މިއީ ވަރަށް ގިނަ މީހުންނަށް ނޭނގޭ ސަބަބެކެވެ. ދަތުރުވަރީގައި މަޑުކޮށްލާ ހޮޓާތަކުގައި މިއީ އާއްމުކޮށް ފެންނަ ކަމަކަށް ވިޔަސް ބައެއް މީހުންނަށް މި ކަމުގެ ބޭނުމެއް ނޭނގެއެވެ.
މިއީ ތިބާ އުޅޭ ގެއާއި ހޮޓާތަކުގެ އެނދުގައި ހުރި އެންމެ ބޮޑު ތަފާތެވެ.
މިއީ ހަމައެކަނި މަންޒަރު ރީތިކޮށްލަން ހޮޓާތަކުން ކުރާ ކަމެއް ހެއްޔެވެ؟
ހޮޓާތަކުން މި ގޮތަށް ކަންތައްތައް ކުރުމުގައި މައިގަނޑު ފަސް ސަބަބެއްވެއެވެ. އެއީ:

- ވަރަށް ގިނަ މީހުންނަށް ހީކުރެވިފައިވަނީ ރަނގަޅަށެވެ؛ މި ފޮތިގަނޑުގެ މައިގަނޑު މަގުސަދަކީ މަންޒަރު ރީތިކޮށްލުމެވެ. ގިނަ ފަހަރަށް މި ފަދަ ފޮތިގަނޑުގެ ކުލައަކީ ބެޑްޝީޓުގެ ހުދު ކުލައާ ތަފާތު ކުލައެކެވެ. މިހެންވެ، އެނދާއި މުޅި ކޮޓަރިއަށް ވެސް ނަލަ ކަމެއް ގެނެސްދެއެވެ. ނަމަވެސް ހަމަ މިއާއެކު ވަރަށް މުހިންމު އެހެން ހަތަރު ސަބަބުވެއެވެ. ދެން މި ބަލައިލަނީ މި ކަމަށެވެ.
- ގިނަ މީހުން ހޮޓާތަކުގައި ތިބެނީ އެއްކޮށް ވަރުބަލި ފިލުވައިލައި ހިތްއުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމަށެވެ. އެނދުގައި ކެއުމަކީ މި ގޮތުން ކުރާ ކަމެކެވެ. ތިރީގައި ހުންނަ ރެސްޓޯރަންޓަށް ނުގޮސް ކޮޓަރިއަށް ކާބޯތަކެތި ގެނުވައިގެން އެނދުމަތީގައި އިނދެ ކާނީއެވެ. އެނދުގެ ބެޑްޝީޓަކީ އާއްމު ގޮތެއްގައި އަލި ކުލައެއްގެ އެއްޗަކަށް ވާތީ ފައިލައިކޮޅުގައި އަޅައިފައި އޮންނަނީ ތަންކޮޅެއް އަނދިރި ކުލައެއްގެ ފޮތިގަނޑަކަށްވުމުން އޭގެ މައްޗަށް ވެއްޓޭ ކާއެއްޗެހި ފާހަގައެއް ނުކުރެވޭނެއެވެ. އަދި މި ފަދަ ފޮތިގަނޑަށް އެޅޭ ސޯސް ފަދަ ކާތަކެތި ދޮވެ ސާފުކުރަން ވެސް މާ ފަސޭހައެވެ. އެއީ މި ފަދަ ފޮތިގަނޑު ހަދައިފައިވަނީ ދޮންނަން ފަސޭހަ ފެބްރިކްއަކުން ކަމަށްވާތީއެވެ. ހާއްސަ ގޮތެއްގައި ކުޑަކުދިން ކާން ބައިންދަން ރަނގަޅީ މި ފޮތިގަނޑު މަތީގައެވެ. އެއީ އެ ކުދިންގެ އަތުން ކާއެއްޗެހި ތަށިން ބޭރަށް ދިއުން އެކަށީގެންވާތީއެވެ.
- ގިނަ ދަތުރުވެރިންގެ އާދަޔަކަށްވެފައިވަނީ އެ މީހުންގެ ޒާތީ ތަކެތި އެނދުމަތީގައި ބޭއްވުމެވެ. ދަބަހާއި ބެކްޕެކާއި ފޯނާއި ލެޕްޓޮޕާއި ކެމެރާތަކަކީ ހިރަފުހާއި ކިލައާއި ޖަރާސީމު އެކުލެވޭ ތަކެއްޗެވެ. މި ތަކެތިން ބެޑްޝީޓުގެ ކުލަ ހަރާބުވެއެވެ. އަދި މި ފަދަ ތަކެތިން ހަޑިވެފައިވާ ބެޑްޝީޓު މަތީގައި އޮށޯތުމަކީ ސިއްހީ ގޮތުން ވެސް ރަނގަޅު ކަމެއް ނޫނެވެ. މިހެންވެ، އެނދުގެ ފައިލައިކޮޅުގައި މި ފަދަ ތަކެތި ބެހެއްޓިދާނެއެވެ. އެއީ މި ތަކެތި ބަހައްޓާނީ ކޮޓަރީގެ ކޮން ތަނެއްގައިތޯ ނިންމެންދެން ވަގުތީ ގޮތުން ވެސްމެއެވެ.
- ޔޫރަޕްގައި މީހުން ވަރަށް ގިނައިން ކޮންމެ ވަގުތެއްގައި ވެސް އެނދުގައި އޮށޯވެދާނެއެވެ. އެއީ ބޫޓާއި އިސްޓާކީނު ވެސް ނުބާލައެވެ. ބޫޓުގައި ހިރަފުހާއި ކިލާ އެކުލެވޭނެއެވެ. އަދި އިސްޓާކީނުގައި ނުބައި ވަސް ހިފައިފައި ހުރެދާނެއެވެ. އެނދުގެ ފައިލައިކޮޅުގެ ފޮތިގަނޑުމަތީގައި ބޫޓު ނުވަތަ އިސްޓާކީނު ޖެހޭ ގޮތަށް އޮށޯވެވޭނެތީ މި ކަމުގެ ސަބަބުން ބެޑުޝީޓު ހަޑިވުމުން ސަލާމަތްކޮށްދެއެވެ.
- ބައެއް ދަތުރުވެރިން ދަތުރުގައި އުޅޭއިރު ކަސްރަތު ކުރުން ކުރިއަށް ގެންދެއެވެ. ނަމަވެސް ކަސްރަތު ކުރާނެ މެޓެއް، މިސާލަކަށް ޔޯގާ ހަދާނެ މެޓެއް، އުފުލަން ބުރަ ކަމަކަށް ވެދާނެތީ، ހޮޓަލުގެ އެނދުގެ ފައިލައިކޮޅުގައި ބާއްވައިފައި އޮންނަ ފޮތިގަނޑަކީ މި ފަދަ ބޭނުންތަކަށް ވެސް ފުދޭ އެއްޗެކެވެ.
މީގެ ފަހުން ތިބާ ދަތުރެއް ކުރާއިރު މި ކަމަށް ސަމާލުކަން ދީފި ނަމަ، ސިއްހީ ގޮތުން ރަނގަޅު ވަގުތުތަކެއް ހޮޓަލުގެ ކޮޓަރީގައި ހޭދަކޮށްލެވޭނެއެވެ.
- ތަރުޖަމާއެއް
