޭ ސީޓުތަކުގެ ދެމެދުގައި ހުންނަ 28 އިންޗި އާއި 31 އިންޗިއާ ދެމެދުގެ ޖާގަ ކުޑަކޮށްގެންނެވެ.
"ކޮޅަށް ތިބެވޭ ސީޓު"ތަކުގެ ފައިދާތައް:
- ފްލައިޓެއްގައި 20 ޕަސެންޓް އިތުރު ފަސިންޖަރުންނަށް ޖާގަ ފޯރުކޮށްދެވުން.
- ބޮލަކަށް ޖެހޭ ތެލުގެ ހަރަދު ކުޑަވުން.
- ވަރަށް ކައިރި ރާސްތާތަކުގެ ދަތުރުތަކުގެ ޓިކެޓްގެ އަގު ކުޑަވުން.
ގޮންޖެހުންތައް:
- މިއީ މުޅިން ރައްކާތެރި ކަމެއްތޯ ނިންމައި، އެ ކަމަށް ވައިގެ ދަތުރުފަތުރު ބަލަހައްޓާ، ރެގިއުލޭޓް ކުރާ އިދާރާތަކުން ހުއްދަ ދިނުމުގެ އިޖުރާއަތްތަކަށް އަދިވެސް އިންތިޒާރު ކޮށްގެން ތިބެން ޖެހުން.
- މި ފަދަ "ސީޓަ"ކީ އުމުރުން ދުވަސް ވީ އަދި ނުކުޅެދޭ ފަސިންޖަރުންނަށް އެކަށީގެން ނުވާ "ގޮނޑި"ތަކެއް ކަމަށްވުން.
- ދެ ގަޑިއިރަށްވުރެ ދިގު ނޫން ފްލައިޓްތަކަށް އެކަނި މި އިންތިޒާމް ހަމަޖައްސަން ޖެހުން.
މި ފަދަ "ކޮޅަށް ތިބެވޭ ސީޓު"ތައް ފްލައިޓްތަކުގައި ހަރުކުރުމަށް ރަސްމީ ގޮތުން ހުއްދަ ދީފި ނަމަ މި ކަން ވެގެން އަންނާނީ "ބަޖެޓް ޓްރެވެލް" ނުވަތަ ހަރަދު ކުޑަ ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބެއް ގެނުވާނެ ކަމަކަށެވެ. ހާއްސަކޮށް، ކުރު ރާސްތާގެ އެތެރޭގެ ނުވަތަ ޑޮމެސްޓިކް ދަތުރުތަކަށް ގިނަ ބަޔަކަށް ފުރުސަތު ލިބުމުގައެވެ.