Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ހަނދު ޝައްވާލު މަހުގެ ފުރަތަމަ ކާލު ފުރިހަމަކުރުން

އަހުރެމެން އިސްލާމުން ދުވަސްތަކާއި މައްސަރުތަކާއި އަހަރު ބަލައި ގުނައި ހަދަނީ، ހަނދުގެ ދައުރުވުމުގެ މައްޗަށް ބިނާކޮށެވެ. އެހެން ކަމަށް ވިޔަސް ހަނދުގެ ދައުރަކީ އެންމެނަށް އެއްވަރަށް އެނގޭ ކަމަކަށް ނުވާތީ، ރޯދަމަހާއި ޝައްވާލުމަހުގެ ހަނދާމެދު ތަފާތު ބަސްތައް އިވި ކުޑަކޮށް ޚިލާފުވުމެއްގެ ތެރެއަށް މީސްތަކުން ފެތިގެން ދެއެވެ. އެހެނަސް، އެކަމަކީ، ޒައްރެއްގެ މިންވަރަށް ވެސް ޚިލާފެއް ނޯންނަ %100 އަށް ކަށަވަރުވެ އެނގޭ ހިސާބެއްގެ މަތީގައި މާތްﷲ ލައްވާފައިވާ ކަމެކެވެ. އެކަމަށް އޮންނަ ހިސާބުގެ އަލީގައި ސިކުންތެއްވެސް ތަފާތުވުމެއް ނެތި ހަނދުގެ ދައުރުވުން ދެނެގަނެވޭން އޮވެއެވެ.

އެކަން އެހެން ނުވެނުދާނޭ ތާއެވެ! އެތަކެތި ހިސާބެއްގެ މަތީގައި ލެއްވެވީ މޮޅަށް ދެނެވޮޑިގެންވާ ޢިލްމުގެވެރި މާތްﷲ ސުބްޙާނަހޫ ވަތަޢާލާކަމާ މެދު ޝައްކަކަމެއް އޮތީއެއް ނޫނިއްޔާއެވެ! ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަކުގެ މާނަޔަށް ބަލައިލިޔަސް އެކަމުގެ ދަލީލުތައް ލިބެއެވެ. އެގޮތުން އިރާއި ހަނދު ހިސާބެއްގެ މަތީގައި ލެއްވިކަން އެކަލާނގެ ބަސްފުޅުތަކުން އެނގޭން އޮތުމުން، އެތަކެތީގެ ދައުރު ހިސާބުކޮށްގެން ބަލާން އެނގޭ މީހުންނަށް އެ މޭރުމުން ޤުރުއާނުގައި ހުރި، އެކަލާނގެ ބަސްފުޅުތަކުގެ މައްޗަށް ޢަޤްލީ ހެކި ޝައްކެއް ނެތި ލިބިގަނެވެއެވެ.

ކީރިތި ޤުރުއާނަށް ބަލާއިރު ސޫރަތުލް ބަޤަރާގެ 189 ވަނަ އާޔަތުގައި ހުޅެވިތަކާމެދު ރަސޫލު صلّى الله عليه وسلّم ގެ އަރިހުގައި (މީސްތަކުން) ސުވާލު ދަންނަވާނޭ ކަމާއި އެއީ، (ވަގުތު ނުވަތަ ދުވަސްތަކާއި މައްސަރުތަކާއި އަހަރުތައް) އަދި ޙައްޖުގެ ދުވަސްތައް ފާގަހަ ކުރުމަށް ލައްވާފައިވާ އެއްޗެއްކަންވެސް އެ އާޔަތުން ވަރަށް ރަނގަޅަށް އެނގޭން އޮވެއެވެ.

އަދި އެއާޔަތުގައި އޮތް اَلْأَهِلَّةُ (ހިލާލުތައް/ ދިވެހި ބަހުންނަމަ ހުޅެވިތައް) އެއީ، ދިވެހީން މިހާރު ކިޔާހެން "ހުޅެވިހަނދު" ފަދަ އެކައްޗަށް ނިސްބަތްކޮށް ކިޔާ މުފުރަދު (އެކަހެރި) ނަމެއް ނޫންކަމާއި އެއީ، (ބުއްދިނެތް ގިނަ ތަކެއްޗަށް) ޢަރަބި ބަހުން ނިސްބަތްކުރާ، ޢައިރު ޢާޤިލު ޖަމްޢުއެއްކަން އެނގޭން އޮންނަ އޮތުމުން، އެއީ، 28 ހުޅެވީގެ މައްޗަށް ބިނާވެގެންވާ ނަންތަކެއްކަންވެސް ވަރަށް ސާފުކޮށް އެނގޭން އޮވެއެވެ.

އެހެނަސް ސޫރަތު ޔޫނުސުގެ 39 ވަނަ އާޔަތުގެ މާނައިން އެނގޭން އޮންނަ ފަދައިން އެކަމެއްގެ ޢިލްމު ކަޝްފުވެގެން އައުމުން ނުވަތަ އެމީހަކަށް އެނގުމުން ނޫނީ އޭގެ މާނަ ދޭހަ ނުވާ ކިތަންމެ ކިތަންމެ އާޔަތެއް ޤުރުއާނުގައި ހުރިފަދައިން އެކަންވެސް ހިމެނިގެންވާކަމަށް ޤަބޫލު ކުރާން ޖެހެއެވެ.

އެގޮތުން ބަލާއިރު، ހަނދުމަހުގެ އަށް ވަނަ ހިލާލަކީ، ނުވަތަ އަށް ވަނަ ހުޅެތްވަކީ، ޙައްޖުގެ ދުވަސްތައް ދެމެގަތުމަށް ލައްވާފައިވާ އެއްޗެއްކަމަށް އޮންނަ އޮތުމަށް ނަޒަރު ހިންގާއިރު، ހަނދުމަހުގެ ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހަކީ އޮޅޭނޭ ދުވަހެއް ނޫނެވެ. ތަމައްތަޢު ޙައްޖު އަދާކުރާ މީހުން ޙައްޖަށް އިޙުރާމް ބަންނަ ދުވަހަކީ ޙައްޖުމަހުގެ އަށް ވަނަ ދުވަހެވެ.

އެ ސަބަބަށްޓަކައި އަބަދުވެސް ހަނދުމަހުގެ ހަތް ވަނަ ދުވަހުގެ އިރު އެބަޔަކަށް ނުވަތަ އެބަޔަކު ތިބި ޠޫލެއްގެ ނިސްބަތުން އޮއްސޭ ވަގުތު، ފަޅިހަނދެއްގެ ގޮތުގައި ހަނދު، އެބައެއްގެ ބޯމަތީގައި ހުރެއެވެ. އެބަހީ، އެރެޔަށް އިރު އޮއްސޭ ވަގުތު އެބައެއްގެ މެރީޑިއަން ލައިނަށް ހަނދު އާދެއެވެ. ބައެއް މައްސަރުގައި ކުޑަކުޑަ އިރުކޮޅެއް ފަސްވެލުމާ އެކުގައެވެ. ނުވަތަ އިސްވެލުމާ އެކުގައެވެ.

އެއީ، ޙައްޖުމަސްނަމަ ޖެހިގެން އަންނަ ދުވަހަކީ، ޙައްޖަށް އިޙްރާމް ބަންނަ ދުވަސްކަން ކަށަވަރު ކުރެވި، ޙައްޖުގެ ދުވަސްތައް އެއްވެސް އޮޅުމެއް ނެތި ދެނެގަނެވެއެވެ.

އެފަދައިން މި ޝައްވާލު މަހުގެ އަށް ވަނަ ހުޅެތްވާމެދު ބަލައިލާއިރު އަށް ވަނަ ހުޅެތްވަކީ، ހަނދު، މައްސަރެއްގެ ފުރަތަމަ އުއާޓަރ ފުރިހަމަ ކުރުމާ ގުޅިގެން، ދެން އަންނަ ފުރަތަމަ ހުޅެތްވެވެ. އެ ހުޅެވި ފެންނާނީ ހަނދުމަހުގެ ހަތް ވަނަ ދުވަހުގެ ރޭގައެވެ. ހަނދުމަހުގެ އަށް ވަނަރޭގައި ފެންނަނީ އަށް ވަނަ ހުޅެތްވެވެ.

ހަނދު، ހަނދުމަހެއްގެ ފުރަތަމަ ކުއާޓަރ ފުރިހަމަ ކުރާ ދުވަހަކީ ހަނދުމަހުގެ ހަތް ވަނަ ދުވަހެވެ.

އެހެންކަމަށް ވާތީ، މިއަދު (7 ޝައްވާލު/ 5 އޭޕްރީލް) ގެ ހެނދުނު، މާލޭ ގަޑިން 07:15 ގައި ހަނދު ޝައްވާލު މަހުގައި ދުނިޔޭގެ ވަށައިގެން ޖަހާ ބުރުގެ ފުރަތަމަ ކުއާޓަރު ފުރިހަމަކޮށް ދެވަނަ ކުއާޓަރުގައި ހިނގާން ފަށައެވެ.

ހަނދު މި ޝައްވާލު މަހުގެ ދެވަނަ ކާލު ނުވަތަ ކުއާޓަރުގައި ހިނގާން ފަށާފައިވާ ކަމާއި، މި ޝައްވާލު މަހުގެ ހަތް ވަނަ ދުވަހުގެ ރެޔަކީ، (މިރެޔަކީ) ޝައްވާލުމަހުގެ އަށް ވަނަ ރޭކަން ކަށަވަރުވާ އެންމެ ބޮޑު ޢަލާމާތަކީ، މިރޭ މާލެއަށް އިރު އޮއްސޭ ވަގުތު ހަނދު މާލެއަށް މެރީޑިއަން ވުމެވެ.

މިރޭ މާލޭ ގަޑިން 06:47:41 ގައި ހަނދު ހުންނާނީ މާލެ އޮންނަ ޚައްޠު ޠޫލު މަތީގައެއެވެ. ޢަރުޟުގެ ގޮތުން 28 ދަރަޖަ 28 ދަގީގު 42 ސާނިޔާ އުތުރުގައެވެ. އެއީ، މާލެއަށް މިރޭ އިރު އޮއްސޭތާ 33 މިނެޓުގެ ފަހުގެ ހިނދުކޮޅެކެވެ. އެއިން އެނގި ޔަގީންވަނީ ރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއިންވެސް ޝައްވާލު މަސް ފެށުމުގައި ހަނދުގެ ޤުރުދަތީ ދައުރާ އެއްގޮތަށް މި ޝައްވާލު މަހަށް ފަށާފައިވާ ކަމެވެ.