މައުމޫން ފައުންޑޭޝަނުން އިންތިޒާމްކޮށްގެން، އިސްލާމީ މަރުކަޒުގައި ރޭ އޮތް އިޙްޔާ ފޯރަމަކީ، ދީނީގޮތުން ވަރަށް ފައިދާ ހުރި މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވި ފޯރަމެކެވެ. ރޯދަމަސް އިޙްޔާކުރުމުގެ ފޯރަމަކީ، ރައީސް މައޫނުގެ ވެރިކަމުގެ ދެވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ވޭތުވެދިޔަ 45 އަހަރު ތެރޭގައިވެސް އެއްވެސް މެދުކެނޑުމެއްނެތި ރައީސްމައުމޫން ކުރިޔަށް ގެންދަވާ ފޯރަމެކެވެ.
ރޭގެ ފޯރަމުގައި ރައީސް މައުމޫނުގެ އިތުރުން މައުޟޫޢީ ގޮތެއްގައި ވާހަކަފުޅު ދެއްކެވީ ރާއްޖޭގެ ޢިލްމުވެރީންކުރެ މި ޒަމާނުގައި ދީނީ ޢިލްމުގެ ރޮނގުން އެންމެ ފުންނާބުފުޅު އުސް ބޭފުޅެއް ކަމުގައިވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އެމަނިކުފާނުގެ ވާހަކަކޮޅަކީ މިފަހަކަށް އައިސް ނުއިވޭ ފަދަ ޢިލްމީ ވާހަކަކޮޅެކެވެ.
އިސްލާމް ދީނުގައި މުޖްތަމައަށް ދެއްވައިފައިވާ އިސްކަމުގެ އިތުރުން އިސްލާމްދީނުގެ ރުކުންތަކާއި އިޖްތިމާޢީ މަޞްލަޙަތުތަކާ ހުރި ގުޅުމާއި އޭގެ ބޭނުންތެރިކަމުގެ އިތުރުން ޒަކާތް ފޯރުކޮށްދިނުމުގައި އިހާއި މިހާރާ އަޅައިބަލާއިރު ކަންތައްތަކަށް ޒަމާނާ ގުޅިގެން އަންނަމުންދާ ބަދަލުތަކަށާއި އައިސްފައިވާ ބަދަލުތަކާއި ހާލަތުތަކުގެ މައްޗަށްވެސް ވަރަށް ޢިލްމީ ވިސްނުންފުޅާއެކު ނަޒަރީގޮތުން ވަޒީރު ބައްލަވައިލައްވައި އަލިއަޅުއްވައި ލެއްވިއެވެ. ޒަމާނާ ގުޅޭގޮތުން، ބަދަލުވާ ހާލަތާ ގުޅޭ ގޮތަށް ޒަކާތް ފޯރުކޮށްދިނުމުގެ ކަންކަން ހަމަޖައްސާންޖެހޭ އަމާޒުތަކަށް ވިސާނުމާއި ފިކުރު ބަދަލު ކުރަންޖެހިފައިވާކަން ސަބަބާއެކު ވަރަށް ސާފުކޮށް ވިދާޅުވެދެއްވިއެވެ.

އަދި ރައީސް މައުމޫނުގެ މި އިޙްޔާ ފޯރަމް އަބަދުވެސް ދަމަހައްޓަންޖެހޭކަމާއި އެކަން ކުރައްވާނޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި އެމާނިކުފާނުގެ ވާހަކަފުޅުގައި ރައީސް މައުމޫނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައި ރައީސް މައުމޫނު ދީނީ ކަންތައްތަކަށް ކުރައްވާފައިވާ އަގުހުރި ޚިދުމަތްޕުޅުތައް ވަރަށް ރަނގަޅަށް ފާހަގަކުރައްވައި ޝުކުރުވެރި ތާރީފަކުން ތާރީފުވެސް ކުރެއްވިއެވެ.
މިފަދަ އިޙްޔާ ފޯރަމްތަކަކީ ވަރަށް ބޭނުންތެރި، ފައިދާ ބޮޑު ފޯރަމްތަކެކެވެ.
