މި ދިޔަ ޖަނަވަރީ މަހު ޗާޕުކޮށްފައިވާ ފޮތް "ދޯސް ހޫ ލިވް ވިތައުޓް ޑިސިޕްލިން ޑައި ވިތައުޓް ހޮނާ"ގެ ލިޔުންތެރިޔާ ހިޔާރުކުރީ އޭނާގެ ނަން ހާމަ ނުކުރާށެވެ. ހަމައެކަނި "މޮޑަން އަރްޖުނާ"ގެ ނަމުން މުހާތަބުކޮށްފައިވާ ލިޔުންތެރިޔާ މި ފޮތުގައިވަނީ ނަފުސުގެ އަހުލާގު ހިފެހެއްޓުމުން ތިމާގެ ޝަހުސިއްޔަތު ބައްޓަންވާ ގޮތާއި ހަގީގީ މިނިވަންކަން ލިބޭ ގޮތާއި އަދި ނަޒާހަތްތެރި ދިރިއުޅުމެއް ލިބޭ ގޮތަށް އަލިއަޅުވައިލައިފައެވެ.
ފަލްސަފާ އާއި ވިސްނުންތެރިކަން މަސްހުނިކޮށްގެން އެކުލަވައިލައިފައިވާ މި ފޮތުގައި އޭނާ ވަނީ އަމާޒުތަކެއް ކަނޑައަޅައިގެން މާނަވީ ތަރިކައެއް ދޫކޮށްފައި ދެވޭނެ ދިރިއުޅުމެއް ބިނާކުރެވޭނެ ގޮތްތަކަށް ބަލައިލައިފައެވެ. މި ބަލައިލަނީ މި ފޮތުގައި އޭނާ ފާހަގަކޮށްފައިވާ މުހިންމު 10 ނުކުތާއަށެވެ.
- "ޑިސިޕްލިން" ނުވަތަ އަހުލާގަކީ ހަމައެކަނި ކާމިޔާބު ހޯދުމަށް ބޭނުންކުރާ އާލާތެއް ނޫނެވެ. މިއީ މީހާގެ ޝަހުސިއްޔަތު ބައްޓަންކޮށްދޭން ވެސް އެހީވާ ކަމެކެވެ.
- ހަގީގީ މިނިވަންކަން ލިބޭނީ އަމިއްލަ ނަފުސުގެ އަހުލާގު ހިފަހައްޓައި އަދި އެ މީހާ އަގުކުރާ ކަންތައްތަކެއްގައި ހިފެހެއްޓުމުންނެވެ.
- ދިގު މުއްދަތުގައި ނަފުސަށް ބަދަލު ގެނެވޭނީ ކޮންމެ ދުވަހަކު އަމަލުކުރާ އާދަތައް ދެމެހެއްޓުމުންނެވެ.
- ދަތި އުނދަގޫ ކަންތައްތައް ބަރުދާސްތުކުރުމުން ކެތްތެރިކަމާއި ނަފުސުގެ ތަރައްގީ ލިބޭނެއެވެ.
- އަހުލާގު ހިފެހެއްޓޭނީ ޒިންމާ ނެގޭނެ ނިޒާމުތަކެއް ގާއިމުކޮށްގެންނެވެ. އެ ގޮތުން، ތިމާއަށް ނަސޭހަތްތެރިވާ މީހުންނާއި ހެޔޮ އެދޭ ރަހްމަތްތެރިންގެ އިރުޝާދު ބަލައިގަތުމުގެ އިތުރުން އަމިއްލަ ނަފުސަށް އަންނަ ހިޔާލުތަކާއި ކުރެވޭ އަމަލުތަކާމެދު ވިސްނުމަކީ މުހިންމު ކަމެކެވެ.
- އެ ވަގުތަކު ހުންނަ މާހައުލާއި ވިސްނުންތަކުން ބޭރު ނުވުން މުހިންމެވެ. މި ކަމުގެ ސަބަބުން ނަފުސު ހޭލާ ހުންނަ ހާލުގައި ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބައްޓަންކުރެވޭނެއެވެ.
- މީހުންނާ ބާއްވާ ގުޅުންތަކުގައި އަހުލާގު ހިފެހެއްޓުމުން އިތުބާރާއި އިހުތިރާމާއި އަދި ބަރޯސާކުރުން އުފެދޭނެއެވެ.
- ވަގުތީ އުފާ ހޯދުމުން ދުރު ކުރިމަގުގެ އަމާޒުތަކަށް ނުރައްކާތެރިކަން ފޯރާނެއެވެ. ކެތްތެރިކަމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
- ޝަރަފުވެރިވެވޭނީ އަހުލާގު ދެމެހެއްޓޭ ދިރިއުޅުމެއްގައި ހިފެހެއްޓުމުންނެވެ.
- އަހުލާގު ހިފެހެއްޓި ދިރިއުޅުމަކުން އެހެން މީހުންނަށް ރަނގަޅު ނުފޫޒެއް ފޯރާނެ ތަރިކައެއް ދޫކޮށްފައި ދެވޭނެއެވެ.
މި ފޮތުގައި މޮޑަން އަރްޖުނާ ހަނދާންކޮށްދެނީ އަހުލާގަކީ އަހަރެމެން ކަސްތޮޅުއަޅުވާ އެއްޗެއް ނޫންކަމެވެ. ނަމަވެސް އެއީ ހަގީގީ މިނިވަންކަމާއި ޝަރަފު ގެނުވައިދޭ ކަންތައްކަމެވެ. ވަކި އަމާޒެއް ސިކުނޑީގައި ކުރަހައިލައިގެން އަދި އަހަރެމެން އަގުކުރާ ކަންތައްތަކުގައި ހިފަހައްޓައިގެން ދިރިއުޅުމުގައި ކުރިއަށް ދިއުމުން އަހަރެމެންނަށް ދުރު ކުރިމަގެއްގައި އިހުތިރާމް ލިބޭނެ ހަޔާތެއް އުޅެވޭނެކަމީ އޭނާ މި ފޮތުގައި ބުނެދީފައިވާ ކަންތަކެވެ.
- ތަރުޖަމާއެއް
