Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އުޑުން "ފަނިފަކުސަ" ފެންނަ ނަމަ ހަދާނީ ކިހިނެތް؟

އިނގިރޭސި ބަހުން މިއަށް ކިޔަނީ "އައި ފްލޯޓާސް"އެވެ. ލަފުޒީ މާނައިން ބަލާ ނަމަ "ލޮލުގައި ބީއްސޭ" އެތެރެ ފެންނަ ތިކިތަކެއް ފާޑެއްގެ އެއްޗެހިތަކެކެވެ.

އެންމެ ފަސޭހައިން އައި ފްލޯޓާސް ފެންނާނީ އުޑު ކަހަލަ ސާފު ތަނަކަށް ބަލައިލުމުންނެވެ. ވައްތަރުވާނީ މައިކްރޮސްކޯޕަކުން ބޮޑުކޮށްލައިގެން ޖަރާސީމު، ވައިރަސް ނުވަތަ ސެލްތަކެއްގެ ސިފައިގައެވެ.

އައި ފްލޯޓާސް ހުންނަނީ ލޮލަށް ފެންނަ މަންޒަރުތަކުގައި، ފެންމަތީގައި އެއްޗެހި ދައުރުކުރާހެން ފްލޯޓްވޭވޭއެވެ.

އާއްމު ގޮތެއްގައި މިއީ ނުރައްކާތެރި އެއްޗެއް ނޫނެވެ. މިއީ މީހާ އުމުރުން ދުވަސްވާ ވަރަކަށް ލޮލުގެ "ވިޓްރިއަސް ޖެލް"އަށް އަންނަ ބަދަލުން ކުރިމަތިވާ ކަމެކެވެ.

ލޮލުގެ ގޮބޮޅީގެ ތެރޭގައި ހުންނަ ވިޓްރިއަސް ޖެލް

ވިޓްރިއަސް ޖެލްއަކީ ލޮލުގެ ލެންސާއި ލޮލަށް ފެންނަ މަންޒަރު ލޮލުގެ ތެރޭގައި "ކުރައިހައިދޭ" ފަށަލަ ކަމަށްވާ ރެޓީނާއަށް ފޮނުވައިދޭ އަލި، ލޮލުގެ ގޮބޮޅި ތެރެއިން ރެޓީނާއަށް ފޮނުވައިދޭ ޖެލްއެއް ކަހަލަ މާއްދާއެކެވެ. ލޮލަށް މަންޒަރު ފެންނަނީ އަލި އެ އެއްޗެއްގައި ޖެހިފައި އަހަރެމެންގެ ލޮލަށް އެ އަލި އެޅި، ލެންސްގެ ތެރެއިން ގޮސް ރެޓީނާއަށް އެޅުމުންނެވެ. ފޮޓޯ ނަގާ ކެމެރާ އީޖާދުކޮށްފައިވަނީ މި އުސޫލުގެ މަތިންނެވެ.

ވިޓްރިއަސް ޖެލްގައި ގިނައީ ފެނެވެ. މީގެ އިތުރުން މި ޖެލްގައި ކޮލަޖަން ފައިބަރާއި އެހެނިހެން ސްޓްރަކްޗަރަލް ޕްރޮޓީން ހުރެއެވެ.

ވިޓްރިއަސް ޖެލްއަކީ ލޮލުގެ ބައްޓަން ދަމަހައްޓައިދޭ އެއްޗެވެ. ރެޓީނާއަށް އަލި ފޮނުވައިދެނީ ވިޓްރިއަސް ޖެލްގެ ތެރެއިންނެވެ.

އައި ފްލޯޓާސް ފެންނަ އެހެން ސަބަބުތަކުގެ ތެރޭގައި ނިއާ-ސައިޓެޑްނެސް ހިމެނެއެވެ. މިއީ ލޮލުގެ ލެންސް ހިފަހައްޓައި މަސްކޮޅު މަސައްކަތްކުރާ ގޮތުން ހަމައެކަނި ކައިރީގައިވާ އެއްޗެހި ސާފުކޮށް ފެނުމެވެ. މިއަށް ޝޯޓު-ސައިޓެޑްވުން ކަމަށް ވެސް ކިޔައެވެ. މިހެން ވުމުން ދުރު ތަންތަން ބަލަން ނަންބަރު އައިނު އަޅަން ޖެހެއެވެ. ނަންބަރު އައިނު ނާޅާ ފެންނާނީ ހަމައެކަނި ކައިރީގައި ހުންނަ ތަންތަން ނުވަތަ އެއްޗެއްސެވެ.

ޑަޔަބީޓީސް ނުވަތަ ހަކުރުބަލި ހުންނަ މީހުންނަށް ވެސް އައި ފްލޯޓާސް ފެންނާނެއެވެ. އަދި ލޮލުގެ ކެޓަރެކްޓް ސާޖަރީ ހަދައިފައިވުމުން ވެސް އައި ފްލޯޓާސް ފެންނާނެއެވެ.

މި ކަންތައް ނުރައްކާވާ ހިސާބަށް ދާނީ ކުއްލިއަކަށް އައި ފްލޯޓާސްގެ އަދަދު އިތުރުވުން، ނުވަތަ ކުއްލިކުއްލިއަށް އަލިތަކެއް ފެނުން، ނުވަތަ ލޮލުން ބަލައިލި ކޮންމެ ދިމާއެއްގައި ހިޔަންޏެއް ހުންނަ ނަމައެވެ. މި ހިސާބުން ޑޮކްޓަރަކަށް ދައްކަންޖެހޭނެއެވެ. ސަބަބަކީ މީގެ މާނައަކީ ރެޓީނާ ވީދައިގެން ދިއުމެވެ. ނުވަތަ އިން ތަނުން ނައްޓައިގެން ދިއުމެވެ. މި މައްސަލަ ބަލަން ޖެހޭނީ ލޮލަށް ދިމާވާ އެމަޖެންސީ ނުވަތަ ކުއްލި ހާލަތެއްގެ ގޮތުގައެވެ.

ހަމައެކަނި އައި ފްލޯޓާސް ފެނުމަކުން ގިނަ ފަހަރަށް ފަރުވާއެއް ބޭނުމެއް ނުވެއެވެ. ނަމަވެސް އައި ފްލޯޓާސް ފެންނަލެއް ގިނަވެ، ނުވަތަ ރެޓީނާއަށް މައްސަލަތައް ކުރިމަތިވެއްޖެ ނަމަ ވިޓްރެކްޓޮމީ ސާޖަރީ ހެދިދާނެއެވެ. މިއީ ރެޓީނާ އާއި ވިޓްރިއަސް ޖެލް އަލުން ރަނގަޅުކުރަން ހަދާ ސާޖަރީއެކެވެ. ބައެއް ފަހަރަށް ލޭޒާ ތެރަޕީ ވެސް ހެދިދާނެއެވެ. ނަމަވެސް މިއީ ނުރައްކާތެރި ކަމަކަށް ވާތީ މިއީ ވަރަށް މަދުން ނޫނީ ފޯރުކޮށް ނުދޭ ފަރުވާއެކެވެ.

އައި ފްލޯޓާސް ނުރައްކާތެރި ނުވާނެ މިންވަރަކަށް ހިފެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އެ ތަކެތި އެއް ކޮޅުން އަނެއް ކޮޅަށް ބީއްސާލުމަށް ލޯ އެކި ކޮޅުކޮޅަށް ހަރަކާތްކުރެވިދާނެއެވެ. މީގެ އިތުރުން ލޮލަށް ފަރުވާ ލިބޭ ކާބޯތަކެތި ކާށެވެ. މީގެ ތެރޭގައި އޮމެގާ-3، ވިޓަމިން އޭ، އަދި ޒިންކް މާއްދާ ހުންނަ ކާބޯތަކެތި ރަނގަޅެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ނުކުރާށެވެ. އަދި ގަވައިދުން ޑޮކްޓަރަށް ދައްކާށެވެ.

އައި ފްލޯޓާސްއަކީ އާއްމު ގޮތެއްގައި ނުރައްކަލެއް ނެތް އެއްޗެކެވެ. ނަމަވެސް މި ތަކެތި މާ ގިނަ އަދަދަކަށް ފެނި، ނުވަތަ ކުރިން ފާހަގަކުރެވުނު މައްސަލަތައް ދިމާވާ ނަމަ، މި ކަމަށް ސަމާލުވެ، ޑޮކްޓަރެއްގެ އެހީ ހޯދާށެވެ.

  • ތަރުޖަމާއެއް