Support Us

ކޮލަމް: މީތިނުކިޔާތި

ކުރު ވާހަކަ: ހަގީގީ ލޯތްބަށް 55 އަހަރު ވީތަނާ…

އަހަރެންގެ މައިންބަފައިން ކައިވެނިކޮށްގެން އުޅުނުތާ 55 އަހަރެވެ.

އެއް ދުވަހަކު ބައްޕައަށް ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށް މަންމަ ސިޑިން ފައިބަނިކޮށް މަންމައަށް ހާޓް އެޓެކެއް ޖެހި، ވެއްޓުނެވެ. ބައްޕަ ހާސްވި ވަރުން މަންމަ އުފުލައިލެވޭނެ ހުރިހާ ގޮތަކަށް އުފުލޭތޯ މަސައްކަތްކުރިއެވެ. އެންމެ ފަހުން ދަމާފައި ގެންގޮސް ޕިކަޕަށް ލިއެވެ.

ޓްރެފިކް ލައިޓާއި މަގުމަތީގެ ގަވައިދުތަކަށް ނުބަލާ ބައްޕަ ހޮސްޕިޓަލާ ދިމާއަށް މިސްރާބުޖެހިއެވެ. ނަމަވެސް ހޮސްޕިޓަލަށް ދެވުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. މަންމަގެ ފުރާނައެއް ނެތެވެ.

ޖަނާޒާގައި ބައްޕަ ހުރީ ހަމަހިމޭނުންނެވެ. ދުރަށް ނަޒަރު ހުއްޓިފައިވާ ގޮތަކަށެވެ. ހިޔާލަކަށް ގެއްލިފައިވާ ފަދައިންނެވެ. ލޮލުން ކަރުނައެއް ނާދެއެވެ.

އެ ރޭ އަހަރެމެން ބައްޕަގެ ގާތުގައި ތިބީމެވެ. ހިތްހަމަޖައްސައިދެވޭތޯއެވެ. އާއިލާގައި ހިނގާފައި ހުރި ހާދިސާތަކާއި ފޮނި ހަނދާންތަކާއި އަދި ހުނުން މަސްހުނިވީ ހިތާމަތަކާ ވެސް އެކީއެވެ.

އަހަރެންގެ ބޭބެއަކީ ފާދިރީއެކެވެ. ބައްޕަ އަހަރެންގެ ބޭބެއާ ދިމާއަށް އެނބުރިލައިފައި މަޑުމަޑުން ސުވާލުކުރިއެވެ: "ބުނެބަލާށެވެ. މަންމަ މިހާރު ވީ ކޮން ތަނެއްގައި ހެއްޔެވެ؟"

މަރުވުމަށް ފަހު އުހުރުވީ ހަޔާތުގައި ވާ ކަންތައްތަކާ ބެހޭ ގޮތުން އަހަރެންގެ ބޭބެ ވާހަކަދައްކަން ފެށިއެވެ. އޭނާ ގަބޫލުކުރާ ގަބޫލުކުރުންތަކާއި ދެން ވާނޭ ގޮތަކާމެދު އުއްމީދުކުރެވޭ އުއްމީދުކުރެވުންތަކާ ބެހޭ ގޮތުންނެވެ.

ބައްޕަ ކަނުލާއަޑުއަހަން އިނެވެ. ދެން، ކުއްލިއަކަށް، އޭނާ ސަހަރާއަށް ގެންގޮސްދިނުމަށް އަހަރެމެން ގާތުގައި އެދުނެވެ.

"ބައްޕާއެވެ،" އަހަރެމެން މަޑުމައިތިރިކަމާއެކު ބުނީމެވެ. "މިހާރު ދަންވަރުވާން ކައިރިވަނީއެވެ. ސަހަރާ މިހާރު ހުރީ ބަންދުކޮށްފައެވެ. އަހަރެމެންނަކަށް މިހާރަކު ނުދެވޭނެއެވެ."

ނަމަވެސް ބައްޕަ ތަންކޮޅެއް އަޑަށް ބާރުލައިފައި، ލޮލުން ކަރުނަ ހިލިފައި، ބުންޏެވެ: "ޕްލީސް، 55 އަހަރަށް ފަހު ހަގީގީ ލޯބި ދާދިދެންމެއަކު ގެއްލުނު މީހަކާ އަރައިރުން ނުވާށެވެ."

ހަމަހިމޭންކަމުގެ ވަގުތުކޮޅެއް ދިޔައެވެ. އަހަރެމެން އިތުރު އެއްޗެކޭ ނުބުނަމެވެ.

އަހަރެމެން ކާރަށް އެރީމެވެ. އަދި ސަހަރާއަށް ގޮސް، ޓޯޗުން އަލިކޮށްގެން މަންމަގެ މަހާނަ ހޯދީމެވެ.

މަންމަގެ މަހާނަ ކައިރީގައި ބައްޕަ އިށީނެވެ. ދެން ދުއާކުރިއެވެ. އަދި އެންމެ ފަހުން އަހަރެމެންނާ ދިމާއަށް ބުންޏެވެ: "ފަންސާސް ފަސް އަހަރެވެ. ތިބާމެންގެ ހަޔާތް މުޅިން އެކުގައި މީހަކާއެކު ހޭދަ ނުކުރާހާ ހިނދެއްގައި ތިބާމެންނަށް ލޯތްބަކީ ކޮން އެއްޗެއްކަން ފަހުމެއް ނުވާނެއެވެ."

ބައްޕަ އިރުކޮޅަކު މަޑުމަޑުން އިނެވެ. ދެން މޫނު ފުހެލިއެވެ. އަދި ވާހަކަ ކުރިއަށް ގެންދިޔައެވެ:

"ތިބާމެންގެ މަންމަ އާއި އަހަރެން ހުރިހާ ތަޖުރިބާއެއްކުރީ އެކުއެކީގައެވެ. އާ ވަޒީފާތަކާއި ގެތައް ވިއްކުމާއި ދަރިން ބޮޑުކުރުން ހިމެނޭ ގޮތަށް ވެސްމެއެވެ. މާމައަކަށާއި ކާފައަކަށްވުމުގެ އުފާވެރިކަން ވެސް ދެ މީހުން އެކުގައި ހިއްސާކުރީމެވެ. އަހަރެމެން ލޯބިވި މީހުން ދުނިޔެ ދޫކޮށް ދިއުމުގެ ހިތާމަ ވެސް އުފުލީ އެކުގައެވެ. ހޮސްޕިޓަލްތަކުގެ ވެއިޓިން ރޫމްތަކުގައި ޖެހިޖެހިގެން ތިބެ، ބަލިމީހުންނަށް ދުއާކުރީމެވެ. ދަތިއުނދަގޫ ދުވަސްތަކުގައި އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގަތީމެވެ. ކޮންމެ ދުވަހަކު އެކަކު އަނެކަކުގެ ގައިގައި ބައްދައިލީމެވެ. މައާފުކުރީމެވެ. ހަޔާތައިގެން ކުރިއަށް ދިޔައީމެވެ. އެކުއެކީގައެވެ."

އަނެއްކާ ވެސް ހިނދުކޮޅަކަށް މެދުކަނޑައިލުމަށް ފަހު ބައްޕަ ވާހަކަ ކުރިއަށް ގެންދިޔައެވެ: "ދެން މިހާރު މި ހުރިހާ ކަމެއް ނިމުނީއެވެ. ނަމަވެސް މި ރޭ އަހަރެންނަށް މި ވަނީ ހަމަޖެހުން ލިބިފައެވެ. ކީއްވެކަން ތިބާމެންނަށް އެނގޭ ހެއްޔެވެ؟ ސަބަބަކީ އަހަރެންނަށް ވުރެ ކުރިން މަންމަ މި ދުނިޔެ ދޫކޮށްފައި ދިއުމުންނެވެ. އަހަރެން ވަޅުލުމުގެ ހިތާމަ މަންމައަށް ތަހައްމަލުކުރަން ނުޖެހުނީމައެވެ. އަހަރެން މި އިހުސާސްކުރާ ކަހަލަ ހުސްކަމެއް މަންމައަށް އިހުސާސްކުރަން ނުޖެހުނީމައެވެ. އޭގެ ބަދަލުގައި މި ވޭން ތަހައްމަލުކުރާނީ އަހަރެންނެވެ. އަދި މި ކަމަށްޓަކައި އަހަރެން މާތް ކަލާނގެއަށް ޝުކުރުވެރިވަމެވެ. މަންމަ ދެކެ އަހަރެން އެ ވަރަށް ލޯބިވާތީ މަންމައަށް މި ފަދަ ވޭނެއް ތަހައްމަލުކުރާކަށް އަހަރެންނަށް ކެތެއް ނުކުރެވޭނެއެވެ."

އަހަރެމެން އެންމެންގެ ލޮލުން ކަރުނަ ހިލުނެވެ. ބައްޕަގެ ގައިގައި ބާރަށް ބައްދައިލީމެވެ. ނަމަވެސް، ހައިރާންވި ކަމަކީ، ބައްޕަ ވީ އަހަރެމެންގެ ހިތްހަމަޖައްސައިދިން މީހާއަށެވެ.

"އެންމެ ރަނގަޅެވެ،" ބައްޕަ ބުންޏެވެ. "މިހާރު އަހަރެމެން ދަމާ ހިނގާށެވެ. މި ދުވަހަކީ ރަނގަޅު ދުވަހެކެވެ."

ހަގީގީ ލޯތްބަކީ ކޮބައިކަން އެންމެ ފަހުން އަހަރެންނަށް އެ ރޭ ފަހުމްވިއެވެ. އެއީ އިޝްގީވުމާއި ޝަހުވާނީވުން އެކުލެވޭ އެއްޗެއް ނޫނެވެ. އެއީ ދެ މީހަކު އެކަކު އަނެކަކު އިހުތިޔާރުކުރުމެވެ. ދެ މީހުން އެކުގައި ދެމިތިބުމެވެ. ހަޔާތުގައި ކުރިމަތިވާ ހުރިހާ ކަންތައްތަކާ ކުރިމަތިލުމުގައި ދެ މީހުން އެކުއެކީގައި ތިބުމަށް ނިންމުމެވެ.

  • ތަރުޖަމާއެއް