ދިވެހި ބަހުގެ ދުވަހަކީ، އެތައް ގޮތަކުން ފާހަގަވެފައިވާ ވަރަށް ތާރީޚީ ދުވަހެކެވެ. އެއީ، ފަލަކީ ނަޒަރުން ބަލާއިރު މޭސަ ރާހީގެ 25 ވަނަ ދުވަހެވެ. އަދި އެ ރާހީގެ އައްސިދަ ނަކަތުން ހަތްވަނަ ދުވަހެވެ. އެދުވަހަކީ، ރާއްޖެ ހިމެނޭހެން ދެކުނު އޭޝިޔާގެ ވަރަށް ގިނަ ގައުމުތަކުގައި "އިރަވީ އާ އަހަރު" (ފަލަކުގައި އިރު ހިނގާ އަހަރު) ފަށާ ދުވަސްވެސް މެއެވެ.
އެ ދުވަހަށް ދިވެހިރާއްޖޭގައި ބިހުރޯޒު ދުވަހޭ ކިޔައެެވެ. އެ ނަން އެ ދުވަހަށް ކިޔައިފައިވާ ކިޔުމާއި ބިހުރޯޒުކަމަނާ ނުވަތަ ބިހުރޯޒުކަމަނާ މިސްކިތަކާ އެއްވެސް ގުޅުމެއް ނުވެއެވެ. އެ ދުވަހަށް ކިޔައިފައިވާ ނަމަށް ބަލާއިރު "މުލަބައިސާގު" އާއި "ބިހުރޯޒު" ކިޔައެވެ.
"ބިހުރޯޒު" މި ނަމަކީ، އެތައް ބަހެއްގެ އަސަރާއެކު ދިވެހިވެފައިވާ ނަމެކެވެ. ބޭރު ބަސްބަސްހުން މާނަ ކުރާން ބަލާއިރު "ބިހު" އާއި "ރޯޒު" ވަކި މާނައެެއްގައި އޮވެފައި ރޯޒު އެއީ ދުވަސްގެ މާނައިގައި އޮންނަ ބަހެއް ކަމުގައި ވިޔަސް، އެބަސް އެވަނީ އެ މާނަތައް ފިޔަވައި ދިވެހި ވެފައެވެ.
އަދި އެއީ، އިރުވައި މޫސުމުގެ ހޫނާއި މުޅަށް އެޅުމުގެ ސަބަބުން ބިމުގެ ދިރުމަށް އަންނަ ހީނަރުކަން ކެނޑި ބިންދިރޭންޖަހާ ދުވަސް ކަމަށްވެސް ބަލައި އުޅެއެވެ. އައްސިދަ ނަކަތަކީ، ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތަށްވެފައި ހުޅަނގު މޫސުމުގެ ވިއްސާރަ މޫސުމަކީ ބުރުނު ނަކަތުން ފެށިގެން ހެއިނަކަތުގެ ނިޔަލަށް ކަމުގައި ބަލައި އުޅުނެއް ކަމަކު، އައްސިދަ ނަކަތުގެ ހަތްވަނަ ދުވަހަކީ، ވިއްސާރަ ވުމުގެ ފެށުން ކަމުގައި ބަލާ ދުވަހެވެ. އެދުވަހު ވާރޭ ނުވެހި ދިއުމަކީ، ވަަރަށް މަދު އަހަރެއްގައި މެނުވީ ނުވެދާ ކަމެއްވެސް ނޫނެވެ. މިއަދުވެސް މާލެއަށް ވާރޭ ވެހިއްޖެއެެވެ.
ބިހުރޯޒު ދުވަސް ދިމާވަނީ މޭސަ ރާހީގެ 25 ވަނަ ދުވަހާއެވެ. މޭސަ ރާހި (ޙަމްލު ބުރުޖު / އޭރީސް ސައިން) އަށް އިރު ވަންނަ ދުވަހަކީ މާރިޗު މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އެއީ، ފަސްބަދުރުވަ ނަކަތުގެ 10ވަނަ ދުވަސްވެސް މެއެވެ.
ބިހުރޯޒު ދުވަސް ނަކަތުގެ ގޮތުން ދިމާވަނީ އަބަދުވެސް މޭސަ ރާހީގެ އައްސިދަ ނަކަތުގެ ހަތްވަނަ ދުވަހާއެވެ. އައްސިދަ ނަކަތުގެ ހަތްވަނަ ދުވަހަކީ، އަބަދުވެސް އޭޕްރީލް މަހުގެ 14ވަނަ ދުވަހެވެ.
ބިހުރޯޒު ދުވަހަށް ބިހުރޯޒު ދުވަހޭ ދިވެހީން ކިޔާ ބަހަވީ ސަބަބާމެދު، ރާއްޖޭގެ ބަހަވީ ޢިލްމުވެރީންކުރެ އިސްއުސްތާޒު ޢިޔާޒު ޖާދުﷲ ނަސީމު ވިދާޅުވެފައިވަނީ، އެ ދުވަހަށް ދިވެހީން ބިހުރޯޒު ދުވަހޭ ކިޔައި ނަންދީފައި އޮންނަ އޮތުން، ތުރިޕޫރާއާއި މިޒޮރާމްގައި ކިޔާ ގޮތާ ވެސް ގުޅުން އެބަ ހުރި ކަމަށެވެ. އަދި ތުލުނާޑުގައި ކިޔާ ބިސުއާ ވެސް ގުޅުން އެބަހުރި ކަމަށެވެ. އަދި ސީނު، ހާއަށް ބަދަލުވުމުން ބިސުއަކީ ބިހު ކަމަށް ވަދަލުވެގެންދާ ދިއުމާވެސް ގުޅުން ހުރި ކަމުގައެވެ. އަދި ކެރެލާގައި ކިޔާ ވިޝުއާ ވެސް ގުޅުން ހުރެފައި، ވާވު، ބާއަށް ބަދަލުވާ ގޮތާވެސް ގުޅުން ހުރުމުން، "ވިދޭޝީ" "ބިދޭސީ" އަށްވެ، ޝީނު، ވެސް ސީނަށް ބަދަލުވާ ގޮތްތައް ފެންނާން ހުންނާތީ، ވިޝު އާއި ބިހުއަކީ ވެސް އެކައްޗެއް ކަމުގައި ނުބެލޭނެ ހަމައެއް ނެތްކަމަށެވެ. އެގޮތުން މުޅި މި ދެކުނު އޭޝިޔާއާވެސް އެ ނަމުގައި ގުޅުން އެބަހުރި ކަމަށެވެ. އަދި ދުވަސް އެ ލަފުޒަށްވާ ބައި ދިވެހީން ނަގާފައި އޮތީ ފާރިސީ ބަހުން ކަމަށެވެ.
މިއަދު ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވޭ ސަބަބަކީ، ދިވެހިބަހުގެ ރޮނގުން ރާއްޖެދުށް އެންމެ މޮޅު އަދީބުންކުރެ، ފަހުގެ ޖީލުތަކަށް އެންމެ މަޝްހޫރު ބަހަވީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން މިއަދު އުފަންވެވަޑައިގަތުން ހިމެނެއެވެ. އެމަނިކުފާނަށް މިއަދު ނިސްބަތް ކުރެވެނީ އެމަނިކުފާނުގެ ދިވެހިބަހަށް ކުރައްވާފައިވާ މަތިވެރި ޚިދުމަތުގެ އަގު ވަޒަން ކުރުމާއެކު އެމަނިކުފާނުގެ ޒިކުރާ ރަސްމީ ސިފައެއްގައި ފާހަގަ ކުރެވޭނޭ ގޮތެއް އޮތުން މުހިންމު ކަމުގައި ވެގެންނެވެ.
އެމަނިކުފާނަކީ، އަދަބިއްޔާތުގެ ރޮނގުން ރާއްޖެ ދުށް އެންމެ ފުންނާބުފުޅު އުސް ބޭފުޅުންގެ ތެރެއިން އެއްވަނަ ދަރަޖައިގައި ހިމެނޭ ބޭފުޅެކެވެ.
އެކަން އެމަނިކުފާނުގެ އުފަން ދުވަހާ ގުޅުވައިގެން ޅެންބަހުން ބަޔާން ކުރައްވާފައިވާ އަންނަނިވި ދެ ބައިތުން އެކަނިވެސް އެ މަނިކުފާނުގެ ޅެންވެރިކަމުގެ ކުޅަދާނަފުޅުކަން ވަރަށް ރަނގަޅަށް ވަޒަން ކުރެވޭނެއެވެ.
އެ ދެ ބައިތަކީ:
މި ދެ ބައިތަށް ބަލައިލާއިރު ފެންނަނީ އާދައިގެ ޅެންވެރިކަމެއް ނޫނެވެ. ޢަރަބީގެ ވިޔަ އަކުރުގައި ފިލި ޖައްސަވައިގެން ވިދާޅުވެ ދެއްވައިފައި އެވަނީ އެމަނިކުފާނު (މޫސާގެ ފުތް ހުސެންދީ) ހިޖުރީގޮތުން 1298 ވަނަ އަހަރުގެ ޖުމާދަލްއޫލާ މަހުން 15ވީ ބުރާސްފަތި ދުވަހު އުފަންވެވަޑައިގަތް ކަމަށެވެ.
ދެވަނަ ބައިތުގައި ވިދާޅުވެފައި އެވަނީ، އެމަނިކުފާނުގެ ޢުމުރުފުޅުން 15 އަހަރުފުޅު ފުރުން އެ މީލާދީ ގަރުނުގެ ހިޔަ އަހަރު (1896) ގެ އޭޕްރީލް މަހުން 14 ވީ ދުވަހާވެސް ދިމާވި ކަމަށެވެ.
އެފަދަ މޮޅު ޅެންވެރި އުފެއްދެވުމެއް އުފައްދަވައި ދައްކަވައިދެއްވައިފައިވާތީ، އެމަނިކުފާނުގެ ބަހަވީ، އަދަބީ، އަދި ފިކުރީ ޢިލްމުވެރިކަމުގެ މަތިވެރިކަމުންކަމާމެދު ސުވާލެއް، ޝައްކެއް، ވެސް އުފައްދާނޭ ޖާގައެއް ނެތެވެ.
އެހެންކަމަށްވާތީ، ބިހުރޯޒު ދުވަހަކީ، ރާއްޖޭގައި ފާހަގަނުވެ ނުދާނޭ ދުވަހަކަށް އެވަނީ ވެފައިތާއެވެ.
ރާއްޖެއަކީ، ޓޫރިޒަމްގެ މައްޗަށް އިޤްތިޞާދު ބިނާވެފައިވާ ގައުމަކަށްވާތީ ދިވެހީންގެ ޓޫރިޒަމް ހިންގާ ފަރާތްތަކުންނާއި ރިސޯޓުތަކުން، ކުލަގަދަ ގޮތެއްގައި ވެސްޓިވަލްތަކާއި އެކިއެކި ސަގާފީ އިވެންޓުތަކާއެކު، ދިވެހީންގެ އާ އަހަރެއްގެ ގޮތުގައި އެދުވަސް ފާހަގަ ކުރާން ފަށައިފިނަމަ ޓޫރިޒަމަށް ނަފާގެ ގޮތުން ވަރަށްވެސް ރަނގަޅު ނަތީޖާއެއް އިތުރުވެ ފެނިގެން އަންނާނެ ކަމެއްކަމަށް ފެނެއެެވެ.
އެހެނީ، އޭރުން އެ ދުވަހަކީ، މީލާދީ އާ އަހަރު ފާހަގަކުރާ ކުރުމުގެ އިތުރުން، އެ ދުވަހަކަށްޓަކައި ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާ ދުވަހަކަށްވެ، ޓޫރިސްޓުން އައުން އިތުރުވުމުގެ ސަބަބަކަށްވެ، ރާއްޖެއަށް ޓޫރިޒަމުގެ ނަފާ އިތުރުވެގެން އައުމުގެ ސަބަބަކަށްވެސް ވެގެން ނައިހެއް ނުދާނެ ކަމަށް ފެނެއެވެ.