ނެލްސަން މަންޑޭލާއަކީ ދެކުނު އެފްރިކާގައި ކަޅު މީހުންގެ ހައްގުތަކަށް ވަކާލާތުކުރެއްވުމުން 27 އަހަރުގެ ޖަލު ހުކުމެއް ތަންފަޒީކުރެއްވި މީހެކެވެ. މިނިވަންވެ ވަޑައިގަތުމަށް ފަހު ބޭއްވި އިންތިހާބުގައި އޭނާ ރައީސްކަމަށް ވަޑައިގަތެވެ.
ގައުމުގެ އެންމެ އިސް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެއް ދުވަހަކު ރެސްޓޯރަންޓަކަށް ފަރިއްކުޅުއްވަން ހަށިފާރަވެރިޔަކާއެކު އޭނާ ވަޑައިގަތެވެ.
އިށީންނެވުމަށް ފަހު މެންދުރުގެ ކެއުމަށް ބޭނުންވެ ވަޑައިގަތް ކާބޯތަކެއްޗަށް އޯޑަރު ދެއްވިއެވެ. ހަށިފާރަވެރިޔާ އިހުތިޔާރުކުރީ އޭނާ ބޭނުންވި ކެއުމެވެ.
ރެސްޓޯރަންޓަށް ވަދެވޭއިރު ޖެހޭ އެންމެ ފުރަތަމަ މޭޒުގައި މީހަކު އިނެވެ. އޭނާގެ އޯޑަރަށް އިންތިޒާރުކޮށްގެންނެވެ. އޭނާގެ އޯޑަރު އައުމުން މަންޑޭލާ ކުރެއްވި ކަމަކީ އެ މީހާ މަންޑޭލާއާއެކު ކެއުމަށް މަންޑޭލާ އިންނެވި މޭޒަށް އައުމަށް އެދުމަށް އެ މީހާގެ ގާތަށް ހަށިފާރަވެރިޔާ ފޮނުވިއެވެ.
އެ މީހާ މަންޑޭލާ އިންނެވި މޭޒަށް އައިސް އިށީނެވެ. އޭނާގެ ކާބޯތަކެތި އަޅައިފައިވާ ތަށި ވެސް ހިފައިގެންނެވެ.
އެ މީހާ ކަމުން ދިޔަ އިރު އޭނާގެ އަތް ތުރުތުރުއަޅަމުން ދިޔައެވެ. ބަލަމުން ދިޔައީ ވެސް ކާބޯތަކެތި ހުރި ތަށްޓާ ދިމާއަށް އެކަންޏެވެ. މަންޑޭލާއާ ދިމާއަކަށް ނުބަލައެވެ.
ކައި ނިމުމަށް ފަހު އެ މީހާ މަންޑޭލާއާ ސަލާންކުރީ ވެސް މަންޑޭލާއާ ދިމާއަށް ނަޒަރު ނުހިންގައެވެ. މަންޑޭލާ އޭނާއާ ސަލާންކުރެއްވުމުން އޭނާ އިތުރު އެއްޗެކޭ ނުބުނެ ރެސްޓޯރަންޓުން ނުކުމެގެން ދިޔައެވެ.
އޭނާ ދިއުމުން ހަށިފާރަވެރިޔާ މަންޑޭލާއާ ދިމާއަށް ބުންޏެވެ: "އެ މީހާ ވަރަށް ބަލިހެން ހީވެއެވެ. އެ މީހާ ކަމުން ދިޔަ އިރު ވެސް އަތްތުރުތުރުއެޅުމަށް ހުއްޓުމެއް ނާދެއެވެ."
މަންޑޭލާ ޖަވާބުދެއްވިއެވެ: "ނޫނެކެވެ! އެހެނެއް ނޫނެވެ. އޭނާގެ އަތްތުރުތުރުއެޅުމަށް އެހެން ސަބަބެއްވެއެވެ."
މަންޑޭލާ ދެން އިތުރު ތަފުސީލު ދެއްވިއެވެ.
"އެ މީހާއަކީ އަހަރެން ހުރި ޖަލުގެ ޖަލު ބަލަހައްޓާ ވޯޑަންއެވެ. އޭނާ އަހަރެންނަށް އަނިޔާކުރުމުން އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. އަދި އަހަރެންނަށް ބޯ ފެންފޮދެއް ދޭން އޭނާގެ ގާތުން އެދުނީމެވެ. ނަމަވެސް އޭނާ އަހަރެންނަށް މަލާމާތްކުރިއެވެ. އަހަރެންނާ ދިމާއަށް ހީހެދިއެވެ. އަދި ފެން ދިނުމުގެ ބަދަލުގައި އަހަރެންގެ ބޮލަށް ފަހަރުވާ ލިއެވެ.
"އޭނާ މިހާރު ބަލީކީ ނޫނެވެ. އޭނާ ހީކުރީ، މިހާރު ދެކުނު އެފްރިކާގެ ރައީސްގެ ހައިސިއްޔަތުން، އަހަރެން އޭނާ ޖަލަށް ލާނެކަމަށެވެ. އަދި އޭނާ އަހަރެންނަށް ކުރި ކަންތައްތައް އޭނާއަށް ވެސް ކުރާނެ ކަމަށެވެ. ނަމަވެސް އަހަރެންނަކީ އެ ކަހަލަ މީހެއް ނޫނެވެ. މިއީ އަހަރެންގެ ޝަހުސިއްޔަތުގެ އަހުލާގުގެ ބައެއް ނޫނެވެ. އަހަރެންގެ ސުލޫކީ މިންގަނޑުގެ ބައެއް ވެސް ނޫނެވެ.
"ބަދަލުހިފާ ޒާތަށް ވިސްނުން ގެންގުޅުމުން ގައުމުތައް ފަނާވެއެވެ. އެކުވެރިކަން އިސްކުރުމުން ގައުމުތައް ބިނާކުރެވެއެވެ. ޖަލުގެ ދޮރުން މިނިވަންކަމަށް ނުކުތްއިރު އަހަރެންނަށް އެނގުނީ އަހަރެންގެ ހިތުގައިވާ ހުރިހާ ރުޅިވެރިކަމާއި ނަފުރަތު ފަހަތަށް ދޫނުކޮށްލި ނަމަ އަހަރެން އަދިވެސް ހުރީހީ ގައިދީއެއްގެ ގޮތުގައިކަމެވެ."
- ތަރުޖަމާއެއް
