Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އިނގިރޭސި ރަސްގެފާނަށް ޕާސްޕޯޓެއް، ލައިސަންސެއް ބޭނުންނުވަނީ ކީއްވެ؟

އިނގިރޭސި ވިލާތުގެ ތަޚުތައް ރަސްގެފާނު ޗާލްސް ތިނެއް ވަޑައިގަތުމާއެކު ބައެއް ކަހަލަ ހާއްސަ ހައްގުތައް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުން ބައެއް ކަހަލަ ހައްގުތަކުން މަހްރޫމް ވެސް ވެއެވެ.

ޗާލްސްއަށް ލިބިވަޑައިގެންފައިވާ ހައްގުތަކުގެ ތެރޭގައި ޕާސްޕޯޓަކާ ނުލައި ގައުމުތަކަށް ދަތުރު ކުރެއްވުން ހިމެނެއެވެ. ޗާލްސްއަށް ޕާސްޕޯޓު ބޭނުންފުޅުވެ ވަޑައިނުގަންނަވާ ސަބަބަކީ ދަތުރުކުރުމަށް އިނގިރޭސި ވިލާތުން ދޭ ހުރިހާ ޓްރެވެލް ޑޮކިއުމެންޓްތަކަކީ އޭނާގެ ނަމުގައި ރައްޔިތުންނަށް ދޭ ތަކެއްޗަށް ވާތީއެވެ.

ޗާލްސްއަށް ލިބިވަޑައިގެންފައިވާ ހައްގުތަކުގެ ތެރޭގައި ލައިސަންސެއް ނެތި އުޅަނދުފަހަރު ވެސް ދުއްވެއެވެ. ރަސްގެފާނުގެ ހައިސިއްޔަތުން ޗާލްސްއަކީ އިނގިރޭސި ވިލާތުގައި ލައިސަންސެއް ނެތި އުޅަނދުފަހަރު ދުއްވޭ ހަމައެކަނި މީހާއެވެ.

ޕާސްޕޯޓާއި ލައިސަންސް ގެންގުޅުއްވަން ޖެހިވަޑައިނުގަތުމަކީ ހަމައެކަނި ރަސްކަމުގެ މުއައްސަސާގެ ވެރިކަމުގައި ހުންނަވާ މީހަކަށް ލިބިވަޑައިގެންނަވާ ހައްގަކަށް ވާތީ މި ވަގުތު މި ހައްގު ލިބިވަޑައިގެންފައި ވަނީ ޗާލްސްއަށެވެ. އޭނާގެ އަނބިކަނބަލުން ކަމަށްވާ، ރާނީ ކެމިލާ އާއި ޗާލްސްގެ އާއިލާގެ އެހެން މީހުން ވެސް ޕާސްޕޯޓާއި ލައިސަންސް ގެންގުޅުއްވަންޖެހެއެވެ.

އަދި ތަންކޮޅެއް އާދަޔާ ހިލާފު ކަމަކަށް ބަލާއިރު، 12 ވަނަ ގަރުނުން ފެށިގެން އޮންނަ އުސޫލެއްގެ ދަށުން، އިނގިރޭސި ވިލާތުގައި ވެރިފަރާތެއް ނެތް، އަސްދޫނި އާއިލާއަށް ނިސްބަތްވާ "މިއުޓް ސްވޯންސް"އަކީ ވެސް، ރަސްގެފާނުގެ ހައިސިއްޔަތުން މިހާރު ޗާލްސްގެ މިލްކެކެވެ. މިއުޓް ސްވޯންއަކީ އެހެން ސްވޯންތަކާ ބަލާއިރު އެހާ އަޑުގަދަކުރާ ދޫންޏެއް ނޫނެވެ. "މިއުޓް" ކިޔަނީ ވާހަކަ ނުދެއްކޭ، ނުވަތަ އަޑު ނުލެއްވޭ، ނުވަތަ އަޑުމަޑުކޮށް އަޑު ގެންގުޅޭ، ނުވަތަ ހަމަހިމޭން ސްވޯންތަކަކަށް ވާތީ ކިޔާ ނަމެކެވެ.

ޗާލްސްއަށް ލިބިވަޑައިނުގަންނަވާ ދެ ހައްގަކީ ވޯޓު ލުމުގެ ހައްގާއި ސަރުކާރުގެ މަގާމަކާ ހަވާލުވެ ވަޑައިގަތުމަށް އިންތިހާބެއްގައި ވާދަކުރެއްވުމުގެ ހައްގެވެ. ސަބަބަކީ އިނގިރޭސި ރަސްކަމަކީ އެ ގައުމުގެ ސިޔާސީ ކަންތައްތަކުގައި ވަކި ފަރާތަކަށް ނުޖެހެންޖެހޭ މުއައްސަސާއަކަށްވާތީއެވެ.

ޗާލްސްއަށް ލިބިވަޑައިގެންފައިވާ ހައްގުތަކުގެ ތެރޭގައި، އޭނާގެ އަވަހާރަވެފައިވާ މަންމަ، ރާނީ އެލިޒަބަތު ދޭއް ފަދައިން އުފަން ދުވަސް ދެ ދުވަހު ފާހަގަކުރެވެއެވެ.

އިނގިރޭސި ވިލާތުގެ ކޯރެއްގައި "މިއުޓް ސްވޯންސް" ނުވަތަ "ހަމަހިމޭން ސްވޯން" އެ ސޮރުމެންގެ އާއިލާއާއެކު

އެލިޒަބަތުގެ އަސްލު އުފަން ދުވަހަކީ އެޕްރީލް 21 އެވެ. ނަމަވެސް ރަސްމީ ގޮތުން އުފަން ދުވަސް ފާހަގަ ކުރަނީ ޖޫން މަހުގައި އަންނަ ދެވަނަ އަންގާރަ ދުވަހުއެވެ.

ޗާލްސްގެ އަސްލު އުފަން ދުވަހަކީ ނޮވެމްބަރު 14 އެވެ. ފިނި ހަރީފު މޫސުމުގެ ދުވަހަކަށް ވާތީ އޭނާގެ އުފަން ދުވަސް ރަސްމީ ގޮތުން ފާހަގަ ކުރަނީ ޖޫން މަހުއެވެ. އެއީ ހޫނު ރަބީއު މޫސުމުގައި އާއްމުންނަށް އެކަށީގެންވަނީ އެ ކަހަލަ ދުވަސްވަރެއް ކަމަށް ބަލައިފައެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ އިނގިރޭސި ޝާހީ އާއިލާއަށް މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރުދުންނާއި ކުންފުނިތަކަށް ޝާހީ ވޮރެންޓެއް ދޭކަމެވެ. މި ވޮރަންޓް މިހާރު ދެއްވަނީ ޗާލްސްއެވެ. މި ވޮރެންޓް ލިބޭ ފަރާތްތަކުން އެ ފަރާތްތަކުގެ މުދަލާއި ހިދުމަތް އިސްތިހާރު ކުރުމަށް މި ވޮރެންޓްގެ ނިޝާން ބޭނުން ކުރުން ހުއްދައެވެ. މިއީ ދާއިމީ ގޮތެއްގައި ދެއްވާ ހުއްދައެއް ނޫނެވެ. ދޭތެރެދޭތެރެއިން މުދަލާއި ހިދުމަތުގެ ކޮލިޓީ ބައްލަވައި، ޝާހީ އާއިލާއަށް މި ފަދަ ހިދުމަތްތައް ދޭން އެހެން ފަރާތްތަކަށް ވެސް ހުއްދަ ދެއްވައެވެ.

އިނގިރޭސި ވިލާތުގެ ޝާހީ އާއިލާއަށް މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ދޭ މުދަލާއި ހިދުމަތް އިސްތިހާރު ކުރުމުގައި ބޭނުން ކުރަން ރަސްގެފާނު ނުވަތަ ރާނީ ދެއްވާ ޝާހީ ވޮރެންޓްގެ ނިޝާން

އިނގިރޭސި ތަހުތުގައި ވެޑުވިފައި އިންނަ ފަރާތަށް ލިބިވަޑައިގަންނަވާ އެހެން ހައްގުތަކުގެ ތެރޭގައި އޭނާ ތަންތަނަށް ޒިޔާރަތްކުރައްވާއިރު އޭނާއާއެކު އިނގިރޭސި ކަނޑުގެ ސިފައިންގެ ޑޮކްޓަރެއް ދެއެވެ. އަދި ބޭނުންވެދާނެ ކަމަށް ބަލާފައި ލޭ ވެސް ގެންދެއެވެ. އެއީ ރަސްގެފާނު ނުވަތަ ރާނީ ޒިޔާރަތް ކުރައްވާ ތަނުގައި ކައިރި ހިސާބެއްގެ ހޮސްޕިޓަލެއްގައި ސިއްހީ ގޮތުން ރައްކާތެރި އަދި އިތުބާރު ހިފޭ ލޭ ލިބެން ނެތް ނަމައެވެ. ޑޮކްޓަރު ގެންދާ ކުއްލި ހާލަތަށް ބޭނުންވާ ސިއްހީ ސާމާނުގެ ތެރޭގައި ބޭހާއި ހިތް ހުއްޓުމުން ހިތް ހިންގުވަން ބޭނުންކުރާ އާލާތެއް ކަމަށްވާ ޑިފިބްރިލޭޓާ ވެސް ހިމެނެއެވެ.

އިނގިރޭސި ޝާހީ އާއިލާގެ ނަސަބު ރައްކާތެރި ކުރުމަށްޓަކައި ތަހުތުގައި ވެޑުވޭނެ ދަރިފަސްކޮޅުގެ މީހުން އެއް ފްލައިޓެއްގައި ދަތުރުކުރުމަކީ ވެސް މަނާކޮށްފައި އޮންނަ ކަމެކެވެ. އެ ގޮތުން ޗާލްސް އާއި ދޮށީ ދަރިފުޅު، ވަލީ އަހުދު އަދި ޝެހެޒާދު ވިލިއަމް އާއި، ދޮށީ ކާފަ ދަރިކަލުން ނުވަތަ ވިލިއަމްގެ ދޮށީ ދަރިފުޅު ކަމަށްވާ ޝެހެޒާދު ޖޯޖްއަށް އެއް ފްލައިޓެއްގައި އެކުގައި ދަތުރު ނުކުރެވެއެވެ.