Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ވަފާތެރި ޗީޓާ

ޗީޓާއަކީ އެއްގަމުގައި އެންމެ ހަލުއި މަހުލޫގެވެ. އެފްރިކާ އަދި އީރާނަށް ވަޒަންވެރި، އާއްމުކޮށް 20 އަހަރު ދިރިހުންނަ ޗީޓާއަކީ ބުޅަލުގެ އާއިލާގެ ބާވަތެކެވެ.

އެންމެ ތިން ސިކުންތު ތެރޭގައި ގަޑިއަކު 60 މޭލު ބާރުމިނަށް ޗީޓާއަށް ކުއްލިއަކަށް ދުއްވައިގަނެވެއެވެ. މިއީ މަތީ ފެންވަރުގެ ގިނަ ކުޅިވަރު ކާރަށްވުރެ ވެސް އަވަސް ދުވެއްޔެކެވެ. އަދި ގަޑިއަކު 75 މޭލު ބާރުމިނުގައި ޗީޓާ ދުވެއެވެ. ނަމަވެސް ޗީޓާއަށް ދުވެވެނީ ކުޑައިރުކޮޅަކަށެވެ. އެއީ ގާތްގަނޑަކަށް 300 މީޓަރަށެވެ. އެހާ ހިސާބުން އެ ސޮރު އަރާމުކުރަން ޖެހެއެވެ. ވަރުބަލިފިލުވައިލައި އަލުން ދުވުމަށްޓަކައެވެ.

ޗީޓާގެ މުޅި ހަށިގަނޑު ބައްޓަންވެފައިވަނީ ހަލުއިކޮށް ދުވާށެވެ. އެ ސޮރުގެ މައިބަދަ ޅަނދޮޅެވެ. ފައި ދިގެވެ. ހަށިގަނޑުގެ ބެލެންސް ދަމަހައްޓަން ނިގޫ ދިގެވެ. ވަކިތައް ކޮންމެވެސް ވަރަކަށް އިނގިލިތަކުގެ ތެރެއަށް ވައްދައި، ނެރެވެއެވެ.

ޗީޓާގެ އަނެއް ހާއްސަ ކަމަކީ އެ ސޮރުގެ ވަފާތެރިކަމެވެ. ހަގީގަތުގައި، ޗީޓާއަކީ އެންމެ ވަފާތެރި އެއް ހައިވާނެވެ. އެ ސޮރުގެ އާއިލާގެ މެންބަރުން ޒަހަމްވުމުން ދޫކޮށްލައިފައެއް ނުދެއެވެ.

ޝިކާރަކުރަން އުޅޭ ވަގުތު ޒަހަމް ނުލިބި ނުދާނެއެވެ. ނަމަވެސް އަޖައިބު ކަމަކީ ޒަހަމްވުމުން ދެން އަމަލުކުރާ ގޮތެވެ. ޒަހަމްވި އެ ސޮރުގެ އަޚްގެ ގާތުގައި އިށީނދެލައިގެން މަޑުކޮށްގެން އިނދެއެވެ. ހިމޭނުންނެވެ. ހަރަކާތެއް ނެތި، ގުޑި ވެސް ނުލައެވެ. ވަށައިގެން ހިނގާ ހުރިހާ ކަމަކަށް ސަމާލުކަން ދީގެންނެވެ. ހަމައެކަނި އާއިލީ ގުޅުމުން ބަނދެވިފައެއް ނޫނެވެ. ނަމަވެސް ދިރިހުރުމަށްޓަކައި ގުޅިފައިވާ ގުޅުމެކެވެ.

ޖަންގަލީގައި އެކުވެރިކަމަކީ ކުޅޭކުޅޭ އެއްޗެއް ނޫނެވެ. ނަމަވެސް ހަނގުރާމައިގެ އުކުޅެކެވެ. އަދި ބައެއް ފަހަރު، އެންމެ ވަރުގަދަ އަމަލަކީ ދުވެ، ފެހުމެއް ނޫނެވެ. އެއީ މަޑުކޮށްލައިގެން އިނުމެވެ.

  • ތަރުޖަމާއެއް