Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އަމާޒުތަކަށް ވާސިލުވުމަށް ވިސްނާ ގޮތް ބައްޓަންކުރުން

ތިބޯ މިއުހިސް ލިޔެފައިވާ ފޮތް "މާސްޓާ ޔޯ ތިންކިން" ނުވަތަ ލަފުޒީ މާނައިން ނަމަ "ތިބާގެ ވިސްނުމުގެ ކޮންޓްރޯލް ތިބާ ނަގާށޭ"ގައި އޭނާ އަލިއަޅުވައިލައިފައިވަނީ ހަގީގީ ދުނިޔޭގައި އަމާޒުފަތްގަނޑުތަކަށް ވާސިލުވުމަށްޓަކައި ތިބާގެ ވިސްނުން ހުންނަ ގޮތް ނުވަތަ "މައިންޑްސެޓް" އާއި ވިސްނުން ގެންގުޅޭ ގޮތް ނުވަތަ "ތިންކިން ޕެޓާން" ގެންގުޅޭނެ ގޮތްތަކަށެވެ.

މި ބަލައިލަނީ އޭނާ މި ފޮތުގައި ފާހަގަކޮށްފައިވާ މުހިންމު 10 ނުކުތާއަށެވެ:

  1. ތިބާގެ ދުނިޔެއަށް ބަދަލު އަންނާނީ ތިބާގެ ހިޔާލާތު ހުންނަ ގޮތުގެ މައްޗަށް އަމަލުކުރެވޭ ގޮތްތަކުންނެވެ. ސަބަބަކީ ތިބާގެ ތަޖުރިބާތަކާއި ދިރިއުޅުމާ ކުރިމަތިލާ ގޮތަށް ނުފޫޒު ފޯރާނީ ތިބާގެ ވިސްނުން ހުންނަ ގޮތަކުންނެވެ.
  2. ވިސްނުންތެރިކަން ހުއްޓުވާލާ ކަހަލަ ހިޔާލުތަކާ ދުރުވާށެވެ. މިވެނި ނުވަތަ އެވެނި ކަމެއް ނުކުރެވޭނެއޭ ހިތަށް ނާރުވާށެވެ. އަބަދުވެސް ހިތަށްއަރުވަންވާނީ ތިބާ ބޭނުންވާ ކޮންމެ ކަމެއް ކުރެވޭނެ ކޮންމެވެސް ގޮތެއް އޮންނާނެ ކަމެވެ.
  3. ކުރެވޭނެ ކަންތައްތަކަށް އަމާޒު ހިފާށެވެ. ތިބާގެ ދިރިއުޅުން ހުރި ހިސާބުން ކުރިއަށްދެވޭނެ ގޮތްތަކާމެދު ވިސްނާށެވެ. ހަމައެކަނި ކަނު ނުވަތަ ހިޔާލީ ދުނިޔެއެއްގެ އުއްމީދުތަކެއް ނުގެންގުޅޭށެވެ. ގެންގުޅެންވާނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން، އުނދަގޫ އަދި ގޮންޖެހުން ބޮޑު ނަމަވެސް ވާސިލު ވެވޭނެ ހުވަފެންތަކެވެ.
  4. ޖަޒުބާތުތަކުގައި ޖެހި އެއަށް މުޅިން ހުސްނުވާށެވެ. ހަމަޖެހިލާށެވެ. ބުއްދި ގަބޫލުކުރެވޭ ނިންމުންތައް ނިންމާށެވެ. ކަމަކާ ކުރިމަތިވާއިރަށް އެ ކަމާ ކުރިމަތިލާންވާނީ ޖަޒުބާތުގައި ޖެހިގެންނެއް ނޫނެވެ.
  5. ސިކުނޑި ކޮންޓްރޯލް ކުރާށެވެ. ހުރިހާ ކަމަކަށް ސަމާލުވެ ހުރެ، ހަޔާތުގެ އަމާޒުތަކަށް ފޯކަސް ކުރާށެވެ. އެ ކަންތައްތަކާމެދު ހިޔާލުތައް އުފައްދައި، ކެތްތެރިކަމާއި ހިތްވަރާއެކު އެ ކަންތައްތަކާ ކުރިމަތިލާށެވެ.
  6. ނަފުސު ތަރައްގީކުރެވޭނެކަމުގެ ވިސްނުންތައް ގެންގުޅޭށެވެ. ކޮންމެ ފޭލިވުމަކީ ހަޔާތަށް ފިލާވަޅެއް ލިބޭ ފުރުސަތެއް ކަމަށް ބަލައިގަންނާށެވެ. ތިބާގެ ނަފުސު ތަރައްގީކޮށް، ތިބާގެ ހުވަފެންތައް ކާމިޔާބުކުރެވޭނެކަމުގެ ގާބިލުކަން ތިބާގައި ހުރި ކަމަށް ގަބޫލުކުރާށެވެ.
  7. ރަނގަޅު މަގުން އަމިއްލަ ނަފުސާ ވާހަކަދައްކާށެވެ. ތިބާގެ އަމިއްލަ ނަފުސަށްކުރާ އިތުބާރާއި ތިބާ ކަންތައްތައް ކުރާހިތްވާނެ ހިތްވަރު ހޯދުމަށްޓަކައި ބިނާކުރަނިވި ގޮތްގޮތަށް އަމިއްލަ ނަފުސާ މުހާތަބުކުރާށެވެ.
  8. ސަމާލުކަން ދޭނީ ހައްލަށެވެ. ހަމައެކަނި މައްސަލައަކަށް ނޫނެވެ. ގޮންޖެހުމަކާ ކުރިމަތިލާއިރު ތިބާގެ ހަކަތަ ހޭދަކުރާނީ އެ މައްސަލައެއް ހަގީގީ ގޮތަކަށް ހައްލުކުރެވޭނެ މަގުތަކެއް ކޮށޭތޯއެވެ.
  9. ފުރިހަމައަށް އަމިއްލަ ޒިންމާ ނަގާށެވެ. ތިބާ އިހުތިޔާރުކުރާ ކަންތައްތަކާއި އެ ކަންތައްތަކުން ނުކުންނާނެ ނަތީޖާތަކަށް ވެސް ތިބާގެ ފުރިހަމަ ޒިންމާ ނަގާށެވެ. އެހެން މީހުންގެ ބޮލުގައި އިލްޒާމް ނާޅުވާށެވެ. އަދި ތިބާ ފޭލިވީ މިވެނި އެވެނި ކަމަކާ ހުރެ ކަމަށް ބުނެ، ލިބޭ ނަތީޖާތަކުގައި އޮތް ތިބާގެ ދައުރުން ރެކެން ނޫޅޭށެވެ.
  10. ސާފު މަންޒަރެއް ހިޔާލުގައި ކުރަހާލާށެވެ. މާނަހުރި އަމާޒުފަތްގަނޑުތަކެއް ހަޔާތުގައި އަތުރާލާށެވެ. ދެން އެ އަމާޒުތަކަށް ދިއުމަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ރާވާލާށެވެ. ކޮންމެ ދުވަހަކު ތިބާގެ އަމަލުތައް ބަހައްޓަންވާނީ މި އަމާޒުތަކަށް ވާސިލުވެވޭނެ މަގަށް މިސްރާބު ބައްޓަންވާނެ ގޮތަށެވެ.

ތިބޯ ލިޔެފައިވާ ފޮތުން ހާމަވަނީ ކަމެއް ކާމިޔާބުވުމުގެ ފެށުމަކީ ތިބާގެ ސިކުނޑީގައިވާ ހިޔާލުތަކުގެ މައްޗަށް ތިބާގެ ކޮންޓްރޯލް ގެނައުންކަމެވެ. ނުބައިކޮށް ވިސްނުމާއި ފައިދާއެއް ނެތް ހިޔާލުތަކުގެ ބަދަލުގައި ތިބާގެ ސިކުނޑި ވިސްނާ ގޮތް ރަނގަޅު މަގަށް ބަދަލުކޮށް، ޖަޒުބާތުގައި ނުޖެހި ނިންމުންތައް ނިންމައި، ދެ ގޮތެއް ނުވެ ކުރިއަށް ދިއުމުން ތިބާގެ އަމާޒުތައް ކާމިޔާބު ކުރެވޭނެކަމެވެ. މި ފޮތުގައި ތިބޯ ބަޔާންކޮށްދެނީ ހަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލައި، ހަގީގީ ދުނިޔޭގައި ހުވަފެންތައް ހަގީގަތަކަށް ހެދޭނެ ގޮތްތަކެވެ.

  • ތަރުޖަމާއެއް