ޖަޕާނަކީ އެންމެ ސާފުތާހިރު އެއް ގައުމުކަމަށް މަޝްހޫރު ގައުމެކެވެ. ދަތުރުކުރާ އުޅަނދުފަހަރާއި ބަގީޗާތަކާއި އަދި ފާހާނާތައް ވެސް އެހާ ސާފެވެ. މިދިޔަ އަހަރު ފަހުކޮޅު އިންޑިއާގެ އިންފްލުއެންސާއެއްވަނީ ޖަޕާނަށް ލިބިފައިވާ މި މަޝްހޫރުކަމަކީ ތެދެއްތޯ ކަށަވަރުކުރުމަށް ކަމާކަންފަށާ ޖަޕާނަށް ދަތުރުކޮށްފައެވެ.
ސިމްރާން ޖައިންގެ އިންސްޓަގްރާމަށް ލީ ވީޑިއޯއަށް ވަނީ 38 މިލިއަން ވިއުސް ލިބިފައެވެ. ވީޑިއޯގައި ފެންނަނީ އޭނާ ހުދު ކުލައިގެ އިސްޓާކީނު ޖޯޑެއް ގަނެގެން އެ ލައިގެން ހިނގާ މަންޒަރެވެ. ބޫޓަށް ނާރައެވެ. އަމާޒަކީ ހީނުކުރާ ގޮތަކަށް ޖަޕާންގެ ސާފުތާހިރުކަމުގެ އަޖުމަ ބަލައިލުމެވެ.
ސިމްރާންވަނީ ޒިބްރާ ކްރޮސިންނާއި ދުވާރާއި އަދި އެހެން ތަންތަނުގައި ވެސް ހިނގައިފައެވެ. ވީޑިއޯ ނިންމާލާ މަންޒަރުގައި އޭނާ ކެމެރާއަށް ދެ ފައި ދިއްކުރެއެވެ. ހުދު ކުލައިގެ އިސްޓާކީނު ޖޯޑުގައި އެންމެ ކިލާކޮޅެއް ވެސް ފެންނާކަށް ނުހުރެއެވެ.
ބައެއް މީހުންނަށް މި ވީޑިއޯގެ ހަގީގަތް ގަބޫލުކުރަން ދަތިވިއެވެ. އެ މީހުން ބުނީ ކިތައްމެ ސާފު ތަނަކަށް ވިޔަސް އެއްވެސް ވަރެއްގެ ކިލާކޮޅެއް ހުދު ކުލައިގެ އިސްޓާކީނު ޖޯޑެއްގައި ނުޖެހި ނުދާނެކަމަށެވެ. މި ގޮތަށް ގަބޫލުކުރާ މީހުން ތުހުމަތުކުރީ ސިމްރާން ފޭކް ވީޑިއޯއެއް ހެދީ ކަމަށެވެ.
ކޮންމެ ގޮތެއް ވިޔަސް، ސިމްރާންގެ ވީޑިއޯވަނީ އިންޓަނެޓް ސިއްސުވައިލައިފައެވެ. އަދި މި ވީޑިއޯ ބެލި މީހުން ފަހަރުގައި ޖަޕާނަށް ޒިޔާރަތްކުރާއިރު އެ ގައުމުގެ ސާފުތާހިރުކަމާމެދު ސަމާލުކަން ދޭނެކަމަށް ފެނެއެވެ.
