އޭނާ ކުރި ކަމަކީ އެއްވެސް މީހަކު އަޅާނުލި ފަސް ފިރިހެން ކުޑަކުދިން އެޑޮޕްޓްކޮށް، ހިމާޔަތް ދިނީއެވެ. އޭގެ 27 އަހަރު ފަހުން، އެ ކުދިން ކުރީ އޭނާ ހީވެސް ނުކުރާ ކަމެކެވެ.
ގްލޯރިއާ އަޑިބަޔޯއަކީ ނައިޖީރިއާ އަންހެނެކެވެ. އޭނާގެ ފަހަތު ނަން "އަޑިބަޔޯ"ގެ މާނައަކީ "ޝާހީކަން އާއިލާއަށް އައުމުން އުފާ ލިބޭ"ކަމެވެ. ފަހަރުގައި އޭނާގެ ތަގުދީރުގައި މި ނަމުގެ ނަސީބު ވެސް ހިމެނުނީ ކަމަށް ވެދާނެއެވެ.
ހަޔާތް ކެކުޅުމަކަށް ބަދަލުވީ ގްލޯރިއާގެ އުމުރުން 35 އަހަރުގައެވެ. ޒަވާޖީ ހަޔާތެއް ފަށައިގެން އުޅޭތާ ފަސް އަހަރު ފަހުން، އަދި އެތައް ފަހަރަކު ފާޓިލިޓީ ޓެސްޓްތަކާއި ތަހުލީލު ހަދައި، ދަރިމައި ނުވުމުން އޭނާގެ ފިރިމީހާ އޭނާގެ ދިރިއުޅުމުން ނުކުމެގެން ދިޔައެވެ. އެއްވެސް ސަބަބެއް ނުބުނެއެވެ. ހަމައެކަނި ކުރިހާ ވެސް ކަމަކީ ގްލޯރިއާ ދޫކޮށްލައިފައި ދިއުމުގެ ކުރިން އެއް ދުވަހަކު ބަދިގޭގެ މޭޒުމަތީގައި ނޯޓެއް ބޭއްވީއެވެ. އެ ނޯޓުގައި ބުނީ މިހެންނެވެ: "އަހަރެންނަކަށް ދެން މި ކަމެއް ނުވާނެއެވެ. ސޮރީއެވެ."
ގްލޯރިއާއަށް ވެރިވި ހަމަހިމޭންކަމުގެ އަޑުފަށްގަނޑު ހިތުގައި އުތުރިގަތެވެ. އެކަނިވެރިކަމާއި ލަދުވެތިކަމާއި އަދި ހަގީގަތަކަށް ނުވި ހުވަފެންތަކުގެ ބުރަދަނާ ގްލޯރިއާ ހަނގުރާމަކުރިއެވެ. ނަމަވެސް އޭނާއަކީ ފަސޭހައިން ކަންތައްތައް ދޫކޮށްލާ ޒާތުގެ އަންހެނެއް ނޫނެވެ.
ގައުމުގެ އެންމެ ބޮޑު ސިޓީކަމަށްވާ ލާގޮސްގައި ހުރި ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގައި ހިލޭސާބަހަށް 1997 ގައި މަސައްކަތްކުރަނިކޮށް ގްލޯރިއާއާ ދިމާވީ ފަސް ފިރިހެން ބެއިންނާއެވެ. އެ ހުރިހާ ކުދިންގެ އުމުރުން 10 އަހަރު ނުވެއެވެ. އެ ކުދިންގެ މައިންބަފައިން މަރުވުމުން އެ ކުދިންގެ ތިމާގެ މީހުން އެ ކުދިން ބަލަން ބޭނުންނުވީއެވެ. އެއްވެސް މީހަކު އެ ފަސް ކުދިން އެޑޮޕްޓް ކުރާކަށް ބޭނުމެއް ނުވިއެވެ. ފަސް ކުދިން މަރުކަޒަށް ގެނައީ އެއް ގްރޫޕެއްގެ ގޮތުގައި ކަމަށްވުމުން ފަސް ކުދިން އެއްކޮށް ބަލަހައްޓަން ބޭނުން ނުވީއެވެ. އެހެންކަމުން އެ ކުދިން އެ މަރުކަޒުގައި މަޑުކުރިއެވެ. އިންތިޒާރު ކުރުމުގައެވެ.
ގްލޯރިއާގެ ހިތުގައި ކޮންމެވެސް ކަމެއް ހިނގިއެވެ.
އޭނާގެ އަތުގައި ވަސީލަތްތަކެއް ނެތެވެ. އޭނާގެ ފިރިއެއް ނެތެވެ. ނަމަވެސް އޭނާގެ ކިބައިގައި ލޯބި ހުއްޓެވެ. ވަރަށް ބޮޑަށެވެ. އަދި އޭނާއަށް އެނގުނީ އެ ލޯބި އެއީ އޭނާގެ ހިތުގައި ތަޅުލައިގެން ގެންގުޅުމުގެ މާނައެއް ނެތް އެއްޗެއް ކަމެވެ.
ކުއްޖަކަށް ފަހު ކުއްޖެއް އޭނާގެ ގެއަށް ގެންދިޔައެވެ. ފުރަތަމަ ސެގުންއެވެ. ދެން ތޫންޑްއެވެ. ދެން އެއްމާބަނޑު ދެބެއިން ކަމަށްވާ އެކެނާ އަދި އިފަނީއެވެ. އަދި އެންމެ ފަހުން ތުއްތު ޗޫކާއެވެ. އެ ކުދިން ބަލާބޮޑުކުރަން އެހާ ފަސޭހައެއް ނުވިއެވެ. ހޮސްޕިޓަލަށް ގޮވައިގެން ދާން ޖެހެއެވެ. ސްކޫލްއަށް ފީތައް ދައްކަން ޖެހެއެވެ. އަދި ފުރާއުމުރުގެ ހުރިހާ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އެއާއެކު ވެސް ހުނުމާއި ވާރޭގައި ނެށުމާއި އަދި ހަފުތާބަންދުގެ އާދީއްތަ ދުވަހު ހެނދުނުގައި ހުޅަނގު އެފްރިކާގެ އެންމެ މަގުބޫލު ކެއުން ކަމަށްވާ ޖޮލޮފް ބަތް ކެއުމާއި ނަސޯރާ ދީނުގެ މިއުޒިކް އަޑުއެހުން އޮތެވެ.
އަހަރުތައް ވޭތުވެގެންދިޔައެވެ. ކުދިންތައް ބޮޑުވިއެވެ. އެކަކު ސިވިލް އިންޖިނިއަރަކަށްވިއެވެ. އަނެކަކު ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ގާއިމުކުރިއެވެ. އެކަކު އެހެން ގައުމަކަށް ބަދަލުވެ ޓީޗަރަކަށްވިއެވެ. ދެ ކުދިން ފުލުހުންގެ ހިދުމަތާ ގުޅުނެވެ. ނަމަވެސް އެ އެންމެން ވެސް އެ ކުދިން ބޮޑުވި "ގެ"އާ ގާތް ގުޅުމެއް ބޭއްވިއެވެ. އެއީ އެ ކުދިންގެ މަންމަގެ މަގާމަށް އައި ގްލޯރިއާއެވެ.
މި ދިޔަ އަހަރުގެ ޑިސެމްބަރު މަހު، ގްލޯރިއާގެ 62 ވަނަ އުފަން ދުވަހު، ގްލޯރިއާގެ ކުޑަ ގެއަށް އެ ހުރިހާ ކުދިން ޖަމާވިއެވެ. އަދި ހީނުކޮށް ހުއްޓާ ސަޕްރައިސެއްގެ ގޮތަށް ގްލޯރިއާގެ އަތަށް ތަޅުދަނޑިއެއް ދިނެވެ. އާ ގެއެއްގެއެވެ. ގަނެފައި އަދި އެ ފަސް ކުދިން ވެގެން އިމާރާތްކޮށްފައެވެ.
"މަންމަ އަތުގައި މާ ގިނަ އެއްޗެއް އެއްވެސް އިރެއްގައި ނެތްކަން އަހަރެމެންނަށް އެނގެއެވެ. އެކަމަކު އަހަރެމެންނަށް ހުރިހާ އެއްޗެއް ދިނީމުއެވެ. އަހަރެމެންގެ މަތިން އެންމެން ހަނދާން ނެތިފައި ތިއްބާ އަހަރެމެންނަށް ގެއެއް ދިނީމުއެވެ. މިހާރު މިއީ އަހަރެމެންގެ ފަހަރެވެ." ގްލޯރިއާގެ ތުރުތުރުއަޅަމުންދިޔަ އަތުގައި ހިފައިގެން ހުރެ ސެގުން ބުންޏެވެ.
ގްލޯރިއާއަށް ވާހަކައެއް ނުދެއްކުނެވެ. ދުވަހަކު ވެސް ދެން އޭނާއަށް "މަންމަ" ކިޔާނެ ކުއްޖެއް ނުވާނެ ކަމަށް ހީކުރަމުން ނިދެންދެން އެއް އިރެއްގައި ރުއި ގްލޯރިއާ މިހާރު އެ ހުރީ، އޭނާއަކީ "ދުނިޔޭގެ އެންމެ ގަދަފަދަ މަންމަ" ކަމަށް ބުނާ، ބޮޑެތިވެފައިވާ ފަސް ފިރިހެނުންގެ ގާތުގައެވެ.
ގްލޯރިއާ ހަމައެކަނި ފަސް ކުޑަކުދިން އެޑޮޕްޓް ކުރީކީ ނޫނެވެ. އޭނާ އެ ވަނީ ފަސް "ރަސްކަލުން" ބޮޑުކޮށްފައެވެ.
