ޝުބްހަމް ކުމާރް ސިންގްގެ ފޮތް "ޔޫ ބިކަމް ވަޓް ޔޫ ތިންކް"ގެ ފޮތުގެ ނަމުގައިވާ ގޮތާ އެއް ގޮތަށް އޭނާގެ ފޮތުގައި ބަލައިލަނީ އެ މީހަކު ވިސްނާ ގޮތެއްގެ މަތިން އެ މީހެއްގެ ޝަހުސިއްޔަތު ބަދަލުކުރެވޭނެ ގޮތުގެ މައްޗަށެވެ. ލަފުޒީ މާނައިން ނަމަ "ތިބާ ބަދަލުވަނީ ތިބާ ވިސްނާ އެއްޗަކަށޭ"ގައި އޭނާ އަލިއަޅުވައިލައިފައިވަނީ އެ މީހެއްގެ ވިސްނުމުގެ މައްޗަށް އަމިއްލަ ބާރު ފޯރުވައި އަދި ރަނގަޅު ވިސްނުން ގެންގުޅެގެން ހަޔާތް ބަދަލުކޮށްލެވޭނެ ގޮތްތަކަށެވެ. މި ބަލައިލަނީ މި ފޮތުގައި އޭނާ ފާހަގަކޮށްފައިވާ 10 ނުކުތާގެ މައްޗަށެވެ.
- އެ މީހެއްގެ ދިރިއުޅުމަކީ އެ މީހާގެ ވިސްނުމުން ބަދަލުކޮށްލާ އެއްޗެކެވެ. ރަނގަޅު މަގުން ވިސްނުމުން ބިނާކުރަނިވި އެއްޗަކަށް ހަޔާތް ބަދަލުކޮށްލެވެއެވެ. އަނެއްކޮޅުން ނުބައި މަގުން ވިސްނުމުން އެ މީހެއްގެ ތަރައްގީގައި ކަސްތޮޅު އެޅި، ރަނގަޅު މަގުން ދިރިއުޅުން ކުރިއަކަށް ނުދެއެވެ.
- އަމިއްލަ ނަފުސާމެދު އަބަދުވެސް ހޭލާ ހުންނަން ޖެހެއެވެ. ސިކުނޑިއަށް އަންނަ ހިޔާލުތަކާއި ކުރެވޭ އަމަލުތަކާމެދުއެވެ. ނަފުސު ތަރައްގީކުރެވޭނީ އެ ތަރައްގީއަށް ހުރަސްއެޅުމަށް ސިކުނޑިއަށް އަންނަނީ ކޮން ކަހަލަ ހިޔާލުތަކެއްކަން ދެނެގަނެވުމުންނެވެ.
- ސިކުނޑީގައި އަށަގަންނުވަންވާނީ ނަފުސުގެ ތަރައްގީއަށް އެޅޭނެ ފިޔަވަޅުތަކެވެ. ކަންތައްތައް ދަސްކުރުމާއި ކެތްތެރިކަމާމެދު ޔަގީންކަން ބޮޑުކުރުމުން ކާމިޔާބާ ހަމައަށް ވާސިލުވާނެއެވެ.
- ދިރިއުޅުމުގެ ލަނޑުދަނޑިތައް ސިކުނޑީގައި ކުރަހައިލައިށެވެ. މި ކަމުގެ ސަބަބުން އެ ކަންތައްތައް ކާމިޔާބުކުރުމަށް ބޭނުންވާ ގޮތްތަކަށް އަމަލުކުރަން ފަސޭހަވާނެއެވެ.
- އަމިއްލަ ނަފުސާ ރަނގަޅު މަގުން ވާހަކަދެއްކުމުން ސިކުނޑީގެ ނާރުތައް މުއާމަލާތްކުރާ ގޮތް ބަދަލުވެއެވެ. އަދި އަމިއްލަ ނަފުސާމެދު އޮންނަ ޔަގީންކަން އިތުރުވެއެވެ.
- ރަނގަޅު ކަންތައްތައް ގުޅެނީ ރަނގަޅު ކަންތައްތަކާއެވެ. އުއްމީދު ކަނޑައިނުލައިހައި ހިނދަކު އަބަދުވެސް ލިބެމުން އަންނާނީ ކާމިޔާބީ އާއި ފޮނި ނަތީޖާއެވެ.
- ބިރުގަތުމާއި ޝައްކާއި ވަހުމުން ދުރުވުމަކީ މުހިންމު ކަމެކެވެ. އޭގެ ބަދަލުގައި ކަންތައްތަކާ ނުބައި މަގުން ވިސްނުމުން ދުރުވުމުންނާއި ހަޔާތުގެ އަމާޒުތަކަށް ވާސިލުވުމަށް ކުދިކުދި ފިޔަވަޅުތައް އެޅުމުގައި ދެމިހުރުން މުހިންމެވެ.
- ލިބޭ ނާކާމީޔާބީތަކާއި ކުރިމަތިވާ ގޮންޖެހުންތަކުގައި ވެސް ހިތްވަރު އެލުވައިނުލައި ކެތްތެރިކަމާއެކު ކަންތައްތައް ކުރުމުގައި ދެމިހުރުމަކީ ދިރިއުޅުމުގެ ކުރިމަގަށް އޮންނަ މިސްރާބު ރަނގަޅު މަގުން ކުރިއަށް ގެންދެވޭނެ ގޮތެވެ.
- ކާމިޔާބު ދިރިއުޅުމަކަށްޓަކައި އެ މީހެއްގެ ވަށައިގެން ރަނގަޅު މާހައުލެއް ބިނާކުރުން މުހިންމެވެ. މިހެން ހެދޭނީ ހިތާއި ރޫހު އުފާކުރުވާ ކަހަލަ ނުފޫޒުތައް ފޯރާނެ ކަންތައްތަކުން ދިރިއުޅުން ފުރާލުމުންނެވެ.
- ހަމައެކަނި ވިސްނުމަކުން އަދި ނުފުދެއެވެ. ހަގީގީ ބަދަލު ގެނެވޭނީ އަމަލާ ވެސް އެކުގައެވެ.
ޝުބްހަމްގެ ފޮތުން ހަނދާންކޮށްދެނީ އެ މީހެއްގެ ދިރިއުޅުމުގެ ހަގީގަތްތައް ބައްޓަންކޮށްދެނީ އެ މީހެއްގެ ވިސްނުން ހުންނަ ގޮތެއްގެ މަތިންކަމެވެ. މިހެންވެ، ހިޔާލުތަކަށް ބަދަލު ގެނެސްގެން އަމަލުތައް ރަނގަޅު މަގުން ބެހެއްޓުމުން ހަޔާތަކީ ކާމިޔާބު އެއްޗަކަށް ބަދަލުކޮށްލެވޭނެކަމެވެ.
- ތަރުޖަމާއެއް
