ޑޭލް ކާނެގީގެ ފޮތް "ދި އާޓް އޮފް ޕަބްލިކް ސްޕީކިން: ދި އޮރިޖިނަލް ޓޫލް ފޮ އިމްޕްރޫވިން ޕަބްލިކް އޮރޭޝަން"ގައި އޭނާ ވަނީ އާއްމު ތަންތާނގައި ތަގުރީރުކުރާނެ މޮޅު ގޮތްތަކެއް ހުށަހަޅައިދީފައެވެ. އެއީ ކުޑަ ގްރޫޕަކުން ފެށިގެން ބޮޑު އޯޑިއެންސަކާ މުހާތަބު ކުރުމަށް ކަމަށް ވިޔަސްމެއެވެ. މި ބަލައިލަނީ އަމިއްލަ ނަފުސަށް ވަރުގަދަ ޔަގީންކަމެއް އޮތުމާއެކު، މުހާތަބުކުރެވޭ މީހުންނާ މުއާމަލާތްކުރުމުގެ ހުނަރުތަކަށް އޭނާ އަލިއަޅުވައިލައިފައިވާ 10 ނުކުތާއަށެވެ.
- ހާސްކަން ކަނޑައިލައިށެވެ. ތަގުރީރެއް ދިނުމުގެ ކުރިން އެ ތަގުރީރު ކުރިން ފަރިތަކުރާށެވެ. އެ ތަގުރީރުގައި ބުނާ އެއްޗެއް ސިކުނޑީގައި ސިފަކުރާށެވެ.
- އޯޑިއެންސްއަކީ ކޮބައިކަން ފަހުމްވާށެވެ. މުހާތަބުކުރެވޭ މީހުން ޝައުގުވެރިވާ ކަންތައްތަކާއި އެ މީހުންގައި މައުލޫމާތު ހުރި މިންވަރެއްގެ މައްޗަށް ތަގުރީރު ބިނާކުރާށެވެ.
- މެސެޖްގެ ސާފުކަން ދަމަހައްޓައިށެވެ. ތަގުރީރު ބިނާކުރަންވާނީ ކޮންމެވެސް މައިގަނޑު އެއް ހިޔާލަކަށެވެ. އަދި ތަގުރީރު އަތުރައިލަންވާނީ ބުއްދިގަބޫލުކުރެވޭ ފަދަ ގޮތަކަށެވެ.
- މިސާލު ޖެހޭ ކަހަލަ ވާހަކަ ކިޔައިދޭށެވެ. އޯޑިއެންސަށް ދޭ މެސެޖާ ގުޅޭ ކަހަލަ ހަގީގީ ހާދިސާތައް ކިޔައިދޭށެވެ. އެއިރުން މުހާތަބުކުރެވޭ މީހުންނަށް ފަސޭހައިން މެސެޖް ފަހުމްވެ، މެސެޖް ހަނދާނުގައި ހަރުލާނެއެވެ.
- ސާފު ބަހުރުވައިން ވާހަކަދައްކާށެވެ. ވާހަކަދައްކާ ރާގާއި އަޑަށް ބަދަލު ގެނެސް، ވާހަކަ ކުރިއަށްގެންދާ ދުވެލި ވެސް ރަނގަޅުވާންޖެހެއެވެ. އަދި އޯޑިއެންސާ ހަތަރުކަޅިހަމަކޮށް ބަލަހައްޓައިގެން ހުރެ ވާހަކަދައްކާށެވެ.
- ޝައުގުވެރިކަން ހުރެގެން ތަގުރީރު ދޭށެވެ. އަޑުއަހަން ތިބޭ މީހުން ޝައުގުވެރިވާނީ އެއިރުންނެވެ.
- ތަގުރީރު ދިނުމުގެ ކުރިން ކޮންމެވެސް އެހެން ތަނެއްގައި ފަރިތަކުރާއިރު އަޑުހަރުކޮށް ތަގުރީރު ފަރިތަކުރާށެވެ. ތަގުރީރުގެ ދުވެއްޔާއި ތަގުރީރަށް ނަގާ ވަގުތު ހިނގާ ގޮތާމެދު ވިސްނާށެވެ. އަމިއްލަ ނަފުސަށް ފީޑްބެކް ނުވަތަ ފާޑުކިޔުމެއް ބޭނުންވާ ނަމަ، ފަރިތަކުރާއިރު ތަގުރީރު ރެކޯޑުކޮށްފައި ދެން އަޑުއަހާށެވެ.
- ތަގުރީރުގެ އޮށްޓަރާއި ސްޓައިލް ރަނގަޅުކުރުމަށްޓަކައި އެހެން މީހެއްގެ ތެދުވެރި އަދި އިހުލާސްތެރި ހިޔާލު ހޯދާށެވެ.
- އޯޑިއެންސް ހެއްވާލުމަކީ ނެތް ކަމެއް ނޫނެވެ. ނަމަވެސް އެއީ ހައްދެއްގެ ތެރޭގައި، ވަރަށް ވިސްނުންތެރިކަމާއެކުއެވެ. އެކަށީގެންވާ ގޮތަކަށް މި ކަން ކުރުމުން އެކަކު އަނެކަކާ ހިޔާލު އެއްގޮތްވާ ހިސާބު ދެނެގަނެވޭނެއެވެ. އަދި ތަގުރީރުގައި ބުނި އެއްޗެއް ފަހުން ހަނދާނުން ފުހެވިގެން ނުދާނެއެވެ.
- އަމިއްލަ ނަފުސް ތަރައްގީކުރަމުން އަންނާށެވެ. އެހެން މީހުން ތަގުރީރު ދޭ ގޮތް ބަލާށެވެ. މައުލޫމާތުގެ ހަޒާނާ މުއްސަނދިކުރާށެވެ. އަދި ތަގުރީރު ދިނުމުގެ ހުނަރު އިތުރުކުރުމަށްޓަކައި ގިނަގިނައިން ފަރިތަކުރާށެވެ.
ޑޭލްގެ ފޮތުގައި އަންގައިދެނީ އާއްމު ތަގުރީރުކުރުމުގެ ހުނަރު ތަރައްގީވާނީ ފަރިތަކުރުމުންނާއި ހުނަރު އަމިއްލައަށް ވަޒަންކުރުމުންނާއި އަދި އަމިއްލަ ނަފުސު ތަރައްގީކުރަން ބޭނުންވުމުންކަމެވެ. އޭނާ އަލިއަޅުވައިލައިފައިވާ ކަންތައްތައްކުރުމުގައި ދެމިހުރުމުން އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ވަރުގަދަކުރެވި، މުހާތަބުކުރެވޭ މީހުންނާ ގުޅުން ބަދަހިކުރެވި، އަދި ތަގުރީރު ދޭ މީހާއަށް އަސަރުގަދަ ތަގުރީރެއް ދެވޭނެއެވެ.
- ތަރުޖަމާއެއް
