ދާދި ފަހުން ދައުރުވަމުން އައި ވީޑިޔޯ ފީތާއަކުން ފެންނަ މަންޒަރެއްގައި، މަތީގައި ނަންގަނެވިފައި އޮތް ސުއާލު ދަރިވަރަކު ކުރާތަން ފެނެއެވެ. އާދެ، ހީވާ ގޮތުގައި، އެ ދަރިވަރު އެ ސުއާލުކުރަނީ ބޭކަލަކު ވާހަކަކޮޅެއް ދައްކަވައި އެ ވާހަކަކޮޅު ނިމުމުން، ސުއާލުކުރުމުގެ ފުރުސަތު ހުޅުވާލެވުމުން، އެ ބޭކަލަކާ މުޚާތިބުކޮށެވެ. ނަމަވެސް، އެ ފީތާއިން، އެ ބޭކަލަކު ދެއްވާ ޖަވާބެއް ނުފެނެއެވެ. މިކަމާ ބެހޭ ގޮތުން، އެއްޗެއް ބުނެ، ޝާއިއުކޮށްލުމަށް ހެޔޮ އެދޭ ރަހުމަތްތެރިއަކު އެދިލުމުން، އެއްޗެއް ބުނަން ގަސްދުކޮށް މި ވާހަކަކޮޅު ލިޔެލަމެވެ.
މި ގޮތުން އެއްޗެއް ބުނަން ގަސްދުކުރާއިރު، އެންމެ ފުރަތަމަ ހަނދާންކޮށްލަން ޖެހެނީ، މީހަކު އެއްޗެއް ބުނާއިރު ނުވަތަ ލިޔާއިރު އެ ބުނާ ބުނުމާއި ލިޔާ ލިޔުން ބިނާވެފައި އޮންނަނީ ކުރުން ހީކުރާ ހީކުރުންތަކެއްގެ މައްޗަށެވެ. އެ ބުނާ ނުވަތަ ލިޔާ އެއްޗެއްގެ މާނަ ހަމަޖެހިދިޔުމަށްޓަކައި މި ހީކުރާ ހީކުރުންތައް ސައްހަ ހީކުރުންތަކަކަށް ވާން ޖެހެއެވެ. މިސާލަކަށް، ތިހަރަ ކުޑަދޮރު ހުޅަވާލަ ބަލާށޭ ބުނާއިރު، އެ ބުނުން ބިނާ ވަނީ އެ ކުޑަދޮރު ލެއްޕިފައި ހުރުމުގެ ހީކުރުމުގެ މައްޗަށެވެ. ސަބަބަކީ އެ ކުޑަދޮރު ހުރީ ހުޅުވިފައި ކަމަށްވާ ނަމަ، އެ ކުޑަދޮރު ހުޅުވާށޭ ބުނުމުގެ މާނައެއް ނޯންނާނެއެވެ. ހަމަ އެހެންމެ، އެ ކުޑަދޮރު ހުޅުވާށޭ ބުނާއިރު، އެ ކުޑަދޮރު ހުޅުވާލުމުގެ އެކަށޭނަކަން އޮތްކަމަށް ވެސް ހީކުރާނެއެވެ. އެ އެކަށޭނަކަން ނެތް ނަމަ، އެ ކުޑަދޮރު ހުޅުވާކަށް ނުބުނާނެއެވެ. މި މިސާލުން ފާހަގަކޮށްލަން ބޭނުން ވަނީ ކުރިން ބުނި ވާހަކައެވެ. އެއްޗެއް ބުނާއިރު ނުވަތަ ލިޔާއިރު، އެ ބުނާ ނުވަތަ ލިޔާ އެއްޗެއް ހީކުރުންތަކެއްގެ މައްޗަށް ބިނާވެފައި އޮންނަކަމާއި އެ އެއްޗެއް ފަހުމުވެދިޔުމަށްޓަކައި އެ ހީކުރުންތައް ސައްހަ ވާން ޖެހޭ ކަމެވެ.
ދެން، މިކަން ހިތުގައި ބާއްވައި އަސްލު މައްސަލައަށް އެނބުރިލަމާތޯއެވެ. ކުރިން ނަންގަނެވުނު ވީޑިޔޯ ފީތާއިން ފެންނަ ދަރިވަރަކު ކުރާ ސުއާލުގެ މައްޗަށް ބަލައިލަމާތޯއެވެ. އާދެ، މާތްﷲ އުފެއްދެވީ ކާކުތޯ އަހައި ކުރާ ސުއާލެވެ. މި ސުއާލު ކުރެވެނީ ވަރަށް ބޮޑު ހީއެއްގެ މައްޗަށް ބިނާކޮށެވެ. އެއީ މާތްﷲއީ ޚަލްގުކުރެވި އުފެދި ވޮޑިގެންވާ ކަލާނގެއެއް ކަމުގެ ހީއެވެ. މިހާރު ސުއާލަކީ މިއީ ރަނގަޅު، ސައްހަ ހީއެއް ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި އުފެދި ވޮޑިގެންވާ އެއްޗަކަށް ހައްގުވެގެން އިލާހެކޭ ނުކިޔޭނެއެވެ. އެފަދަ އިލާހުން އުފައްދާ ފަރާތެއް އޮންނާނެއެވެ. މިސާލަކަށް ބުދެއް އިލާހެއް ކަމުގައި ހަދާއިރު އެ ބުދު އުފެއްދީ އިންސާނެއްކަން އެނގޭނެއެވެ. ނަމަވެސް، މާތްﷲއީ އެފަދަ އިލާހެއް ހެއްޔެވެ؟ މާތްﷲ މާތްﷲއަށް ވުން ލާޒިމުކުރަނީ އެކަލާނގެއީ އުފެއްދުމެއް ނެތި ވޮޑިގެންވާ ރަސްކަލާނގެއެވެ. އެހެންވީމާ، މާތްﷲ އުފެއްދެވީ ކާކުތޯ އަހައި ކުރާ ސުއާލު ބިނާވެފައި އޮންނަ ހީކުރުން ސައްހައެއް ނުވާތީ އެ ސުއާލަކީ ސައްހަ ސުއާލެއް ނޫނެވެ. މިހިރަ ދިހަ ބުރީގެ އިމާރަތް ކޮނޑަށްލައިގެން ގެންދާށޭ އެހެން އިންސާނެއް ގާތު ބުއްދި ސަލާމަތުން ހުރި މީހަކު ނުބުނާނެއެވެ. އެހެން ބުނެވޭނީ އެ ބުނުން، އެކަން ކުރުމުގެ އެކަށޭނަކަން އޮތް ކަމުގެ މައްޗަށް ބިނާވާތީއެވެ. އެއީ މުސްތަހީލު ކަމަކަށްވާތީ އެ ސުއާލެއް ހަމަ ބުއްދީގެ ވެރިޔަކު ނުކުރާނެއެވެ.
ދެން، އުފެދޭ ސުއާލަކީ އުފެދުމެއް ނެތި ވޮޑިގެންވުން ހިތަށް ތަސައްވުރު ކުރެވިދާނެ ހެއްޔެވެ؟ މިއީ މުޅިން އެހެން މައްސަލައެކެވެ. މާތްﷲ ނޫން އެހެން ކޮންމެ އެއްޗަކީ ވެސް އުފެއްދިފައިވާ އެއްޗެކެވެ. ނަމަވެސް ހައްގު ކަލާނގެއަށް އެކަލާނގެ ވުމުން، މިކަން ނިޔާކުރަނީ އެކަލާނގެއީ ޚަލްގުކުރެވުމެއް ނެތި ވޮޑިގެންވާ ކަލާނގެއެވެ. ދާދި ފަހަކާ ޖެހެންދެން، ސައިންސު ދުށް ގޮތަކީ ކައުނަކީ އުފެދުމެއް ނެތި އޮތް އެއްޗެއްކަމެވެ. އެ ދުވަސްވަރު ސައިންސުގެ ނަމުގައި މިވާހަކަ ދެއްކި އިރު، އުފެދުމެއް ނެތި އެއްޗެއް ވުޖޫދުގައި ވެދާނެކަން ހިތަށް ގެނައުން އުނދަގޫކަމަކަށް ނުވެއެވެ. ޝައްކެއް ނެތް ގޮތުގައި މިއަދު ސައިންސު ދެކެނީ ކައުނަކީ ވެސް އުފެދުމެއް އޮތް އެއްޗެއްކަމެވެ. މި ވާހަކަ ނަންގަނެލަން ޖެހުނީ އުފެދުމެއް ނެތި ވުޖޫދުގައި އިލާހަކު ހިތަށް ގެނައުމަކީ އުނދަގޫކަމެއް ނޫންކަން ފާހަގަކޮށްލުމުގެ ގޮތުންނެވެ.
(ތިރީގައި ވީޑިޔޯ ފީތާގައި މި މައްސަލައިގެ މައްޗަށް ބަލާލެވި، ޖަވާބެއް ދެވިފައި ވެއެވެ.)

