Support Us

ކޮލަމް: މީތިނުކިޔާތި

"މަރުވެފައިވާ އަސް"- ވެރިންނަށް ސީދާސާދާ ފިލާވަޅެއް

ބޯދާބަހެއްގައިވެއެވެ: "ތިބާ ތިޔަ ދުއްވަނީ މަރުވެފައިވާ އަހެއްކަމަށް ރޭކާލައިފި ނަމަ، އެންމެ ރަނގަޅު ގޮތަކީ އޭގެން ފޭބުމެވެ."

ނަމަވެސް މަސައްކަތްކުރާ ބައިވަރު ތަންތާނގައި، މި ފަދަ އަހަކުން ފޭބުމުގެ ބަދަލުގައި، މީހުން ގިނައިންކުރާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  1. އަސް ހަރަކާތްތެރިކުރުވުމަށް މިހާރު ބޭނުންކުރާ އެއްތެޔޮގަނޑަށްވުރެ ބާރުގަދަ އެއްތެޔޮގަނޑެއް ބޭނުންކުރަނީއެވެ.
  2. އަސް ދިރާސާކުރުމަށް ޓީމެއް އެކުލަވައިލަނީއެވެ.
  3. މަރުވެފައިވާ އަސްތައް ދުއްވަން ތަމްރީންކުރަން މުވައްޒަފުން ފޮނުވަނީއެވެ.
  4. މަރުވި އަސް އެއީ ރީތި އެއްޗެއްކަމަށް ދައްކަން އެ އަހަށް އާ ނަމެއް ދެނީއެވެ. މިސާލަކަށް، "ހަކަތަ ހުސްވެފައިވާ އަހެ"ކެވެ.
  5. އާ މަގާމަކަށް އަސް ޕްރޮމޯޓުކުރަނީއެވެ. މީހުންނަށް ހިތްވަރެއް ލިބޭތޯއެވެ.

ފިލާވަޅަކީ:

ރޭވުމެއް، މަޝްރޫއެއް ނުވަތަ އުކުޅެއް ނަމަވެސް، އެ ކަމެއް މަސައްކަތް ނުކުރަން ފަށާ ހިސާބުން، އެ ކަމަށް ވަގުތާއި ހަކަތަ ބޭކާރުކުރުން ހުއްޓާލާށެވެ. އެ ކަން ދޫކޮށްލާށެވެ. އަދި މަސައްކަތްކުރާ ކަމަކަށް ސަމާލުކަން އަނބުރާލާށެވެ.

ވެރިންނަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  1. މަސައްކަތްކުރަނީ ކޮން ކަމެއްތޯ ބަލާށެވެ. އަދި އެހެންމެ، މަސައްކަތް ނުކުރަނީ ކޮން ކަމެއްތޯ ވެސް ބަލާށެވެ. ތެދުވެރިކަމާއެކުއެވެ.
  2. އަވަހަށް ފިޔަވަޅު އަޅާށެވެ. އެ ކަމެއް މަސައްކަތް ނުކުރާ ނަމަ، އެހެން ކަމަކަށް އެނބުރެން ބިރުނުގަންނާށެވެ.
  3. އާ ހިޔާލުތަކަށް މަރުހަބާ ކިޔާށެވެ. އާ ކަންތައްތައް ތަޖުރިބާކުރަން މީހުންނަށް ރައްކާތެރިކަން އިހުސާސްކުރެވޭ ފަދަ ސަގާފަތެއް އުފައްދާށެވެ.

ބައެއް ފަހަރަށް، ކާމިޔާބަކީ ގަދައަޅާ މަސައްކަތްކުރުމެއް ނޫނެވެ. އެއީ ރޭވުންތެރިކަމާއި، އިޖުރާއަތްތަކާއި އަދި މަސައްކަތްކުރުމުގެ ބޯދާ ވައްޓަފާޅި ދޫކޮށްލާނެ ދަނޑިވަޅު އެނގުމެވެ.

  • ތަރުޖަމާއެއް