ވައަގްރާއަކީ މީހުން ހީކުރާ ކަހަލަ ބޭހެއް ނޫނެވެ. އެތައް މިލިއަން ފިރިހެނުން މި ބޭނުންކުރަނީ އޭގައިވާ ގޮތް ނޭނގޭ ނުރައްކާތައް ނޭނގިއެވެ. އަދި އަނެއްކޮޅުން އޭގައިވާ އަޖައިބުކުރަނިވި އަދި އިންގިލާބީ ހަގީގަތްތައް ވެސް ނޭނގި ތިބެއެވެ.
ހަގީގަތުގައި ވައަގްރާއަކީ އެންޖައިނާ ނަމަކަށް ކިޔާ ހިތާ ގުޅޭ މޭގެ ރިއްސުމަކަށް ބޭހެއްގެ ގޮތުގައި 1990 ގެ އަހަރުތަކުގައި ތައްޔާރުކުރި ބޭހެކެވެ. ވައަގްރާއަކީ ސިލްޑެނަފިލް ސިޓްރޭޓް ނަމަކަށް ކިޔާ މި ބޭހުގެ ބްރޭންޑަށް ކިޔާ ނަމެވެ.
ކްލިނިކްތަކުގައި ކުރި ތަހުލީލުތަކުގައި ދިރާސާކުރާ ފަރާތްތަކަށް ފާހަގަކުރެވުނީ ހީނުކުރާ ސައިޑް އެފެކްޓެކެވެ: ޒަކަރަށް ގިނައިން ލޭ ފޮނުވައި، ޒަކަރުގެ ހަރުކަން ވަރުގަދަވެ، އަދި އެ ގޮތަށް ގިނަ އިރު ދެމިހުރެއެވެ.
މި ހޯދުން ވެގެން އައީ އެމެރިކާގެ ކާބޯތަކެއްޗާއި ބޭހުގެ ފެންވަރު ހިފަހައްޓާ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ)އިން އިރެކްޓައިލް ޑިސްފަންކްޝަން (ޑީ.އީ) ނުވަތަ ފިރިހެނާގެ ޖިންސީ ބަލިކަށިކަމަށް ބޭހެއް ހުއްދަކުރި ފުރަތަމަ ފަހަރަށެވެ. އެއީ 1998 ގައެވެ.
ފައިޒާ ކުންފުނީގެ ސައިންސްވެރިން ކަމަށްވާ ޕީޓާ ޑަން އާއި އަލްބަޓް ވުޑް އިނގިރޭސި ވިލާތުގައި ޕޭޓަންޓްކުރި ވައަގްރާ މިއަދު ދުނިޔޭގެ އެތައް މިލިއަން ފިރިހެނުން އަންނަނީ ޖިންސީ ގުޅުން ހިންގުން ވަރުގަދަކުރުމަށް ބޭނުންކުރަމުންނެވެ. ނަމަވެސް މި ބޭސް މަސައްކަތްކުރާ ގޮތް ފުރިހަމައަށް އޭގެ ތެރެއިން ގިނަ މީހުންނަށް ފަހުމެއް ނުވެއެވެ.
ވައަގްރާ މަސައްކަތްކުރަނީ ކިހިނެތް؟
އިރެކްޝަން ނުވަތަ ޒަކަރުގެ ހަރުކަން ބިނާވެފައިވަނީ ދުޅަހެޔޮކަމާއެކު ލޭ އެއަށް ފޮނުވައިދިނުމާއެވެ.
ޖިންސީ އެދުން އައުމުން ހަށިގަނޑުގައި ނައިޓްރިކް އޮކްސައިޑް އުފައްދައިދެއެވެ. މިއީ ޒަކަރުގެ މަޑު މަސްތައް މަޑުކޮށްލާ ކެމިކަލްއެކެވެ. އަދި މިހެންވެ، ޒަކަރަށް އިތުރަށް ލޭ ފޮނުވައިދިނުމަށް މަގުފަހިވެއެވެ.
ވައަގްރާ މަސައްކަތްކުރަނީ ޕީ.ޑީ.އީ-5 ނަމަކަށް ކިޔާ އެންޒައިމްއަކަށް ހުރަސްއަޅައިގެންނެވެ. މިއީ އާއްމު ގޮތެއްގައި، ޒަކަރުގެ މަޑު މަސްތައް މަޑުކޮށް ބަހައްޓާ، ސީ.ޖީ.އެމް.ޕީ ނައްތައިލައި އެންޒައިމެވެ.
ޕީ.ޑީ.އީ-5 އަށް ހުރަސްއެޅުމުން، ޒަކަރަށް ފޮނުވައިދޭ ލޭ ފޮނުވައިދިނުމުގައި ދަމަހައްޓައެވެ. މި ކަމުގެ ސަބަބުން ޒަކަރުގެ ހަރުކަން ދިގުދެމިގެންދެއެވެ.
ނަމަވެސް ޖިންސީ އެދުން ވެސް ހުންނަން ޖެހެއެވެ. ޝަހުވާނީ ހިއްސުތައް މަސައްކަތްކުރަން ޖެހެއެވެ.
ވައަގްރާއިން ޒަކަރަށް ހަރުކަން "އޮޓޮމެޓިކުން" ނުވަތަ އޭގެ އަމިއްލަ ޒާތުގައި އާދޭ ހެއްޔެވެ؟
ނޫނެކެވެ. މިއީ އާއްމު ގޮތެއްގައި މީހުންނަށް ހީވެފައި އޮންނަ ކުށްހީއެކެވެ.
ވައަގްރާއަކީ ކުއްލިއަކަށް، އޮޓޮމެޓިކުން ޒަކަރަށް ހަރުކަން ގެނެސްދޭ "ޖާދުލުގެ ބޭސްގުޅަ"އެއް ނޫނެވެ. މިއީ ޖިންސީ އެދުން އައުމުން، ހަށިގަނޑަށް އަންނަ ގުދުރަތީ އަސަރު ވަރުގަދަކޮށްދޭ ބޭހެކެވެ. ޒަކަރަށް ލޭ ފޮނުވައިދީގެންނެވެ. ޖިންސީ އެދުމުގެ އަސަރެއް ނުކުރަންޏާ، ވައަގްރާއިން އެއްވެސް ނަތީޖާއެއް ނުނުކުންނާނެއެވެ. އާދަޔާ ހިލާފު، ވަކި އުސޫލެއް ނެތި، ހަމައެކަނި ބޭސްގުޅަ ކައިލުމަކުން ޒަކަރަށް ހަރުކަމެއް ނާންނާނެއެވެ.
ވައަގްރާގެ އަސަރު ކިހާ އިރަކަށް ދެމިގެންދޭ ހެއްޔެވެ؟
ވައަގްރާ މަސައްކަތްކުރަން ފަށަނީ ބޭސްގުޅަ ކައިލައިތާ 30 އާއި 60 މިނެޓާ ދޭތެރޭގައެވެ. އޭގެ އަސަރު ހަތަރު އާއި ހަ ގަޑިއިރާ ދެމެދަށް ދެމިގެންދެއެވެ. މީހާގެ އުމުރާއި މީހާގެ ހަށިގަނޑުގެ މެޓަބޮލިސަމް ނުވަތަ މީހާގެ ހަށިގަނޑުގައި ހަކަތަ އަނދާ ނިސްބަތް އަދި އާއްމު ސިއްހަތު ހުރި ގޮތުންނެވެ. ނަމަވެސް މީގެ މާނައަކީ ވައަގްރާއިން ކޮންމެ ފަހަރަކު ޒަކަރު ހަރުވާނެއެކޭ ނޫނެވެ. މީގައި އަސްލު ވާ ގޮތަކީ ޖިންސީ އެދުން އައުމުން އެ އެދުމަށް މީހާގެ މުޅި ހަށިގަނޑު "ޖަވާބުދާރީވުން" އެތައް ގަޑިއިރަކަށް ދެމިގެންދިއުމެވެ. މިހެންވެ، އެ ވަގުތުގެ ތެރޭގައި، ޖިންސީ އެދުން ލިބޭ ނަމަ، ޒަކަރު އެތައް ފަހަރަކު ހަރުވުން އެކަށީގެންވެއެވެ.
ވައަގްރާ ބޭނުންކުރަން ނުވާނީ ކޮން ބައެއް؟
މެއަށްވާ ތަދާއި ހިތުގެ ބަލިތަކަށް އާއްމު ގޮތެއްގައި ދޭ ނައިޓްރޭޓް ހުންނަ ބޭސް ބޭނުންކުރާ މީހުން ވައަގްރާ ބޭނުންކުރުމުން ލޭގެ ޕްރެޝަރު ނުރައްކާތެރި މިންވަރަކަށް ދަށަށް ދާނެއެވެ. އެހެންކަމުން، މި ދެ ކަންތައް އެއްވުމުން، މިއީ ފުރާނައަށް ނުރައްކާވެދާނެ ހާލަތެކެވެ.
ހިތާއި ނާރުތަކުގެ ސީރިއަސް މައްސަލަތައް ހުންނަ މީހުންނާއި ފަހުގެ ތާރީހެއްގައި ހާޓް އެޓެކް ޖެހިފައިވާ މީހުންނާއި ސްޓްރޯކް ޖެހިފައިވާ މީހުންނާއި އަދި ލޭގެ ޕްރެޝަރު ވަރަށް ދަށްކޮށް ހުންނަ މީހުން ވައަގްރާ އެއްގޮތަކަށް ވެސް ބޭނުންކޮށްގެން ނުވާނެއެވެ.
ހިތުގެ އެއްވެސް ކަހަލަ މައްސަލައެއް ހުރި ނަމަ، ވައަގްރާ ނެގުމުގެ ކުރިން ކޮންމެހެން ވެސް ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހެއެވެ. ނުވަތަ ކޮންމެވެސް ކަމަކަށް ބޭސް ކުރަމުން އަންނަ ނަމަ، އެ ބޭނުންކުރާ ބޭހާއި ވައަގްރާއާ "މުއާމަލާތް" ހިނގާނެ ގޮތް ޔަގީން ނުވާ ނަމަ ވެސް ޑޮކްޓަރެއްގެ ލަފާ އަބަދުވެސް ހޯދާށެވެ.
ވައަގްރާއިން އާއްމު ގޮތެއްގައި ކުރިމަތިވާ ސައިޑް އެފެކްޓްތައް:
ގިނަ ސައިޑް އެފެކްޓްތައް ވަރަށް ސާދާވެފައި ދެމިހުންނަނީ ވަގުތީ ގޮތުންނެވެ. ނަމަވެސް އޭގެން އުނދަގޫތަކެއް ފޯރުން އެކަށީގެންވެއެވެ.
ވައަގްރާއިން ފޯރާ ސައިޑް އެފެކްޓްތަކުގެ ތެރޭގައި:
- ބޮލުގައި ރިއްސުން (ލޭ މާ ގިނައިން ދައުރު ކުރުމުގެ ސަބަބުން)
- މޫނުމައްޗަށް ރަތް ކުލަ އެރުން
- ހަޖަމުގެ ނިޒާމުގެ މައްސަލަތައް
- ނޭފަތް ބެދުން
- ފެނުމަށް ބަދަލު އައުން، މިސާލަކަށް، ނޫކުލައިގައި ތަންތަން ފެނުން ނުވަތަ ފުސްކޮށް ތަންތަން ފެނުން (ސަބަބަކީ ޕީ.ޑީ.އީ-5 އިން ލޮލުގެ މަސްތަކަށް އަސަރުކުރާތީ)
ވަރަށް މަދުން ނަމަވެސް ސީރިއަސް އެއް ސައިޑް އެފެކްޓަކީ ޕްރައަޕިސަމްއެވެ. މިއީ ހަތަރު ގަޑިއިރަށްވުރެ ގިނައިރަށް ޒަކަރު ހަރުވެފައި ހުރުމެވެ. މި ކަން ކުރިމަތިވެއްޖެ ނަމަ، ވަގުތުން ސިއްހީ ފަރުވާ ހޯދަން ޖެހެއެވެ. ދާއިމީ ގެއްލުމެއް ލިބުނަ ނުދިނުމަށެވެ.
ވައަގްރާއަށް ހޭނޭތަ؟
އާނއެކެވެ. ވައަގްރާ ބޭނުންކުރަމުން އައުމުން ހަށިގަނޑުން އެއަށް "ޓޮލަރެންސް" އުފައްދައެވެ. ނުވަތަ އެއަށް ހޭނެއެވެ. މާނައަކީ ކުރިން ދެއްކި ނަތީޖާ ހޯދަން ފަހުން ޑޯޒް އިތުރުކުރަން ޖެހިދާނެއެވެ. މިހެން ގިނައިން ދިމާވަނީ ޒަކަރު ހަރު ނުވުމުގެ އަސްލު މައްސަލަ ހައްލު ނުކޮށް ވައަގްރާއަށް ބަރޯސާވާތީއެވެ.
ވައަގްރާއަކީ ވަގުތީ ހައްލެކެވެ. ދިގު މުއްދަތުގެ ހައްލެއް ނޫނެވެ. ލައިފްސްޓައިލް ހުންނަ ގޮތް ބަދަލުކުރުމާއި ހަށިގަނޑުގައި ލޭ ދައުރުކުރުން ރަނގަޅު ކުރުމާއި އަދި ހޯމޯންތައް ބެލެންސްކުރުމަކީ ޖިންސީ ސިއްހަތު ދެމެހެއްޓުމަށް މާ ރަނގަޅު ގޮތްތަކެވެ.
މަޖަލަކަށް ބައެއް ފިރިހެނުން ވައަގްރާ ބޭނުންކުރަނީ ކީއްވެ؟
ޒަކަރު ހަރު ނުވުމުގެ މައްސަލަ ނުހުންނަ އެތައް ފިރިހެނުން މަޖަލަކަށް ވައަގްރާ ބޭނުންކުރެއެވެ. އެއީ:
- އަމިއްލަ ނަފުސަށް ޔަގީންކަން ލިބިގަތުމަށް (ޖިންސީ އެދުން ފުއްދުމުގައި ނުކުޅެދޭނެކަން ނުހުންނާނެކަން ޔަގީންކުރުމަށް)
- ޒަކަރު އިތުރަށް ހަރުކުރުމަށް
- ހާސްކަން ކަނޑައިލުމަށް (ހާއްސަކޮށް އާ އަންހެނަކާ ޖިންސީ ގުޅުން ހިންގާއިރު)
މަޖަލަކަށް ވައަގްރާ ބޭނުންކުރުމަކީ ގެއްލުމެއް ނެތް ކަމެއް ކަމަށް ހީވިޔަސް، މި ކަމުގެ ސަބަބުން ވައަގްރާއަށް ބަރޯސާކުރަން ޖެހި، ޖިންސީ އެދުން ފުއްދުމުގައި ހުރި ނުކުޅެދުންތެރިކަމާއި ހަގީގީ ހައްލު ބޭނުންވާ ސިއްހީ މައްސަލަތަކުގައި މަތިޖެހޭ ގޮތް ދިމާވެދާނެއެވެ.
ވައަގްރާގެ ބަދަލުގައިވާ ގުދުރަތީ ހައްލުތައް:
ޖިންސީ އެދުން ފުއްދުން ހަރުދަނާކުރަން އަބަދުމެ ބޭސްގުޅައެއް ބޭނުމެއް ނުވާނެއެވެ. މީގެ ބަދަލުގައި އިހުތިޔާރުކުރެވިދާނެ ކަންތައްތަކަކީ:
- ލައިފްސްޓައިލަށް ބަދަލުގެނައުން
- ހަށިގަނޑުގައި ރަނގަޅަށް ލޭ ހިންގުވަން ގަވައިދުން ކަސްރަތުކުރުން
- ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި ބޭނުންކުރުން
- ސްޓްރެސްއާ ކުރިމަތިވާ ކަންތައްތަކުން ދުރުވެ، ނިދުމަށް އިސްކަންދިނުން
ނައިޓްރިކް އޮކްސައިޑް އުފައްދައިދެނީ:
- އެލް-އާޖިނީން އަދި ސިޓްރުލީންއަކީ ނައިޓްރިކް އޮކްސައިޑް ގުދުރަތީ ގޮތުން އުފައްދައިދޭ އެމިނޯ އެސިޑްތަކެވެ.
އާބަލް ސަޕްލިމެންޓް:
- ޖިންސެންގްއިން ޒަކަރު ހަރު ނުވުމުގެ މައްސަލަ ހައްލުކޮށްދެއެވެ.
- އެޕިމެޑިއަމް ގްރޭންޑިފްލޯރަމްގައި އިކެރީން ހުރެއެވެ. މިއީ ޕީ.ޑީ.އީ-5 އަށް ހުރަސްއަޅާ ގުދުރަތީ ކެމިކަލްއެކެވެ.
- ތަރުޖަމާއެއް
