Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ބާރު ނެތި ނުފޫޒު ފޯރުވޭނެ ގޮތް

ކްލޭ ސްކްރޮގިންސްގެ ފޮތް "ހައު ޓު ލީޑް ވެން ޔޫ އާ ނޮޓް އިން ޗާޖް"ގެ ނަމުން ދޭހަވާ ފަދައިން މި ފޮތުގައި އޭނާ ކިޔައިދެނީ ތިބާގެ ބާރު ނެތި ވެސް ތިބާއަށް ނުފޫޒު ފޯރުވިދާނެކަމެވެ. ވެރިކަމުގެ މަގާމެއްގައި ހުންނަ މީހަކު ނުފޫޒު ފޯރުވަން މަގާމެއްގެ ނަން ބޭނުންވާކަމަށް ދެކޭދެކުމަށް އޭނާ ގޮންޖަހައެވެ. އޭނާ ދައްކައިދެނީ ޝަހުސިއްޔަތާއި އިސްނެގުން އިސްކުރުމުން، ތިބާ ކޮންމެ މަގާމެއްގައި ހުއްޓަސް، އެހެން މީހުންނަށް ނުފޫޒު ފޯރުވޭނެކަމެވެ.

މި ބަލައިލަނީ ކްލޭގެ ފޮތުގައި އޭނާ ފާހަގަކޮށްފައިވާ މުހިންމު އަށް ނުކުތާއަށެވެ.

  1. ވެރިކަމަކީ ހަމައެކަނި މަގާމެއްގެ ނަން ލިބިގެން ކުރެވޭ ކަމެއް ނޫނެވެ. ނުފޫޒަކީ ތިބާ ހުންނަ މަގާމަކަށްވުރެ މުހިންމު އެއްޗެކެވެ. ތިބާ ހުރި ކޮންމެ މަގާމަކުން ވެސް ވެރިކަމުގެ ބާރު ފޯރުވިދާނެއެވެ.
  2. އަމިއްލަ ނަފުސު ތަރައްގީކުރުމަށް އަމިއްލައަށް އިސްނަގާށެވެ. މި ކަމަށް އެހެން މީހަކު ހުއްދަ ދޭނެކަމަށް މަޑުނުކުރާށެވެ. ކަންތައްތައް ދަސްކުރުމާއި ހުނަރުތައް ބިނާކުރުމުގައި ދެމިހުންނާށެވެ.
  3. އެންމެ ފުރަތަމަ އިތުބާރު ގާއިމުކުރާށެވެ. ނުފޫޒު ފެތުރޭނީ ތިބާއަށް މީހުން ބަރޯސާކުރަން ފެށުމުންނެވެ. ތިބާގެ ޝަހުސިއްޔަތަށެވެ. އަދި ތިބާ އެ މީހުންނާމެދު ބަހައްޓާ އިހުލާސްތެރި، ފަރުވާތެރިކަމަށެވެ.
  4. ފުރަތަމަ ތިބާގެ ނަފުސަށް ތިބާ އަމިއްލައަށް ނުފޫޒު ފޯރުވާށެވެ. "ޑިސިޕްލިން" ނުވަތަ އަހުލާގު ހިފެހެއްޓުމާއި ޖަޒުބާތުތަކަށް އަޅާލުމާއި އަމިއްލަ ނަފުސާމެދު ހޭލުންތެރިކަން ބަހައްޓައިގެން ނޫނީ އެހެން މީހުންގެ މައްޗަށް ވެރިކަމެއް ނުހިންގޭނެއެވެ.
  5. އިސްނަގާށެވެ. އެހެން މީހަކު ބުނަންދެން ކަމެއް ނުކޮށް މަޑުނުކުރާށެވެ. މައްސަލަތައް ހައްލުކުރާށެވެ. އަމިއްލަ އިސްނެގުމާއެކު އެއްޗެއްސާއި ކަންތައްތަކުގެ އަގު އިތުރުކުރާށެވެ.
  6. ހިތްތިރިކުރާށެވެ. ނަމަވެސް އެއީ އިސްނެގުމާއެކުއެވެ. އެހެން މީހުން ދައްކާ ވާހަކަ އަޑުއަހައި، އޭގެން ފިލާވަޅުތައް ލިބިގަންނާނީ ހިތްތިރިކުރުމާއެކުއެވެ. ނަމަވެސް ތިބާގެ އަޑު އުފުލަންވާނީ ހިތްވަރާއެކުއެވެ.
  7. ފާޑުކިޔުން ބަލައިގަންނާށެވެ. ފާޑުކިޔުމަކީ ތިބާގެ ނަފުސު ތަރައްގީކުރަން އަޅަން ޖެހޭ ތެޔޮކަމަށް ދެކޭށެވެ. އެއީ ތިބާ ދެކެ ނުރުހިގެން މީހުން ބުނާ ވާހަކަތައްކަމަށް ނުދެކޭށެވެ.
  8. ކޮންމެ ދުވަހަކު ވެސް ވެރިކަމުގެ ސިފަތައް ގެންގުޅޭށެވެ. ވެރިކަމަކީ ސިކުނޑީގައި ގާއިމުކުރެވޭ ވިސްނުމުގެ ސިފައެކެވެ. މި ކަމަކީ ކޮންމެ ދުވަހަކު ކެނޑިނޭޅި ނަގަން ޖެހޭ ނިންމުންތަކެކެވެ. މިއީ އެއް ފަހަރަކު އަމަލުކޮށްފައި، އަޅާނުލާ ދޫކޮށްލެވޭ މަގާމެއް ނޫނެވެ.

ކްލޭގެ ފޮތުގައި އޭނާ ކިޔައިދެނީ ހަގީގީ ވެރިކަމުގެ ބާރު ފެށެނީ ތިބާގެ ނަފުސުގެ އެތެރެއިންކަމެވެ. އަމިއްލަ ނަފުސު ތަރައްގީކޮށް، އެހެން މީހުންނަށް ހިދުމަތްކުރަން ތައްޔާރަށް ތިބި އެންމެންނަށް ވެސް މި ފަދަ ނުފޫޒު ފޯރުވޭ ދައުރެއް އަދާކުރެވިދާނެކަމެވެ. މަގާމުގެ ބަދަލުގައި ނުފޫޒު ފޯރުވަން އިހުތިޔާރުކޮށްފި ނަމަ، ތިބާ ކޮންމެ މަގާމެއްގައި ހުރެގެން ވެސް، އެހެން މީހުންގެ މައްޗަށް ވެރިކަން ކުރެވިދާނެކަމެވެ.

  • ތަރުޖަމާއެއް