އަހަރެންގެ ނަފުސަށް އަހަރެން މައާފު ކުރަން ޖެހިއްޖެއެވެ. އަހަރެންނަށް ހައްގު ނޫން ކަމަކަށް ކެތްކުރީމައެވެ.
އަހަރެންގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރީ އެހެން މީހުންނަށް ހިތްހެޔޮކަން އިސްކުރާށެވެ. ގިނަ މީހުންނަށް އަހަރެންގެ ހެޔޮކަން ލިބުން ހައްގު ނޫން ނަމަވެސް މެއެވެ.
އަހަރެންނަށް މައާފު ކުރެވުނީ މާ ފަސޭހައިންނެވެ. އަހަރެންނަށް ފަހުމް ވީ މާ ފުންކޮށެވެ.
އަހަރެން ދެ ވަނަ، ތިން ވަނަ އަދި ހަތަރު ވަނަ ފުރުސަތު ވެސް ދިނީމެވެ. އެހެން މީހުންގައި ރަނގަޅު ކަންތައްތަކެއްވާ ކަމަށް ގަބޫލު ކުރެވިފައި އޮތުމުންނެވެ.
ނަމަވެސް ފަހަކަށް އައިސް އަހަރެންނަށް ރޭކާލާން ފެށީ އަހަރެންގެ ޖަޒުބާތުތަކަށް އިހުމާލުވެ، އަނެކުންގެ އިހުސާސްތަކަށް އިސްކަންދިނުމަކީ އަހަރެން ކިހާ ބޮޑަށް ވަރުބަލިވެ އަދި އަހަރެންގެ ހިތްހަލާކުވާ ކަމެއްކަމެވެ.
އެހެން މީހުންނަށް ހެޔޮކޮށް ހިތުމަށް އަހަރެން ބުރަކޮށް އުޅުމުގެ ސަބަބުން އެ މީހުން ހުރަސް ކުރަން ޖެހިގެން ނުވާ އިންތައް ހުރަސް ކުރަން އަހަރެންނަށް ފުރުސަތު ދެވުނީއެވެ. އަހަރެންނަށް އިހުތިރާމު ނުކުރުމުން ވެސް އަހަރެން ހިނިތުންވެފައި ހުރީމެވެ. އަހަރެން ބާކީ ކޮށްލުމުން ވެސް ބޯޖަހައިލައިފައި ހުރީމެވެ. އަހަރެންގެ ނަފުސު ފޮތިފޮތި ކުރަމުން ދިޔަ އިރު ވެސް އަހަރެން ހަމަހިމޭނުން ހުރީމެވެ. މަޑުމަޑުން، ނަމަވެސް ޔަގީނުން ވެސް، ވޭނުން އެހެން މީހުން ސަލާމަތް ކުރުމަށްޓަކައި އަހަރެންނަށް އަހަރެންގެ ނަފުސު ގެއްލުނެވެ.
މިހާރު އަހަރެންގެ ހާލަކީ ކޮބައި ހެއްޔެވެ؟ މިހާރު އަހަރެންނަށް ހުރިހާ ކަމެއް ވެސް ސާފުކޮށް ފެނެއެވެ. އެއީ އަހަރެންގެ ނަފުސަށް އަހަރެން މައާފު ކުރަން ޖެހޭ ކަމެވެ.
އެހެން މީހުންނަށް އެއްވެސް ވަރެއްގެ ވޭނެއް ތަހައްމަލު ކުރިޔަ ނުދިނުމަށް އަހަރެން އެތައް ވޭނެއް އުފުލީމެވެ. އަހަރެންގެ ހިތުގެ އެތިކޮޅުކޮޅު އޭގެ އަގު ނުކުރާ މީހުންނަށް ދިނީމެވެ. އޭގެ ސަބަބުން އަހަރެން ވަނީ ފުނޑުފުނޑުވެ، ހުސް އެއްޗަކަށް ވެފައެވެ.
އަހަރެންނާމެދު ގޯސްކޮށް ކަންތައްތައް ކުރުމުން ވެސް އަހަރެން ކެތްކުރީމެވެ. މަސްލަހަތު ހިފެހެއްޓުމަށްޓަކައި އެއީ ރަނގަޅު ކަމެއް ކަމަށް ހެދިގެންނެވެ. ނަމަވެސް ހަގީގަތަކީ މިއެވެ: އެއީ ރަނގަޅު ކަމެއް ނޫނެވެ. ގައިމު ވެސް އެއީ އަހަރެންގެ ނަފުސަށް ރަނގަޅު ގޮތެއް ނޫނެވެ.
މިއީ ހިތާމަ ހުރި ކަމެއް، އެހެން ނޫން ހެއްޔެވެ؟
އަހަރެންނަށް ހިތްހެޔޮކަން ފަރިތަ ކުރެވުނީ އެ ހިތްހެޔޮކަން އެއީ އަހަރެންނާ ދެކޮޅަށް ބޭނުން ކުރެވުނު ހަތިޔާރަކަށް ވަންދެނެވެ. އަހަރެން އެހެން މީހުންނަށް ހިލޭ ހަދިޔާ ކުރި ލޯބީގެ ނާޖާއިޒު ފައިދާ އެ މީހުން ނަގަންދެނެވެ. ނަމަވެސް އެ މަގުން އަހަރެން ހިނގަމުން ދިޔަ އިރު ވަކި ހިސާބަކުން އަހަރެން އަހަރެންގެ އަމިއްލަ ނަފުސަށް ހަމްދަރުދީވާން ހަނދާން ނެތުނެވެ.
ފަހަރުގައި މައްސަލައަކީ ހިތްހެޔޮކަން އިސްކުރުމެއް ނޫނެވެ. މައްސަލައަކީ ތިބާގެ ހުރިހާ ކަމެއް ނެތިކޮށްލާ ހިސާބުގައި އިމެއް ކަނޑަ ނާޅާ ވަކި ހައްދެއް ނެތި ހިތްހެޔޮކަން ފޯރުކޮށްދިނުން ކަމަށް ވެދާނެއެވެ.
އެހެންވީމާ މިއަދު އަހަރެން އަމިއްލަ ނަފުސަށް މައާފުކުރަނީއެވެ. އަހަރެން އެޅި ކޮންމެ ކަރުނައަކަށް އިހުމާލު ވެވުމުންނެވެ. ކޮންމެ އިމެއް ހުރަސްކުރަން ފުރުސަތު ދެވުމުންނެވެ. އަމިއްލަ ނަފުސުގެ ބަދަލުގައި އެހެން މީހަކު ހިޔާރު ކުރި ކޮންމެ ހިނދުކޮޅަކަށެވެ. އަހަރެންގެ ނަފުސަށް މި މައާފުކުރަނީ އެއްވެސް ހާލަތެއްގައި އެއްވެސް މީހަކު ބަލައިގަންނަން ނުވާވަރުގެ އަމަލުތަކަށް އަހަރެން ކެތްކުރީމައެވެ. އަހަރެންނަށް ލިބިފައިވާ ޖާގަ އެހެން މީހުންނަށްޓަކައި އަހަރެން ހަނިކޮށްލީމައެވެ.
މީގެ ފަހުން އަމިއްލަ ނަފުސު އަހަރެން ރައްކާތެރި ކުރާނަމެވެ. އަހަރެން އެހެން ހުރިހާ އެންމެން ރައްކާތެރިކުރި ފަދައިންނެވެ. ފަރުވާ ކުޑަ ގޮތެއްގައި އަމިއްލަ ނަފުސުން ދޫކޮށްލި ބައިބައި އަލުން ހޯދާނަމެވެ. އަދި އަހަރެން އަމިއްލަ ނަފުސަށް ކޮންމެ ދުވަހަކު ހަނދާން ކޮށްދޭނީ ހިތްހެޔޮކަން ފެށޭނީ އަމިއްލަ ނަފުސާ ހިސާބުންކަމެވެ. އެ ނަފުސަކީ އަހަރެންނެވެ. ސަބަބަކީ އަމިއްލަ ނަފުސު ދިފާއު ނުކޮށްފި ނަމަ، އަހަރެން ދިފާއު ކޮށްދޭނީ ކާކު ހެއްޔެވެ؟
- ތަރުޖަމާއެއް
